English Edition
Dhivehi Edition

މާދަމާއިން ފެށިގެން މާލޭގައި ވިޔަފާރި ހުއްދަ ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އަންގައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި ހުރިހާ ވިޔަފާރި ހުއްދައެއް ދޫކުރުމަށް، ޖޫން 05 އިން ފެށިގެން ހަމަޖެހިފައިވަނީ ފުލުހުންގެ ޕަރމިޓް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އެހެންކަމުން މާދަމާ އިން ފެށިގެން ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރެވޭނެ ތަންތަނާއި، އިލްކެޓްރޯނިކް ޒަރީޢާއިން އޯޑަރު ދިނުމުން މުދާ ޑެލިވަރކުރުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ތަންތަނުގެ އިތުރުން ކޮންޓެއިނަރ ކްލިއަރިންގް، ވޯކްޝޮޕް، ރެންޓަލްސް ފަދަ މަސައްކަތްތައް ކުރާ ތަންތަން އަދި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ހިންގާ އޮފީސްތަކުގައި، ކަސްޓަމަރުންނަށް ހުޅުވާނުލައި، މަސައްކަތް ކުރުމަށް ހުއްދަ ހޯދުމަށް އެދި ފުލުހުންނަށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ނަމަވެސް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުން އޮފީހުގައި މަސައްކަތްކުރުމަށް އެދި، އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާނަމަ، މި ބަދަލާއި ގުޅިގެން އިތުރު ހުށަހެޅުމެއް ފޮނުވަން ނުޖެހޭނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.