English Edition
Dhivehi Edition

ކޮވިޑް-19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ތަޢާރަފްކޮށްފައިވާ ބައެއް ޚާއްޞަ އޮފަރތަކުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އެގޮތުން އުރީދޫން ބުނީ ޖޫން 15 ގެ ކުރިން އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކަށް 50% އިތުރު ޑޭޓާ ހިލޭ ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25% ޑޭޓާ ޖޫން މަހުގެ ނިޔަލަށް ލިބިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން، ސުޕަރނެޓް ފިކްސްޑް ބޮރޯޑްބޭންޑް ކަސްޓަމަރުންނަށް ދުވާލަކަށް 5 ޖީބީ ޑޭޓާ ލިބޭއިރު، ނަންގަވާފައިވާ ސުޕަރނެޓް ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، އެދުވަހަކަށް ލިބޭ މި 5ޖީބީ ޑޭޓާ، އެޕް މެދުވެރިކޮށް ހިލޭ އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން އިތުރަށް ބުނީ ފަސޭހަ މިނީ އަލަށް ނަންގަވާ ކަސްޓަމަރުންނަށް 50% ބޯނަސް ޑޭޓާ ޖޫން މަހަށް ލިބިވަޑައިގަންނަވާނެ ކަމަށާއި، އެމް-ފައިސާ މެދުވެރިކޮށް ސުޕަރނެޓް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ބިލް ދެއްކެވުމުން ބިލްގެ %5 އަނބުރާ އެމް-ފައިސާ ވޮލެޓަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އުރީދޫން ބުނީ އެ ކުންފުނިން އެގޮތަށް ނިންމާފައިވަނީ ކޮވިޑް-19 ޕެންޑެމިކް ކުރިއަށްދާ ހިނދު އެއްވެސް މެދުކެނޑުމަކާ ނުލައި، ލުއިފަސޭހަކަމާއެކު، ފޯނާއި އިންޓަނެޓް މެދުވެރިކޮށް މުޖުތަމައުއަށް ފުރިހަމަ މަޢުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލުބަލާ ގުޅުން ބޭއްވުމުގެ ފުރުސަތު ލިބުމަކީ މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެކަމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރާއި، އެޗް.ޕީ.އޭ އަދި ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން ކޮވިޑް-19 އާ ގުޅޭގޮތުން ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި އުރީދޫ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކުރިޔަށް އޮތް ތަނުގައިވެސް ދެމުންގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.