English Edition
Dhivehi Edition
މާލެއިން އައްޑުއަށް އައި މީހުން ކަރަންޓީން ކުރުމަށްޓަކައި ހެރެތެރެއަށް ދާން ފުރަނީ/ފޮޓޯ އ.ސަމަދު

ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ކޮރޯނާ ވައިރަހާއި ހަނގުރާމަ ކުރަމުންދާ މީހުންގެ އަދަދު 3 މިލިއަނަށް ވުރެ ގިނަވެ މިބަލި މިހާތަނަށް ދުނިޔޭގެ 6 މިލިއަން މީހުންނަށް ޖެހިއްޖެއެވެ. މިބަލިން އަރައިގަތުމަށް ހަދަން ފަށާފައިވާ ވެކްސިންގެ އުއްމީދު ހަގީގަތަކަށް ވުމަށް އަދިވެސް އެތައް ދުވަހެއް އެބައޮތް ކަމަށް ގަބޫލު ކުރެވި ގައުމުތަކުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅު ތަކަށް ލުޔެއްދީ ޢާއްމުން ބޭރުތެރޭ އުޅެން ދިން ފުރުސަތާއެކު ފައްސިވާ މީހުންގެ ޢަދަދު އަދިވެސް އިތުރުވަމުންދާނެ ކަމަށް ބެލެވެއެވެ.

 

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން އިން ފެނުނު މިވައިރަހުގައި މިހާތަނަށް ދުނިޔޭގެ 366800 އަށް ވުރެ ގިނަ މީހުން މިވަނީ ދުނިޔެ ދޫކޮށްފައެވެ.

ބަލި ޖެހުނު މީހުންނާއި ބަލީގައި މަރުވި މީހުންގެ ނިސްބަތުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އެމެރިކާއަށެވެ. 1.79 މިލިއަން މީހުން ބައްޔަށް ފައްސިވެ އޭގެ ތެރެއިން އެގައުމުގެ އެއް ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދެވަނަ އަށް އެންމެ ކުރީގައި ބްރެޒިލް އޮތް އިރު އެ ޤައުމުގެ 468000 މީހުންނަށް ބަލިޖެހި 28 ހާސް މީހުން މަރުވެފައިވެއެވެ. 3 ވަނައަށް އެންމެ ގިނަ މީހުން ފައްސިވި ޤައުމަކީ 380000 މީހުންނާއެކު ރަޝިޔާއެވެ. ހަތަރުވަނައަށް 2،70000 މީހުންނާއެކު އިނގިރޭސި ވިލާތް އޮތްއިރު ސްޕެއިން ، އިޓަލީ އަދި ފްރާންސް އާއި ޖަރުމަން ވިލާތް ވެސް ވަނީ 2 ލައްކަ ނޫނީ އެއަށްވުރެ ގިނައިން ބައްޔަށް މީހުން ފައްސި ވެފައެވެ.

ލޮކްޑައުންއަށް ލުޔެއް ދިނުމުގެ ގޮތުން ބުރާސްފަތި ދުވަހުން ފެށިގެން އިނގިރޭސި ވިލާތާއި ފްރާންސް ފަދަ ޤައުމުތަކުގައި ބޭރަށް ނުކުމެ އުޅުމާއި ވިޔަފާރި ކުރުންފަދަ ކަންކަން ހުއްދަ ކުރި ކަމުގައިވިޔަސް ދުނިޔޭގެ ގިނަ ޤައުމުތައް އަދިވެސް އޮތީ ލޮކްޑައުންގެ ޙާލަތުގައެވެ.

ރޯމް ގެ މިއުޒިއަމެއްކައިރިން އިލެކްޓްރިކް ސްކޫޓަރ އެއް މީހަކު ދުއްވަނީ/ފޮޓޯ އޭއެފްޕީ

ފްރާންސް ގައި ރެސްޓޯރަންޓް ތަކާއި މިއުޒިއަމް ފަދަ ތަންތަން އަންނަ ހަފްތާއިން ފެށިގެން ހުޅުވަން ނިންމާއިރު އިނގިރޭސިވިލާތުގައިވެސް ބައެއް ސްކޫލްތައް ހުޅުވަންވެސް ދަނީ ތައްޔާރުވަމުންނެވެ. ކުޅިވަރުގެ މައިދާނަށް ބަލާއިރު އިންގްލިޝް ޕްރިމިއަރ ލީގް ގެ އިތުރުން ގިނަ ކުޅިވަރު ހަރަކާތްތަކެއް ޖޫން މަހުގެ މެދާއި ހަމައިން ފެށުމަށްދަނީ ތައްޔާރު ވަމުންނެވެ.

މިގޮތަށް ހުޅުވުމާއެކު ބައެއް ޤައުމުތަކުގައި އިތުރަށް ނުރައްކާ ބޮޑުވެ އަލުން ބަންދު ކުރަންޖެހުނު ޤައުމު ތަކެއްވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ސައުތު ކޮރެޔާ އަދި ސްރީލަންކާ ހިމެނެއެވެ.

ސައުތު ކޮރެޔާ އަކީ އެކިޔާ ގުދު ސީދާ ކުރުމުގައި ދުނިޔެއަށް ނަމޫނާ ދެއްކި ޤައުމަކަށް ވެފައި ލިބުނު ކާމިޔާބީ އާއިއެކު މިއުޒިއަމާއި ޕާކްތަކާއި އާޓް ގެލަރީތައް ހުޅުވުމުގެ ނަތީޖާއެއްގެ ގޮތުން ބަލި އިތުރަށް ގޯސްވެ ހުކުރު ދުވަހުންފެށިގެން ވަނީ އިތުރު 2 ހަފްތާއަށް އަނެއްކާވެސް ކުރީގެ ޙާލަތަށް އެނބުރި ރުޖޫޢަވެފައެވެ.

އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އިންޑިއާ އަކީ މިބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޤައުމެވެ. މާޗް 24 އިން ފެށިގެން މުޅި ޤައުމު ލޮކްޑައުން ކޮށްފައިވާ އިރުވެސް ބައްޔަށް ފައްސިވާ މީހުންގެ ޢަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންނެވެ.އެޤައުމު 4 ވަނަ ފަހަރަށް ކޮށްފައިވާ ބަންދު ނިމޭނީ މާދަމާގެ ނިޔަލަށެވެ. ހުކުރު ދުވަހު އެކަނި އިންޑިއާގެ 7467 މީހަކަށް ބަލިޖެހިފައިވާއިރު 175 މީހަކު ވަނީ މަރުވެފައެވެ. އިންޑިއާގައި މިހާތަނަށް 173491 މީހުންނަށް މިބަލި ޖެހިފައިވެއެވެ. އިންޑިއާއިން މަރުވެފައިވަނީ 4980 މީހުންނެވެ.

 

އޭޕްރީލް 15 އިން ފެށިގެން ރާއްޖެ ވެސް ގުނާލެވެނީ ކޮވިޑް 19 ފެތުރިފައިވާ ޤައުމެއްގެ ގޮތުގައެވެ. ރާއްޖޭގައި މިބަލީގައި މިހާތަނަށް މަރުވިމީހުން ނިސްބަތުން މަދުވި ކަމުގައި ވިޔަސް ބަލި ޖެހެމުންދާ ރޭޓަށް ވަކި ބަދަލެއް އައިސްފައެއް ނުވެއެވެ. ރާއްޖޭގައި މިހާތަނަށް 1591 މީހުންނަށް މިބަލި ޖެހި އޭގެ ތެރެއިން 242 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން މަރުވެފައިވަނީ 5 މީހެކެވެ.