English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އުމުރުން ދުވަސްވީ އަންހެނަކަށް، އޭނާގެ އާއިލާ މީހަކު ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

އާއިލާގެ ފަރާތުން ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ބުނީ މިއަދު ހެނދުނު ހިނގި މި ހާދިސާގައި އަންހެން މީހާއަށް ޖިންސީ ގޯނާ ކުރަން މަސައްކަތްކޮށްފައިވަނި އޭނާއަށް ފަހަރި ކިޔާ އުމުރުން 30 އަހަރުގެ ފިރިހެނެއްކަމަށެވެ. މި ހާދިސާ ހިނގި ގޮތުގެ މައުލޫމާތު އޭއޯ ނިއުސް އާއި ހިއްސާކުރަމުން އައިލާއިން ބުނީ މިއަދު ހެނދުނު 07:00 ހާއިރު އެ އަންހެން މީހާ ކުނިކަހަން ހުއްޓާ، ފެންތައްޓެއް ބޯލުމަށްކަމަށް ބުނެ އެ ފިރިހެން މީހާ އެގެއަށް ވަދެފައިވާ ކަމަށާއި އެ ވަގުތު އެގޭގައި އިތުރު މީހެއް ނެތްކަމަށެވެ.

“ކުނި ކަހަން ހުއްޓާ އައިސް ބުނީ ފެންތައްޓެއް ދީބަލާށޭ. ބުނެގެން ފެންތަށި އަޅަން ދިއުމުން ފަހަތުން ބަދިގެއަށް ވަދެ އަންހެން މީހާ އާއި ގަދަ ކަމުން ބަދު އަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރީ. އަންހެންމީހާ ސަލާމަތްވުމަށް ހަޅޭއްލަވަން ފެށުން އަގައިގެ ތެރެއަށް އަތްކޮއްޕާ އަނިޔާވެސް ކުރި. ގާތްގަޑަކަށް ފަނަރަވަރަކަށް މިނިޓްވަންދެން މަސައްކަތްކޮށް ހަޅޭއްލަވައިގެން ސަލާމަތްވީ މީހަކަށް ހަޅޭއްލަވާ އަޑުއިވިގެން އެގެއަށް އައުމުން.” އެ ފަރާތުން ބުންޏެވެ.

އިތުރަށް އެ ފަރާތުން ބުނީ އަންހެންމީހާގެ ކަރަށް އަތް ބޭނުމުން ކަރުން ލޭވެސް އައިސްފައިވާކަމަށާއި ކަރު ވަރަށް ބޮޑަށް ދުޅަވެސްވެފައިވާކަމަށެވެ. އެއޯ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ މިހާރު ފުލުހުށް ހުށަހަޅާފައިވާއިރު މި އަމަލު ހިންގި މީހާވަނީ ފިލާފައެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ހުޅުމީދޫ ޕުލުހުން އަންނަނީ ކުރަމުންނެވެ.