English Edition
Dhivehi Edition

އެމެރިކާއަކީ އެޤައުމުގެ ދޮން އަންހެނުންގެ ސަބަބުން ކުށެއްނެތް ކަޅު ނަސްލުގެ އެތައް ފިރިހެނުންނެއްގެ ދިރިހުރުން ބަރުބާދު ކޮށްފައިވާ ބަނަ ތާރީޚެއް އޮތް ޤައުމެކެވެ. 1955 ވަނަ އަހަރުގެ ތެރޭ ދޮން އަންހެނަކު އޭނާއަށް ހޯއް ގޮވިކަމަށްބުނެ އުފުލި ޝަކުވާ އަކާ ގުޅިގެން 14 އަހަރުގެ ކަޅުނަސްލުގެ ފިރިހެން ކުއްޖަކު ބަނދެ އަނިޔާކޮށް ބިރުދައްކާ ތަޅާ މަރާލުމަށްފަހު ކޯރަކަށް އެއްލާލި ޙާދިސާއިން އެތައް ބަޔަކަށް ސިހުން ލިބުނުނަމަވެސް އެފަލްސަފާ މިއަދާ ހަމަޔަށްވެސް އޮތީ ބަދަލުނުވާ އެއްޗެއްގެ ގޮތުގައެވެ.

އިއްޔެ ގިނަ ބަޔަކު ނޭވާ ހާސްކުރުވި މަންޒަރަކީ ކަޅު ނަސްލުގެ ފިރިހެނެއްގެ ކަނދުރާ މަތީ ފުލުހަކު ދެކަކޫ ވިއްދިގޮތަށް މަރުވަންދެން ހިފަހައްޓާލި ވީޑިއޯއިންނެވެ. އެމީހާގެ އެހިތްދަތި މަރާއެކު މުޅި ދުނިޔެ އެމެރިކާގެ އެ ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ތެދުވި މިދަނޑިވަޅު ކްރިސްޓަން ކޫޕާ ނަމަކަށްކިޔާ ކަޅުނަސްލުގެ މީހަކު ނަގާފައިވާ ވީޑިއޯއެއް ޓުވިޓާގައި ޙިއްސާ ކުރުމުން މިވަނީ އެންމެންގެ ސަމާލު ކަން އެވީޑިއޯއަށް ހުއްޓިފައެވެ.

 

ދޫނިތަކުގެ ޙަރަކާތްބަލާލަން މިވީޑިއޯ ނެގި ކްރިސްޓަން ކޫޕަރ ނިއުޔޯކްގެ ސެންޓްރަލް ޕާކްގައި މަޑުކޮށްލި ދަނޑިވަޅެކެވެ. އެނާ ބުނީ އެތަނަށް އައި (ކްރިސްޓަން ކޫޕާއާއި އާއިލީ ގުޅުމެއްނެތް) އެމީ ކޫޕާ ނަމަކަށް ކިޔާ އަންހެނަކު އޭނާގެ ކުއްތާ ޕާކްތެރެއަށް ދޫކޮށްލުމުން އެޕާކްގައިވާ ގަސްތަކަށާއި ތަންތަނަށް ގެއްލުންވަމުންދާތީ އާއި ޤަވާއިދުގައިވާ ގޮތުން އެގޮތަށް ކުއްތާ ޕާކްތެރެއަށް ދޫކުރުމަކީ މަނާ ކަމަކަށް ވާތީ އެކަން އެއަންހެންމީހާއަށް އޭނާ އެންގި ކަމަށެވެ. ޖަވާބުގައި އެމީ ކޫޕާ ބުނީ ކުއްތާވެސް ހެލިފެލިވާން ބޭނުންވާނެ ކަމަށާއި މިއީ ކްރިސްޓަން އާއި ބެހެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހާހިސާބުން ކްރިސްޓަންވެސް ތިހެންކަމަށްވާނަމަ ތިމަންނަ ކުރާ ކަމަކާވެސް ބެހިގެންނުވާނެ ކަމަށްބުނެ އޭނާގެ އަތުގައިހުރި ޑޯގްޓްރީޓް ކުއްތާއަށް ދޭން ގަސްތުކުރިއެވެ. އެހެންކަންތައް ކުރީ ގަސްތުގައި ކުއްތާ އެތަނުން ބޭރުކޮށް ހިފެހެއްޓުމަށް އެމީކޫޕާއަށް ބާރު އެޅުމުގެ ގޮތުން ކަމަށްވިޔަސް އެހާހިސާބުން 41 އަހަރުގެ އެމީ ކޫޕާ ނެގީ ބަރުހަތިޔާރެވެ. ކުއްތާއަށް އެކަތިކޮޅުވެސް ނުދެވެނީސް ކަޅު ނަސްލަށް ހިތުގައި އޮންނަ ނަފްރަތާއެކު ކްރިސްޓަންކުޑަކަކޫ މައްޗަށް ތިރިކޮށްލުމުގެ ނިޔަތުގައި ފޯނުނަގާ 911 އަށް ގުޅިއިރު ކްރިސްޓަން ދިޔައީ އެތާރީޚީ ހިނދުކޮޅުގެ އަޑާއި މަންޒަރު ފޯނުގައި ރައްކާކުރަމުންނެވެ. އެމީކޫޕާ އެދުނީ އެފްރިކަން އެމެރިކަން މީހަކު އޭނާއަށް ޕާކްތެރޭ ބިރުދައްކާތީ އަވަހަށް ފުލުހުން އެތަނަށް އައުމަށެވެ. ފުލުހުން އައިސް މާބޮޑު ކަމެއް ނުހިނގާތީ އެދެމީހުން ހަމަމަގަށް އެޅުވުމަށްފަހު ދިޔައީއެވެ.

ކަންތައް ހިލުނީ އޭގެ އަނެއްދުވަހު ކްރިސްޓަން ކޫޕާގެ އަންހެން ކޮއްކޮ ޓްވިޓާގައި ކުށެއްނެތް އޭނާގެ ބޭބެ ކުށްކުރަމުން ދިޔަ އަންހެނަކު ހުއްޓުވުމަށް ނަސޭޙަތް ދިނުމުން އެއަންހެންމީހާ ހެދިގަތް ހަޑިހުތުރު ގޮތް ދައްކާލުމަށް އެވީޑިއޯ ޙިއްސާ ކުރުމުންނެވެ. ހިނދުކޮޅެއް ނުވަނީސް މުޅި މީސްމީޑިއާގައި ވައިރަލްވި އެވީޑިއޯއާއެކު އެތައްބަޔަކު އަޑުއުފުލާ ކްރިސްޓަން ކޫޕާގެ ދިފާޢުގައި ނިކުތްތަން ފެނުނެވެ.

އެއާއެކު އެމީކޫޕާ ރެސްކިއު ކުންފުންޏަކުން އެޑޮޕްޓް ކުރި އެ ކުއްތާ އަށް އިހާނެތިވި މައްސަލައާ މެދު އެކުންފުނިން ސުވާލު ކުރުމުން އެމީވަނީ އެކަމަށް އިޢުތިރާފްވެ ހިތުންރުހުމުން ކުއްތާ އެމީހުންނާ ޙަވާލުކޮށްފައެވެ. އެއަށްވުރެވެސް ބޮޑަށް މީހުން އުފާފާޅުކުރީ އެމީކޫޕާ އަދާކުރަމުންދިޔަ ވަޒީފާއިން އޭނާވަކިކުރިކަން އިޢުލާންކުރުމާއެކުގައެވެ. އެކުންފުނިން ބުނެފައިވަނީ ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދޭ އެއްވެސް ކަމެއް އެމީހުންގެ މުވައްޒަފުން ނުކުރާނެ ކަމަށާއި އެމީގެ އެޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ.

މިޙާދިސާއަށް ފަހު އެމީ ކޫޕާ ވަނީ ޢާއްމުންގެ ކިބައިން މަޢާފަށް އެދިފައެވެ. އޭނާ ސީއެންއެންގައި ބުނެފައިވަނީ މިކަންތަކާޖެހި އޭނާގެ މުޅި ޙަޔާތް ބަރުބާދުވެފައިވާ ކަމަށެވެ.

 

ކްރިސްޓަން އެވީޑިއޯ ނުކުރިނަމަ އޭނާއަށް އަތުވެދާނެ ކަމަށްބެލެވޭ ނުރައްކާ ކިތައްމެހާވެސް ބޮޑެވެ. ތާރީޚުގައި ކަންވެފައި ހުރިގޮތަށްބަލާއިރު މިއީ އެކަންވާނެގޮތެވެ. ކުށްވެރިވާނީ ކަޅުނަސްލުގެ މީހާއެވެ. ކަޅުމީހުންނަށް ކުރާ މިފަދަ ގޯނާގެ ޝިކާރައަކަށްވެ އެތައްބަޔަކު ނިމިދިއުމުގެ މާޔޫސްކަން ވެރިވެފައިވާ އެފްރިކަން އެމެރިކަން އަށް މިއަދު މިވީ ނަސްރު ލިބުނު ދުވަހަކަށެވެ.