English Edition
Dhivehi Edition
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް - ފޮޓޯ: ޓްވިޓާ

ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ އައުޓްޑޯ ކުޅިވަރު މައިދާންތައް އަލުން ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަލި މިހާތަނަށް ފެތުރިފައިނުވާ، މޮނިޓަރިންގެ ޙާލަތުގައި ނުވާ ތަނެއްގެ ގޮތުގައި އައްޑޫ ސިޓީ ރިކޯޑް ކުރެވިފައިވުމާއެކު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ދެންނެވުމާއި އެއްގޮތަށް އައްޑޫގެ އައުޓްޑޯ ކުޅިވަރު މައިދާންތައް މޭ 27 އިން ފެށިގެން ހުޅުވާލަން ހަމަޖެހިފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ ފުޓްބޯޅަ ދަނޑު، ފުޓްސެލް އެރީނާތައް އަދި އައުޓްޑޯ އާންމު ކުޅިވަރު މައިދާންތައް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު 15:30 އިން 18:00 އަށް ކަމަށެވެ.

ކުޅިވަރު މައިދާންތައް ބޭނުން ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް:

    • ކުޅިވަރު މައިދާންތަކަށް ކުޅުނުޖެހުން.
    • ކުޅިވަރު މައިދާންތަކުގައި އުޅޭވަގުތު ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދިނުން.
    • ރޯގާގެ އެއްވެސް ޢަލާމާތެއް ހުރިކަމަށް ފާހަގަކުރެވިފައިވާނަމަ ކުޅިވަރު މައިދާންތަކަށް ނުދިއުން.
    • ކުޅެން ފެށުމުގެ ކުރިން އަދި ކުޅެނިމުމަށްފަހު ގްރޫޕް ހަދައި މައިދާންތަކުގައި މަޑުކޮށްގެން ނުތިބުން.

އައްޑޫ ސިޓީ ކައުންސިލުން ވަނީ މިދިޔަ ހަފްތާގައި އައްޑޫގެ ފިހާރަތައް ހުޅުވާ ވަގުތު އިތުރުކުރުމުގެ އިތުރުން، ރެސްޓޯރެންޓްތަކާއި ސެލޫންތައްވެސް ހުޅުވުމުގެ ހުއްދަ ދީފައެވެ. އަދި މިއަދުން ފެށިގެން އައްޑޫ ސިޓީގައި ގާޑިޔާތައް ހުޅުވުމުގެ ހުއްދަވެސް ވަނީ ދީފައެވެ.