English Edition
Dhivehi Edition

މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމަށް ޔޫތު މިނިސްޓްރީން މިއަދު ނިއްމައިފިއެވެ.

ޔޫތު މިނިސްޓްރީން ވަނީ މިއަދު ކޮވިޑް-19 އާއި ގުޅިގެން ބަލި ފެތުރިފައި ނުވާ ރަށްރަށާއި މޮނިޓަރިންގެ ޙާލަތު ނިމިފައިވާތާ 14 ދުވަސް ހަމަވެފައިވާ ރަށްތަކުގައި ކައުންސިލްގެ ހުއްދައާއި އެކު ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމާއި މެދު އެ މިނިސްޓްރީގެ އިޢުތިރާޒެއް ނެތްކަން ހާމަކޮށްފައެވެ.

ޔޫތު މިނިސްޓްރީން މިއަދު ހާމަކޮށްފައިވާ ގޮތުގައި މިގޮތަށް ނިންމީ، ވަރަށް ގިނަ ޢަދަދެއްގެ ޒުވާނުން ކުޅިވަރު ކުޅުމުގެ ހުއްދައަށް އެދެމުންދާތީ، އެޗް.ޕީ.އޭ އާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

އަދި މިކަން ހާމަކުރުމަށް ނެރެފައިވާ ބަޔާނުގައި “ރަށު ކައުންސިލްތަކުން އެރަށެއްގައި ކުޅިވަރު ކުޅުން މަނާކުރި އުޞޫލުގެ ދަށުން، ބަލި ފެތުރިފައި ނުވާ ރަށްތަކާއި، މޮނިޓަރިންގެ ހާލަތުން ނެގިފައިވާތާ 14 ދުވަސް ވެފައިވާ ރަށްތަކުގެ ކައުންސިލް ތަކުން ކުޅިވަރު ކުޅުމުގެ ހުއްދަ ދެއްވުމާއި މެދު އިޢުތިރާޒެއް ނެތްކަމަށް” ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ލަފާދެއްވާފައިވާ ކަމަށެވެ.

އަދި މީގެ އިތުރަށް އެޗް.ޕީ.އޭ އާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީން ހާމަ ކުރައްވާ ގޮތުގައި ގިނަބަޔަކު އެއްވެގެން ކުޅިވަރު ކުޅުން ފަދަ ގިނަބަޔަކު އެއްވެގެން ހިންގާ ޙަރަކާތްތަކަށް ހިތްވަރު ނުދެއްވާކަމަށާއި ގައިދުރުކުރުމަށް އިސްކަންދޭން ހިތްވަރުދޭ ކަމަށެވެ.

ކައުންސިލުގެ ހުއްދައާއި އެކު ކުޅިވަރު ކުޅުމުގެ ހުއްދަ ދިން ކަމުގައިވީނަމަވެސް ކޮންމެ ވަގުތެއްގައިވެސް ކުޅިވަރު ކުޅޭ ތަންތަން އަލުން ބަންދު ކުރަން ޖެހިދާނެކަމަށް ކަމާއި ބެހޭ އެޖެންސީތަކުން ފާހަގަކުރައްވާފައި ވެއެވެ.