English Edition
Dhivehi Edition
ބަޔާން މިއުނިކްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ބަޔާން މިއުނިކް ޓުވިޓާ

ޖަރުމަން ބުންޑަސްލީގާ ގައި ރޭ ކުޅުނު މެޗުތަކުން އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވިއިރު، ޒުވާން މިޑްފީލްޑަރު ކާއީ ހާވާޓްޒްގެ މޮޅުކުޅުމާއެކު ބަޔާ ލެވަކޫސަން ވަނީ ބޮރޫޝިއާ މޮންޗެންގްލަޑްބަކް ބަލިކޮށްފައެވެ.

އަމިއްލަ ދަނޑުގައި 5-2 ގެ ނަތީޖާއަކުން އެއިންޓްރަކް ފްރެންކްފާޓް އަތުން ބަޔާން މޮޅުވިއިރު، ޑޯޓްމަންޑް ވަނީ ރަށުން ބޭރުގައި 2-0 އިން ވުލްފްސްބާގް ބަލިކޮށްފައެވެ. މޮންޗެންގްލަޑްބަކްގެ ދަނޑުގައި ކުޅުނު މެޗުން ލެވަކޫސަން މޮޅުވީ 3-1 އިންނެވެ.

ރޭގެ ނަތީޖާ ތަކަށްފަހު، ހަތަރު ޕޮއިންޓުގެ ލީޑަކާއެކު އެއްވަނައިގައި އަދިވެސް އުޅެނީ ބަޔާން އެވެ. އެ ޓީމަށް 27 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޑޯޓްމަންޑެވެ. ތިންވަނައިގައި އޮތް ލެވަކޫސަން އަށް 53 ޕޮއިންޓް ލިބިފައިވާއިރު، ކުރިން ތިންވަނައިގައި އޮތް މޮންޗެންގްލަޑްބަކް ވަނީ 52 ޕޮއިންޓާއެކު ހަތަރުވަނަ އަށް ވެއްޓިފައެވެ. ލީގުގައި މިރޭ ކުޅޭ މެޗުން މައިންޒް އަތުން މިހާރު 51 ޕޮއިންޓާއެކު ފަސްވަނައިގައި އޮތް އާރްބީ ލިޕްޒިގު މޮޅުވެއްޖެނަމަ އެ ޓީމަށް ތިންވަނަ ލިބޭނެއެވެ.

ބަޔާންގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފްރެންކްފާޓް ކޮޅަށް އެ ޓީމުން ވަނީ ދެލަނޑު ވައްދާލާފައެވެ. ބަޔާންގެ ފުރަތަމަ ލަނޑު، 17 ވަނަ މިނެޓުގައި ލެއޮން ގޮރެޓްޒްކާ ޖަހައިދިންއިރު، ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ތޯމަސް މުލާ ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ދެވަނަ ހާފު ފެށިގެން މިނެޓެއްގެ ތެރޭގައި، ބަޔާންގެ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ އެ ޓީމަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ. އެހެންނަމަވެސް، އޭގެ ހަ މިނެޓުފަހުން ފްރެންކްފާޓް ވަނީ ފުލުފުލުގައި ދެ ލަނޑުޖަހައި ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ. އެ ޓީމުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޑިފެންސްލައިންގައި ކުޅެމުން އަންނަ އޮސްޓްރިއާގެ މާޓިން ހިންޓަރެގާ އެވެ. އޭގެފަހުން، މެޗުގެ 61 ވަނަ މިނެޓުގައި ފްރެންކްފާޓްގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާނަގައި ބަޔާންގެ ހަތަރުވަނަ ލަނޑު، ޒުވާން ކުޅުންތެރިޔާ އަލްފޮންސޯ ޑޭވީސް ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ފަހު ލަނޑަކީ ފްރެންކްފާޓްގެ ހިންޓަރެގާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ބަޔާ ލެވަކޫސަންގެ ކާއީ ހާވާޓްޒް ޕެނަލްޓީ ސްޕޮޓްމަތިން ބޯޅަ ފޮނުވާލަނީ. –ފޮޓޯ: ބަޔާ ލެވަކޫސަން

ވުލްފްސްބާގްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ޕޯޗުގަލްގެ ފުލްބެކް ރަފައެލް ގުރޭރޯ ލީޑްނަގައިދިންއިރު، މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ އިނގިރޭސި ވިންގާ ޖޭޑަން ސަންޗޯ ދިން ޕާހަކުން އަޝްރަފް ހަކީމީ އެވެ. އޭގެފަހުން، ޑޯޓްމަންޑްގެ ލީޑް ފުޅާކުރުމަށް މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ވުލްފްސްބާގުގެ ފެލިކްސް ކްލައުސް އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުންނެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި، އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން 3-1 އިން މޮންޗެންގްލަޑްބަކް ބަލިވިއިރު، ޒުވާން މިޑްފީލްޑަރު ކާއީ ހާވާޓްޒް ދެލަނޑުޖެހިއެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ވަނީ ފަސް ލަނޑުޖަހާފައެވެ. ލެވަކޫސަންގެ އަނެއް ލަނޑު، ސްވެން ބެންޑާ ޖަހައިދިންއިރު، މޮންޗެންގްލަޑްބަކްގެ ހަމައެކަނި ލަނޑުޖަހައިދިނީ ފްރާންސްގެ ކުރީގެ އިތުބާރު ޑިފެންޑަރު ލިލިއަން ތުރާމްގެ ދަރިފުޅު މާކަސް ތުރާމް އެވެ.

ޖަރުމަން ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައި، އޮގްސްބާގްއާ ދެކޮޅަށް ޝާލްކާ ނިކުންނައިރު، ރަށުން ބޭރުގައި ލިޕްޒިގް ނިކުންނާނީ މައިންޒްއާ ދެކޮޅަށެވެ. މިރޭގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ކޮލޯން ނިކުންނާނީ ޑުސެލްޑޯފްއާ ދެކޮޅަށެވެ.