English Edition
Dhivehi Edition
ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން. --ފޮޓޯ: އޭޕީ

ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ، ބާސެލޯނާއާ ގުޅިއްޖެނަމަ ވަރަށް ބޮޑަށް އުފާވާނެ ކަމަށް އެ ޓީމުގެ ކޯޗު ކީކޭ ސެޓިއެން ބުނެފިއެވެ.

2017 ވަނަ އަހަރު ޕީއެސްޖީން ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ގެނައި ނޭމާ އެ ކްލަބް ދޫކޮށްލަން ބޭނުންވެގެން، މިދިޔަ ސީޒަނުގައި ވެސް ބާސެލޯނާ އިން އޭނާ ގެންދިއުމަށް މަސައްކަތްކުރި އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އޭރު ޕީއެސްޖީން ކީ އަގު ކަމަށްވާ 200 މިލިއަން ޔޫރޯ ދޭން ބާސެލޯނާ އެއްބަސްނުވީ އެވެ.

“ނޭމާ އަށް ކޯޗު ކޮށްދެވުމަކީ އަހަރެން ވަރަށް އުފާވާނެ ކަމެއް.” ބީއިން ސްޕޯޓްސް އެމެރިކާ އަށް ދިން އިންޓަވިއުއެއްގައި ސެޓިއެން ބުންޏެވެ.

ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާ އިން ގެންދަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ނޭމާ ހިމެނޭއިރު، ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީގެ އެޓޭކްގައި ހިމެނޭ ކިލިއަން އެމްބާޕޭ އަދި ނޭމާ ވެސް ވިއްކާލާނެކަމަށް ނުބެލެވެއެވެ.

ސެޓިއެން އިތުރަށް ބުނިގޮތުގައި ނޭމާ ކަހަލަ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް ކޮންމެ ޓީމަކަށް ވެސް ގެންދަން ބޭނުންވާނެ ކަމަށެވެ. މީގެއިތުރުން، ދާދިފަހުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ، އެ ޓީމު މިހާރު އޮތް ހާލަތުން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުނުކުރެވޭނެ ކަމަށް ބުނެ ދެއްކި ވާހަކަތަކަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސެޓިއެން ބުނީ އެއީ ބަހުސްކުރެވޭނެ މައުޟޫއެއް ކަމަށެވެ.

“އެކަމާ ގުޅޭގޮތުން ވަރަށް ބަހުސް ކުރެވިދާނެ، އަހަރެންނަށް ވިސްނޭގޮތުގައި ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިދާނެ.” ނިންމާލަމުން ސެޓިއެން ބުންޏެވެ.