English Edition
Dhivehi Edition

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އިންޑިއާ އިން އިއްޔެ 6,000 ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެގޮތުން، އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 6،654 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. މީގެ ކުރިން އެއް ދުވަސްތެރޭ މިހާ ގިނަ އަދަދެއްގެ މީހުން އިންޑިއާ އިން ޕޮޒިޓިވްވެފައެއް ނުވެއެވެ.

މިއާއެކު، އިންޑިއާ އިން މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު 125،000 އަށް ވުރެ އިތުރުވެފައިވާއިރު، 3،700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލީގައި މިހާތަނަށް ގާތްގަނޑަކަށް 51،824 މީހުން ވަނީ މުޅިން ރަނގަޅުވެފައެވެ.

މީގެއިތުރުން، އެ ގައުމުން މިހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން ތިންބައިކުޅައެއްބަޔަށް ވުރެ ގިނަ މީހުން ނިސްބަތްވަނީ އެންމެ ހާލަތު ގޯސްކޮށް އުޅޭ ހުޅަނގުގެ މަހަރާޝްތުރާ ސްޓޭޓް އަށެވެ. އެ ސްޓޭޓުން އެކަނިވެސް 44،582 މީހުން ކޮވިޑް-19 އަާް ޕޮޒިޓިވްވެފައިވާއިރު، މަރުވި މީހުންގެ އަދަދަކީ 1،517 އެވެ.

އިންޑިއާގެ ދެން އެންމެ ހާލަތު ގޯސްކޮށް އުޅޭ ސްޓޭޓުތަކުގެ ތެރޭގައި، ޓެމިލް ނާޑޫ އާއި ގުޖްރާތުގެ އިތުރުން ނިއު ދިއްލީ ހިމެނެއެވެ. ޓެމިލް ނާޑޫ އިން 14،753 މީހުން ޕޮޒިޓިވްވެ، 98 މީހުން މަރުވެފައިވާއިރު، ގުޖްރާތުން 802 މީހުން މަރުވެ، 13،268 މީހުންނަށް ބަލިޖެހިފައިވެއެވެ. ދިއްލީ އިން މިހާތަނަށް 12،319 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 208 މީހުން ވަނީ މަރުވެފައެވެ.

އިންޑިއާ އިން ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައިމިވަނީ، މި ހަފްތާ ތެރޭގައި ޑޮމެސްޓިކް ފްލައިޓްތަކުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނިކޮށެވެ. މިކަމާ ގުޅޭގޮތުން، އަޅާ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ ބައެއް ސްޓޭތުތަކުން ވަނީ ދަތުރުކުރާ ހުރިހާ ފަސިންޖަރުން ވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓިނުވުމަށް ކަނޑައަޅާފައެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހު ފެނުނު ކޮވިޑް-19 އަށް މުޅި ދުނިޔެއިން 5.3 މިލިއަން މީހުން ޕޮޒިޓިވްވެފައިވާއިރު، ގާތްގަނޑަކަށް 340،409 މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލިޖެހިގެން މިހާތަނަށް މުޅިން ރަނގަޅުވި މީހުންގެ އަދަދަކީ 2،174،937 އެވެ.