ބަރަކާތްތެރި ރަމަޟާން މަހެއް ފާއިތުވެދަނީއެވެ. އެމަހު ދިވެހިންނާއި އެންމެ ގާތުގައިވާ ތަނަކީ އަޅުކަން ކުރުމަށް ޚާއްސަވެފައިވާ ﷲ ގެ ގެކޮޅުކަމާމެދަކު ޝައްކެއް ނެތެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ނުރައްކަލާއެކު މިސްކިތަށް އަޅުކަމު ނުދެވި ތިބި ތިބުން މިއަދު ނިމުމަކަށް ގެނެސް މިސްކިތްތައް ހުޅުވައިފިއެވެ. އައްޑޫސިޓީގައި މިއަދު ހުކުރު ނަމާދުގެ ޖަމާޢަތަށް މީހުން ދިޔައިރު އެމީހުންގެ މޫނު މަތިން ފެނިގެންދިޔައީ އުފާވެރި ޢީދެއްގެ ކުލަވަރެވެ. ނަލަހެދި ޒީނަތްތެރިވެ މީރުވަހުން އެއްވަސް ކޮށްގެން މިސްކިތަށް ދިޔައިރު އެއެންމެން ކަހަލަ ގޮތަކަށް މާސްކްއަޅައިގެން ތިބި ކަން ފާހަގަ ކުރެވުނެވެ. އައްޑޫ ސިޓީ ކައުންސިލުން ކުރި “އިލްތިމާސް”އަށް ތަބާވީއެވެ. ރޭ ސިޓީ ކައުންސިލުން މިސްކިތުގައި ނަމާދު ކުރުމުގެ ހުއްދަ ދެއްވިއިރު ވަނީ ނަމާދަށް ދާއިރު ޢަމަލު ކުރާނެ ގޮތްތަކެއް ބަޔާންކޮށްފައެވެ.
މިހުރިހާ ކަމަކަށްވެސް އަޅުވެރިން ތިބީ ބޯލަނބާ ކިޔަމަން ގަނެގެންނެވެ.
” ނޭނގެ ބުނެދޭންވެސް ކުރެވުނު އިޙްސާސް. ވަރަށް ވަރަށް އުފާވެރި ދުވަހެއް މިއަދަކީ . ﷲ ގެ ގެކޮޅަށް ވަދެލުމުގެ ފުރުސަތު ލިބުމުން އުފަލުން ރޮވުނު” ހިތަދޫ މަސްޖިދުލް އިކްރާމްގައި ހުކުރު ނަމާދު ކުރުމަށްފަހު ދިޔަ މީހަކު އޭނާގެ އިޙްސާސް ކިޔާދިނެވެ.
ތެދެކެވެ. މިސްކިތަށް ދިޔަ އެތައް ބަޔަކު ފެންކަޅިވި މަންޒަރަކީ އެންމެންނަށްވެސް ފެނިގެން ދިޔަ މަންޒަރެކެވެ. މިކަން ގޭގައި ހުކުރު ނަމާދު އަޑު އެހި މީހުންނަށްވެސް ވަނީ ފާހަގަ ވެފައެވެ. ލައުޑްސްޕީކަރުން ދުރަށް އަޑު ލިބެމުން ދިޔައިރު ތުރުތުރު އަޅާއަޑަކުން ރޮމުންކަހަލަގޮތަކަށް އިމާމާއަށް ގަމަތް ފުރިހަމަ ކޮށްލެވުނީ ވަރަށް މަސައްކަތުންކަން އެނގުނެވެ.
އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ބަރަކާތްތެރި މިމަސް އެއްކޮށް އިމާމާ ހޭދަކުރީ އެއްވެސް އަޅުވެރިއަކުނެތި އެކަނިމާއެކަނި މިސްކިތުގައިހުރެއެވެ. އޭނާގެ ކުރިމަތިން ރަށު އެންމެން މިއަދު ނަމާދުގެ އަޅުކަމަށް އައިސްތިބުމުން އުފާވާނެ ވަރު ވަޒަން ކޮށްލުމަށް ކިއުންތެރިންނަށް ދޫކޮށްލާނަމެވެ.
މިއަދު އައްޑޫސިޓީގެ މިސްކިތްތައް މިހުޅުވުނީއެވެ. ރަމަޟާން މަސް ނިމެން ދެން އޮތީ އެންމެ ދެދުވަހެވެ. މިސްކިތަކީ މުސްލިމުންގެ އަޅުކަމުގެ މައި މަރުކަޒަށްވާއިރު ރޯދަމަސް ނިމުނަސް އަދި ފަހުންވެސް މިސްކިތްތަކަށް މީހުނަށް ނުދެވޭނެ ޙާލަތެއް މިންވަރު ނުކުރައްވާށިއެވެ.