English Edition
Dhivehi Edition

 

ކޮވިޑް 19 އަކީ އާދައިގެ ބައްޔެއް ނޫނެވެ. މިއީ ބަލީގެ ޢަލާމާތް ނުފެނި ހުރެވެސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފަސޭހަ ކަމާއެކު ފެތުރޭ ބައްޔެކެވެ. މިހާތަނަށްވެސް ފަރުވާއެއް ހޯދިފައިނުވާ މި ނުރައްކާތެރި ބައްޔާއެކު ދުނިޔެ މިވަނީ ޤައިދުޚާނާއަކަށް ބަދަލުވެފައެވެ.  އަބަދަކު މިހެންވެސް ނުތިބެވޭނެތީ ފެންނަން އޮތް ދެވަނަ މަގު ޚިޔާރު ކުރަން މިވަނީ ޖެހިފައެވެ. ޤައިދުކަމަށް ލުޔެއްހޯދައި ނިއުނޯމަލްއަކަށް ދޮރު ހުޅުވާލަނީއެވެ.

އެހެނަސް މިއީ ކުރީގެ އާދައިގެ ދިރިއުޅުމަށް އަވަސް މުއްދަތެއްގައި ވާސިލް ވެވޭނޭ މަގެއް ނޫނެވެ. މިހާރު މިވަނީ އާގޮތަކަށް ދިރިއުޅުން ބައްޓަން ކުރަން މަޖްބޫރު ވެފައެވެ. އާބަދަލުތަކެއް ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް ގެންނަން ޖެހިފައެވެ. އަޅުގަނޑުމެންނާއި ޢާއިލާތަކާއި މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ވެއްޓިފައިވާ އިޤްތިޞާދީ ވަޅުގަނޑުން އަރައިގަތުމަށްޓަކައި ވެސް “ނިއުނޯމަލް” އަށް ދާންވީ ވަގުތު ކުޑަތަންވީއެވެ. މިހާރުގެ ޙާލަތާއެކު ދިރިއުޅެން މަޖްބޫރު ވުމުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ބަދަލުތަކަކަށް ވިސްނާލަމާ ހިންގަވާށެވެ.

 

ކުޑަކުދިން:

 

ޑޭކެއަރ ފަދަ ތަންތަނަށް ކުދިން ގެންދިއުން ހުއްޓާލާށެވެ. މާމަ ނުވަތަ ނެނީ އާއިވެސް ޙަވާލު ކުރުމުގެ ބަދަލުގައި ކުދިންނާއެކު ގިނަ ވަގުތު މައިންބަފައިން ހޭދަކުރަންވީއެވެ. ސްކޫލް ހުޅުވުނަސް ގައިދުރުކަމާއި ސާފުތާހިރު ކަމުގެ މިންގަނޑާއެކު ސްކޫލްގައި ހޭދަ ކުރާ ވަގުތު މަދުކޮށް ކިޔެވުމުގެ މައިގަނޑު ހުރިހާ ބައެއް ޑިޖިޓަލްކޮށް އޮންލައިން ކޮށް ފަށަންވީއެވެ. މިއީ މިހާރެކޭވެސް އެއްގޮތަށް ކުދިންނަށް ގޭގައި ކުޅެ މަޖާކުރުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

 

ވަޒީފާ:

ގިނަ މަސައްކަތްތައް ޢާއިލާއާއެކު ގޭގައި ތިބެގެން ކުރެވޭނެ ގޮތް ހަމަޖައްސަންވީއެވެ. އޮފީހަށް ނިކުންނަ ނަމަވެސް ގައިދުރުކަމުގެ މިންގަނޑު ހިފެހެއްޓޭނެ ގޮތަކަށް އޮފީސް ސެޓަޕްތައް އަތުރާލާށެވެ. ބައްދަލުވުންތަކާއި ފޯރަމްތައް ވާޗުއަލް މީޓިން ތަކަކަށް ބަދަލުކޮށް ވީޑިއޯ ކޯލް މެދުވެރިކޮށް ބާއްވާށެވެ. ގިނަގިނައިން އަތްދޮންނަން އާދަކޮށް ކޮމްޕިއުޓަރ ކީބޯޑުފަދަ ތަކެތީގެ ބޭރުފުށް އަވަސްއަވަހަށް ސާފުކުރާށެވެ.

 

ބާޒާރުކުރުން:

 

ހުރިހާ ދިމާއެއްގައި ވެސް ގައިދުރުކަމަށް ތަބާވާށެވެ. ވިޔަފާރި ކުރަންދާނީ އެކަންޏެވެ. ބައިބަޔަށް ގްރޫޕް ހަދާލައިގެނެއް ނޫނެވެ. ބާޒާރުކުރުމުގައި ވީހާވެސް ވަރަކުން އޮންލައިން ޝޮޕިން ޚިޔާރު ކުރާށެވެ. ފައިސާގެ މުޢާމަލާތްތަކުގައި އަތުގައި ލާރިގެންގުޅުމުގެ ބަދަލުގައި އެޕްލިކޭޝަންތަކާއި ކޭޝްކާޑް ބޭނުންކުރާށެވެ.

 

 

ބައްދަލުވުންތަކާއި އިޖްތިމާޢީ ޙަރަކާތް

 

ބޮޑެތި އެއްވުންތައް ބޭއްވުމަކީ މަނާ ކަމެކެވެ. ކައިވެނި ޙަފްލާތަކާއި ޕާޓީތަކަކީ ހަމައެކަނި ކުދިކުދި ޢާއިލީ އެއްވުންތަކަކަށް ބަދަލު ކުރާށެވެ. އަތާއި އަތްޖޯޑުކޮށް ސަލާމްކުރުމެއް ނޯންނާނެއެވެ. ރިވެތި އިސްލާމީ ސަލާމުން ސަލާމްކޮށް ޢިޝާރާތުން ޖަވާބު ބަލައިގަނެ ހިތްހެޔޮ ކަމުގެ މެސެޖްތަކުން ގުޅުން ބަދަހި ކުރާށެވެ.

 

ބޭރުތެރޭ އުޅުން:

 

ބޭރުތެރޭ އުޅޭ އުޅުމުގައި ކަމާބެހޭ ފަރާތްތަކުން ބޭނުންވެއްޖެ ޙާލަތެއްގައި އަމިއްލަ މަޢުލޫމާތު ޙިއްސާކުރަން ފަސްނުޖެހޭށެވެ. މާސްކް އެޅުމަކީ މަޖްބޫރު މާއްދާއެކެވެ. ހަށިގަނޑުގެ ފިނިހޫނުމިން ބެލޭނެ އިންތިޒާމް ގިނަ ތަންތާ ހުންނަން ވާނެއެވެ. ބޭރުތެރޭ އުޅޭއިރު ވަކިން ޚާއްސަކޮށް ގައިދުރުކަމަށް ފަރުވާތެރިވާށެވެ. ތަންތަނަށް ގޮސްގެން ހިންގާ ކަސްރަތު ޕްރޮގްރާމްތަކާއި ކޯސްތައް ނުހިންގޭނެއެވެ. ބޭރުތެރޭ ހުންނަ ކެފޭ ރެސްޓޯރަންޓް ތަކުން ކައިބޮއެ ހެދުމުގެ އާދަވެސް ހުއްޓާލާށެވެ. މަގުމަތީ ހިސާބުތަކުގައި ހުންނަ ގާޑިޔާތަކުންވެސް ކާއެއްޗިހި ތައްޔާރު ކުރުން ހުއްޓާލަންވީއެވެ.

 

ގެއާއި އެޕާޓްމަންޓް:

 

މަޖްބޫރު ޙާލަތެއްގައި ނޫންގޮތަކަށް ގެއިންބޭރަށް ނުދައްޗެވެ. އެންމެ ބާރަށް އިވޭ އަޑަކީވެސް ” ސްޓޭއެޓްހޯމް” ނޫންތޯއެވެ. އެއަށް ތަބާވާށެވެ. ސްވިމްޕޫލް ފަދަ އެންމެނަށް އެރެވޭ ގޮތަށް ހަދާފަ ހުންނަ ތަންތަން  ބޭނުން ނުކުރާށެވެ.ބޭރަށް ދާއިރު އަރައިގެން އަންނަ ބޫޓު ،ފައިވާން ބަހައްޓާނީ ގެއިންބޭރުގައެވެ. ގަނެގެން ގެންނަ ސާމާނުވެސް ރަނގަޅަށް ޑިސްއިންފެކްޓް ކުރާށެވެ.  ގޭތެރޭގެ ގޮނޑި،މޭޒު. ދޮރު ، ތަޅުފަދަ ތަންތަން ގިނަގިނައިން ސާފު ކުރާށެވެ. ޢާއިލާއާއި ރައްޓެހިންނާއި އަވަށްޓެރިން އެކަކު އަނެކަކަށް އެކުވެރިކަން އާލާކޮށް ގުޅުންބަދަހި ކުރުމުގައި ވީޑިއޯ ކޯލްގެ ވަސީލަތް ބޭނުންކުރާށެވެ. ގޭގައިވެސް ކައްކާއިންނާއި ޚާދިމުން ގެންގުޅުން ހުއްޓާލާށެވެ. އެހެންނޫނީ އެގޮތަށް ގެންގުޅޭ މީހުން އިޖްތިމާޢީ ގައިދުރުކަމުގެ މިންގަނޑާއި ސާފުތާހިރުކަން ގެންގުޅޭ މިންވަރު ރަނގަޅަށް މޮނިޓަރ ކޮށް ބަލަހައްޓާށެވެ. ގޭގައި ލިބޭ ހުސްވަގުތު ކުދިންނާއެކު އަގުހުރި ވަގުތުތަކެއް މައިންބަފައިންނަށް ހޭދަކުރެވިދާނެއެވެ.

ދަތުރުފަތުރު:

 

ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރުން ހުއްޓާލާށެވެ. ބައިނަލްއަޤްވާމީ ދަތުރުތަކަށް އަދިވެސް ޖާގައެއް ނެތެވެ. އެހެންނަމަވެސް އެތެރޭގެ އުދުހުން ހުޅުވުން ގާތެވެ. ޓެކްސީތަކުގައި ދަތުރު ކުރާއިރު ފަސިންޖަރުންނަށް ފަހަތުސީޓް އެކަނި ޚާއްސަކުރާށެވެ. ކޮންމެ ދަތުރެއް ނިންމާފައި ކާރު ސެނިޓައިޒް ކުރާށެވެ. ބޭރުން ރާއްޖެ އަންނަ ދަތުރުވެރިންނާއި ފަތުރުވެރިންވެސް ފުރަތަމަ މަރްޙަލާ ކަޑައްތު ކުރާނީ ކަރަންޓީން އާއި އެކުއެވެ.

 

ޢާއްމު އުސޫލު:

ޤަވާޢިދުން ކަސްރަތު ކުރާށެވެ. ގިނަގިނައިން އަތްދޮންނަން އާދަކުރާށެވެ. މަގުމައްޗަށް ކުޅު ނުޖަހާށެވެ.

 

މިއީ ނިއުނޯމަލް އަކަށް ދިއުމުގައި ގެންނަންވީ ބައެއް ބަދަލުތަކެވެ. މިފަދަ ނުރައްކާތެރި ފައްތަރެއްގެ މަތީ އުޅެންޖެހިފައިވާއިރު ކަމާބެހޭ މުއައްސަސާތަކުން އެކުލަވާލެވޭ ގައިޑްލައިނަށް ތަބާވުމަކީ މިކަމުގައި  އަޅުގަނޑުމެން ވިސްނަންވީ އެންމެ މުހިއްމު ކަމެވެ. އެންމެން ވެސް މިއަދު އެދެނީ ގޭތެރޭ ތާށިވެފައި މިތިބަ ތިބުމާއެކު  އެޅިފައިވާ ހަރުކަށި ފިޔަވަޅު ތަކަށް ލުޔެއް ލިބި ޢާއްމު ޙާލަތަކަށް ރުޖޫޢަވެވޭނޭ ދުވަހަކަށެވެ. އަޅުގަނޑުމެން މިއެދެނީ ޢާއިލާއާއި ރައްޓެހިން އެކަކު އަނެކަކަށް ސަލާން ގަލާން ކޮށް އެކީގައި ކައިބޮއެ މަޖާކުރެވޭނެ ފަދަ ދުވަހަކަށެވެ. އަޅުގަނޑުމެން އެންމެން ގެ އުއްމީދަކީވެސް މުނާސަބު ދުވަސްތަކުގައި އެންމެން އެކުވެގެން ބޭއްވޭ އިޖްތިމާޢީ ޙަރަކާތްތަކަށް ދޮރުހުޅުވިގެންދާނެ ދުވަހެކެވެ. އެހެންނަމަވެސް އޭގެ ކުރިން ދިރިހުރުންތައް ޙިމާޔަތްކޮށް އަމާންކަމާއެކު ދިރިއުޅެވޭނެ މަގެއް ފަހިކުރުމަށްޓަކައި އަޅުގަނޑުމެންގެ ފަރުދީ ޒިއްމާ އަދާ ކުރަމާ ހިންގަވާށެވެ.