English Edition
Dhivehi Edition
އައްޑޫ ސިޓީ ހުޅުމީދޫ - ފޮޓޯ: އާއިޝަތު ނަޖް

އައްޑޫ ސިޓީގައި ފިހާރަތައް ހުޅުވާފައި ހުންނަ ވަގުތުތައް އިތުރުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިރޭ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އައްޑޫގެ ފިހާރަތައް ހުޅުވުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދެމުން ގެންދަންވާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 18:00 އަށް ކަމަށާއި، ހުކުރު ދުވަހު ޚިދުމަތް ދެވޭނީ ހެނދުނު 06:00 އިން މެންދުރު 11:00 އަށް، އަދި 13:30 އިން 18:00 އަށް ކަމަށް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

ސިޓީ ކައުްނސިލުން ބުނީ އެ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި އެއަވަށެއްގެ ސޯޝަލް ސަޕޯރޓު ޑެސްކުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށެވެ.

މީގެ އިތުރުން އެ އިދާރާއިން ކުރިން އާއްމުކޮށްފައިވާ ވިޔަފާރިކުރުމުގެ ބޭނުމަށް އެއްއަވަށުން އަނެއްއަވަށަށް ދަތުރުފަތުރުކުރުމާއި، ޢާއްމު ފަރާތްތަކުންނާއި ވިޔަފާރިތަކުން ވިޔަފާރިކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގައިޑްލައިންއާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރަމުން ގެންދިއުމަށްވެސް ކައުންސިލުން ވަނީ އަންގައިފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އެސްއެސްޑީތަކުން ހުއްދަދޫކުރާ ފިހާރަތައް ކަނޑައެޅޭ ވަކި ވަގުތުތަކުގައި ހުޅުވާލުމުގެ ހުއްދަދިނުމަށް ނިންމައިފަ އެވެ. އެގޮތުން އެދުވަހުން ފެށިގެން މިއަދާއި ހަމައަށް އައްޑޫގެ ފިހާރަތައް އާންމު ހުޅުވައިގެން ޚިދުމަތް ދެމުން އައީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 15:00 އަށެވެ. އަދި ހުކުރު ދުވަހު  ހެނދުނު 08:00 އިން 11:00 އަށް، އަދި މެންދުރުފަހު 13:30 އިން 15:00 އަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ފިހާރަތައް ހުޅުވާފައި ހުންނަ ވަގުތުތައް އިތުރުކުރުމަށް ނިންމާފައި މިވަނީ ރާއްޖޭގެ ފުރަބަންދަށް ލުއިތަކެއް ދިނުމަށް ވިސްނަމުންދާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައި ވަނިކޮށެވެ.