English Edition
Dhivehi Edition

“ތިއީ އަހަރެމެންގެ ގައުމަށް ބޭނުންވާ އަސްލު ބަތަލުންނަކީ”.  މިއީ ކެނެރީފް އައިލެންޑް ރިސޯޓްގެ ކަރަންޓީން ފެސްލިޓީގައި ހުރި އުމުރުން 10 އަހަރުގެ ކުއްޖަކު ސިފައިންގެ މަސައްކަތް ސިފަކޮށް ކުރަހާފައިވާ ތަސްވީރެއްގައި ލިޔެފައިވާ ލިޔުމެވެ.

ޏ،ފުވައްމުލަކު ސިވިލައިޒް ފާތިމަތު ޒީން އިބްރާހީމް ކެނެރީފް ކަރަންޓީން ފެސްލިޓީއަށް އޭނަގެ މަންމަ އާއި އެކު ގެނެސްފައިވަނީ މި މަހުގެ 04 ވަނަ ދުވަހުގައެވެ. މާލެއިން ފުވައްމުލަކަށް ދިއުމުގެ ކުރިން ފުރިހަމަކުރަންޖެހޭ 14 ދުވަސް ފުރިހަމަކުރުމަށް އެމީހުން ކެނެރީފްއަަށް ގެނެސްފައިވާއިރު އެ ތަނުން އެމީހުންނަށް ލިބުނު ހިދުމަތަށް ޝުކުރު އަދާކޮށް ޒީންވަނީ ސިފައިންގެ މަސައްކަތަށް ތައުރީފްކޮށްފައެވެ.

“ކަރަންޓީނަށް އައިދުވަހުން ފެށިގެން ކޮންމެ ދުވަހަކު ކުރަހާނެ އެ ދުވަހެއްގެ ޕޯސްޓް. މިހާރު ކަރަންޓީން ނިމި އިއްޔެ ޓެސްޓްކޮށްފައިވަނީ. މި ތަނުން ފުރުމުގެ ކުރިން ޒީން ސިފައިންގެ މަސައްކަތަށް ޝުކުރު އަދާކޮށް ކުރެހި ކުރެހުމެއް މީ.”ޒީންގެ މަންމަ އާމިނަތު އަބްދުﷲ ބުންޏެވެ.

ޒީން ކުރަހާފައިވާ ކުރެހުމުގައި ބުނެފައިވަނީ “މިތަނުގައި އަހަރެމެންގެ ރައްކާތެރިކަމަށްޓަކައި ތި ކުރައްވާ ބުރަ މަސައްކަތާއި ވަމުންދާ ގުރުބާނީ އަށް ‘ސެލިއުޓް’ ކުރަން. ތިއީ އަހަރެމެންގެ ގައުމަށް ބޭނުންވާ އަސްލު ބަތަލުންނަކީ”.ޒީން ބުނެފައިވެއެވެ. މީގެ އިތުރުން ޒީން ގެ ޕޯސްޓްގައި ބުނެފައިވަނީ މިއަދަކީ ކަރަންޓީން ފެސްލިޓީގައި އެންމެ ފަހު ދުވަސްކަމަށާއި މި ސާދަ ދުވަހަކީ އެންމެ އުފާވެރި 14 ދުވަސްކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ގިނަ ބައެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ މިދުވަސްވަރަކީ ހުރިހާ އެންމެންނަށްވެސް އުދަގޫ ދުވަސްވަރެކެވެ. ހާއްސަކޮށް އާއިލާއާއި ދުރުގައި ކަރަންޓީން ފެސްލިޓީތަކުގައި އުޅެމުންދާ މީހުންނަށް މީ ފަސޭހަ ދުވަސްތަކެއް ނޫނެވެ. ހަމައެއާއި އެކު ދުނިޔެއަށް ދިމާވެފައިވާ ދަތިއުދަގޫ މި ދުވަސްވަރު އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތަކީ އަގުނުކުރެވޭނެ ފަދަ މަސައްކަތެކެވެ.