English Edition
Dhivehi Edition

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ފަސް މިލިއަނަށް އަރައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބަލިއުއެޗްއޯ) އިން ބަލާޢާފާތެއްގޮތުގައި ސިފަކުރާ މި ބަލިމަޑުކަމާއި ގުޅިގެން 327,462 މީހުން މަރުވެފައިވާއިރު، މިހާތަނަށް އައިއިރު މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 1,998,779 އެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހު އުފަންވި ކޮވިޑް-19ގެ ނުރައްކާ މިހާރު އެންމެ ބޮޑުވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، އެމެރިކާ އާއި ރަޝިޔާ އަދި ބްރެޒިލްގެ އިތުރުން އިނގިރޭސިވިލާތާއި، އިންޑިއާ އެވެ. ކުރީން ޔޫރަޕްގައި މި ބަލިމަޑުކަމާ ގުޅިގެން ނުރައްކާތެރި ހާލަތަށް ދިޔަ އިޓަލީ އާއި ސްޕެއިން އަދި ޖަރުމަނުގައި މި ބަލި މިހާރު ކޮންޓްރޯލްވުމާ ގާތަށް ވަނީ ޖެހިލާފައެވެ.

މިހާތަނަށް އައިއިރު އެންމެ ގިނަ އަދަދެއްގެ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ ގައުމަކީ އެމެރިކާ އެވެ. އެ ގައުމުން 1.57 މިލިއަން މީހުންނަށް މި ބަލިޖެހިފައިވާއިރު، 93،533 އެއްހާ މީހުން ވަނީ މަރުވެފައެވެ. ރަޝިޔާ އިން 3 ލައްކައެއްހާ މީހުން ޕޮޒިޓިވްވެ، 2،837 މީހުން މަރުވެފައިވެއެވެ. ބްރެޒިލުން 271،885 މީހުން ޕޮޒިޓިވްވިއިރު، 18 ހާހެއްހާ މީހުން ވަނީ މަރުވެފައެވެ.

އެމެރިކާ އަށް ފަހު މުޅި ދުނިޔޭން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުގެ 35،341 މީހުން މަރުވެފައިވާއިރު، 248،818 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

އޭޝިއާ ބައްރުގައި ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު އިންޑިއާ އިން ގާތްގަނޑަކަށް 112،015 މީހުން ޕޮޒިޓިވްވެފައިވާއިރު، ތިން ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ކޮވިޑް-19ގެ ނުރައްކާ މިހާރު ބޮޑުވެފައިވާއިރު، މިހާތަނަށް އައިއިރު 1,186 މީހުން މި ބައްޔަށް ޕޮޒިޓިވްވެ، ހަތަރު މީހުން ވަނީ މަރުވެފައެވެ.