English Edition
Dhivehi Edition

ގިނަ ފައިދާތަކެއް އެކުލެވޭ މޭވާއެއް ކަމަށްވާ މުރާކީގައި ކޮވިޑް 19 ވައިރަސް ދިފާޢު ކުރުމުގެ މާއްދާތައް ހުރިކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިންޑިއާގެ ޑައިލާބް ކުންފުންޏާއި ޖަޕާންގެ ސައިންސް އެންޑް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އައިސްޓް ގުޅިގެން ހޯދި ހޯދުންތަކުން މުރާކީގައިވާ ޤުދުރަތީ މާއްދާތަކާއި ،ކުޅަނދުރު ހަތާއިން ފެންނަ ޕްރޮޕޮލިސް އެކުވުމުން ކޮވިޑް 19 އާއި ދެކޮޅަށް ފަރުވާއެއް އުފެއްދިދާނެއެވެ.

ރިސާޗް ޓީމުން މަސައްކަތް ކޮށްފައިވަނީ ސާސް2 ވައިރަސްގެ އެންޒައިމްގައިވާ ޕްރޮޓީން ބައިބައިކޮށްގެން ހަށިގަނޑަށް ވާސިލް ވުމުން ދުރުކުރުމަށެވެ. އެކަން ކުރުމަށްޓަކައި ހަށިގަނޑުގައިވާ ސެލްތަކުގެ ޕްރޮޓީން، މުރާކީއާއި ޕްރޮޕެލިސް ބޭނުންކޮށްގެން މޮޑިއުލް ކުރުމުން ކޮވިޑް 19 ވައިރަސް ވަނުމަށް ޖާގަ ހަނިވެގެން ދެއެވެ.

ދިފާޢީ ނިޒާމް ވަރުގަދަ ކުރުމުގެ ފައިދާހުރި ގިނަ މާއްދާތަކެއް މި ދެބާވަތުގައިވެސް އެކުލެވިފައިވާއިރު މިއީ މިބައްޔާއި ހަނގުރާމަ ކުރަމުންދާ އެތައް ބަޔަކަށް އުއްމީދު އާވެގެންދިޔަ ކަމެކެވެ. މުރާކި ، މުރަވަކި،ނާރޯއް،ނާރޮވައް ފަދަ ތަފާތު ނަން ނަން ދިވެހިންކިޔާ މި މޭވާއަކީ ރާއްޖެއިންވެސް ލިބެން ހުންނަ މޭވާ އެކެވެ. އެހެން ނަމަވެސް ރާއްޖޭގައި ހައްދައިގެން ބޭނުން ކުރާ މޭވާ އަކަށް ނުވާތީ ހަމައެކަނި ފެންނަނީ ވަލުތެރޭ ސަރަހައްދުތަކުގައި މަދުމަދުން ހެދިފައި ހުންނަތަނެވެ.

މިތަޙުލީލު ކުރި ޓީމުން އިތުރު ކަމެއްވެސް ފާހަގަ ކޮށްފައިވެއެވެ. ކިތައްމެ ފައިދާހުރި މާއްދާއެއް އެކުލެވުނު ކަމުގައިވިއަސް ކޮންމެ އެއްޗެއް ވެސް ބޭނުން ކުރަންޖެހޭ ޙައްދެއް އޮންނަ ކަމެވެ. މާގިނައިން ނުވަތަ މާ މަދުން ބޭނުން ކޮށްގެން އެކަށީގެންވާ ފަރުވާ ނުލިބޭއިރު އެމީހުންދަނީ މިންވަރު ކަނޑައެޅުމަށްވެސް ދިރާސާތަކެއް ކުރަމުންނެވެ.

މިތަޙްލީލް އަދިވަނީ އިތުރަށް ދިރާސާކުރުމުގެ މަރްހަލާގައެވެ. މުޅި ދުނިޔޭގެ އެތަން މިތާނގައި ކޮވިޑް 19 އަށް ވެކްސިނެއް ހޯދުމަށް ކުރިއަށްގެންދާ ރޭހުގައި މިއީވެސް ވާދަކުރެވޭނޭ ދިރާސާއަކަށްވެސް ހަމަ ވެދާނެއެވެ. އެހެންކަމަށްވާނަމަ އެންމެ އަގުހެޔޮކޮށް ތައްޔާރު ކުރެވޭނޭ ބޭހަކަށް މިބޭސް ވެގެންދާނެއެވެ.