English Edition
Dhivehi Edition

ކޮންމެ މީހަކުވެސް އެންމެ ކުޑައިރުން ފެށިގެން ދެކެމުން އަންނަ ހުވަފެންތައް ހުންނާނެއެވެ. ތައުލީމީ ހަޔާތް ނިންމުމަށް ފަހު ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތައް ހުންނާނެއެވެ. ބައެއް މީހުންނަކީ އެ ލަނޑުދަނޑިތަކާއި ހަމައަށް ފަސޭހައިން ވާސިލްވެވޭ މީހުންނެވެ. ބައެއް މީހުންނަކީ ވަގުތާއި ހާލަތުގެ ސަބަބުން އެ ހުވަފެންތައް ހާސިލްކުރުމަށް އުދަގޫ ގިނަ ތަޖްރިބާތަކެއް ކުރަން ޖެހޭ ފަރާތްތަކެވެ.

އައްޑޫ ސިޓީ ހުޅުދޫ އަށް އުފަން އައިޝަތު ހަނާން އަކީ މި ފަދަ ފަރާތެކެވެ. ސ.އަތޮޅު މަދަރުސާގައި ތައުލީމް ހާސިލްކޮށްފައިވާ ހަނާންއަކީ ސްކޫލް ދުވަސްވަރުވެސް ކިޔެވުމަށް މޮޅު، ހުނަރުވެރި ދަރިވަރެކެވެ. މަދަހަ މުބާރާތްތަކާއި، ޤުރުއާން މުބާރާތްތަކުން ރަންވަނަތަކެއް ހޯދާފައިވާ ހަނާން އޯލެވެލް ނިންމާލީ 2008 ވަނަ އަހަރު ރަންވަނަތަކާއެކުގައެވެ. އަބަދުވެސް ކުދިންނަށް އުގަންނައި ދިނުމަށް ހާއްސަ ޝައުގުވެރިކަމެއް ހުރި ހަނާން ދުވަހަކުވެސް ސިއްހީ ދާއިރާގައި މަސައްކަތްކުރާކަށް ވިސްނާފައެއް ނެތެވެ. އެހެންނަމަވެސް މިހާރު އޭނާގެ މުޅި ދިރިއުޅުން ބިނާވެފައިވަނީ ސިއްހީ ދާއިރާއަށެވެ. “ސްކޫލް ނިންމާލިއިރުވެސް ހިތަކަށް ނާރާ ސިއްހީ ދާއިރާގައި މަސައްކަތް ކުރާނަމޭ. އެކަމަކު އާއިލާގައި ނަރުހެއް ހުންނާތީ އޭނަގެ މަސައްކަތްފެނި އެންމެ ފުރަތަމަ ވެސް މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ. އަދި މިއީ ހިދުމަތާއި އެއްވަރަށް ސަވާބުވެސް ލިބޭ ކަމެއްވީމަ އަސްލު ނަރުހަކަށްވާން ބޭނުންވީ” ‘އޭއޯ ނިއުސް’އަށް ދިން އިންޓަވިއުގައި ހަނާން ބުންޏެވެ.

ނަރުހަކަށްވުމުގެ ފޮނި އުއްމީދުތަކާއެކު އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ހަނާން ކަޑައްތުކުރީ އުދަގޫ ބޮޑު،ގިނަ ގޮންޖެހުންތަކާއި ކުރިމަތިކުރުވި ހިތި ތަޖުރިބާތަކެއް ކުރުވި ދުވަސްތަކެކެވެ. “އެންމެ ފުރަތަމަ ޑިޕްލޯމާއިން ނާސިން އާއި އެޑްވާންސް ސެޓްފިކެޓް އިން ނާސިންއަށް ކުރިމަތިލީ. ހޮވުނީ ޑިޕްލޯމާ ކޯހަށް. އެހާ ހިސާބުން އައީ މާލެއަށް ކިޔަވަން. “ހަނާން ބުންޏެވެ. އެހެންނަމަވެސް މާލޭގައި ހުރެވޭނެ އެއްވެސް ގޮތެއް ނެތުމުން އެހާ ހިސާބުން ޑިޕްލޯމާ ކޯސް ދޫކޮށްލުމަށްފަހު އައްޑޫ ކެމްޕަސް އިން އެޑްވާންސް ކޯސް ފުރިހަމަކުރީ އެ ވަގުތު އެހެން ގޮތެއް ނެތުމުންނެވެ. ” ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި މާލީ ގޮތުންވެސް.އެހެންނަމަވެސް އާއިލާގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު. ދުވަހަކުވެސް އެމީހުން ކޮށްދިން މަސައްކަތް ހަނދާނެއް ނުނެތޭނެ” ހަނާން ބުންޏެވެ.

2011 ވަނަ ކޯސް ފުރިހަމަކުރުމަށްފަހު ހަނާން އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ ހުޅުމީދޫ ސިއްހީ މަރުކަޒުގައެވެ. އެތަނުގައި 04 އަހަރު ވަޒީފާ އަދާކުރުމަށްފަހު ހަނާން މާލެ ބަދަލުވީ ޑިޕްލޯމާއަށް ކިޔެވުމަށް ލިބުނު ފުރުސަތާއެކު ސިއްހީ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމުގެ އުއްމީދާއެކުގައެވެ. ސިއްހީ ދާއިރާގައި ހޭދަވީ ނުވަ އަހަރުގެ ތެރޭގައި ގިނަ ގޮންޖެހުންތަކާއެކު ޑިޕްލޯމާ ފުރިހަމަކޮށް މިހާރު ޑިގްރީއަށް ކިޔަވަމުން އަންނަ ހަނާން ބުނީ އެންމެ އުފާވަނީ ގިނަ ގޮންޖެހުންތަކާއެކުވެސް މި ދާއިރާއިން ކުރިއަށް ދެވުމުންކަމަށެވެ.

އަބަދުވެސް  އެހެން މީހުންނަށް އެހީތެރިވެދިނުމަކީ ބޮޑު އުފަލެއްކަމުގައި ދެކޭ ހަނާން ބުނީ ނަރުހަކަށް ވުމުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ބަލި މީހުން ބޭނުންވާ އެހީތެރިކަން އެންމެ ފުރިހަމަ އަށް، އެމީހުން ހިތްހަމަޖެހޭ ގޮތަށް ދެވޭތޯކަމަށެވެ. “އަބަދުވެސް ބަލި މީހުންގެ މޫނަށް ހިނިތުންވުން ގެނައުމަށް މަސައްކަތްކުރަން. އަބަދުވެސް ވަރަށް ގާތުން އެމީހުންގެ ހާލުބަލާ އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތްކުރަން” ހަނާން ބުންޏެވެ.

އެންމެ ފުރަތަމަ އައިޖިއެމްއެޗްގެ ޑައިލެސިސް ޔުނިޓްގައި މަސައްކަތްކުރި ހަނާން ބުނީ އެންމެ ހަނދާންނައްތާލުން އުދަގޫ ދުވަސްތަކަކީ ޑައިލެސިސް ޔުނިޓްގައި މަސައްކަތްކުރި ދުވަސްތައް ކަމަށެވެ. “އަބަދުވެސް ޑައިލެސިސް ހައްދަން އަންނަ ބަލިމީހުންނާއި ވަރަށް ގާތްގުޅުމެއް އުފެދިފައިވަނީ. އެތަނުން ވަކިވެގެންދާންޖެހުނު ދުވަސް ހަނދާންނައްތާލަން ވަރަށް އުދަގޫ.ތިން އަހަރު ދުވަހު އެތަނުގައި މަސައްކަތްކުރުމަށްފަހު އެހެންތަނަކަށް ބަދަލުވި ދުވަހަކީ ވަރަށް ގިނަ އިހްސާސަތަކެއް ކުރުވި ދުވަހެއް. އެތަނުގައި އެއްކޮށް މަސައްކަތްކުރި ޓީމަކީ ވަރަށް އެކުވެރި ބަދަހި ޓީމެއް” ހަނާން ބުންޏެވެ.

ކޮވިޑް19 އާއި ގުޅިގެން ހަނާންގެ ދިރިއުޅުމަށްވެސް އެކަމުގެ އަސަރުކޮށްފައިވާއިރު ހަނާން އަންނަނީ މި ދަނޑިވަޅުވެސް އޭނާއަށް ގައުމަށްޓަކައި ކޮށްދެވުނު ކޮންމެ މަސައްކަތެއް ފަސްޖެހުމެއްނެތި ކޮށްދޭނެކަން ސާބިތުކޮށްދެމުންނެވެ. “އެންމެ ފުރަތަމަ މަސައްކަތްކުރީ މާބަނޑު މީހުންގެ ކްލިނިކްގައި. ކޮވިޑް19 އާއި ގުޅިގެން މާބަނޑުމީހުން ޑޮކްޓަރަށް ދެއްކުމަށް ބޮޑު ބަދަލެއް އައި. ކޮވިޑް19ގެ އެންމެ ރިސްކްއެއް ބަޔަކީ މާބަނޑުމީހުންކަމުން ވަރަށް ބޮޑަށް އެމީހުންނާއި، އެމީހުންގެ އާއިލާތަކަށް މައުލޫމާތުދޭންޖެހުނު. ކޮވިޑްއިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކިޔައިދީ މިކަމަށް ހޭލުންތެރިކުރަންޖެހުނު” ދަރުމަވަންތަ ހޮސްޕިޓަލްގައި މަސައްކަތްކުރާ ހަނާން ބުންޏެވެ. ކޮވިޑް19 އާއި ގުޅިގެން މުއައްޒަފުންގެ ދަތިކަމާއެކު މާބަނޑުމީހުންގެ ކްލިނިކުން ބަލިމީހުންގެ ވާޑަށް ބަދަލުކުރުމުން ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހުނުކަމަށް ހަނާން ބުންޏެވެ. މި ހާލަތުގައި މަސައްކަތްކުރާއިރު އެންމެ ކަންބޮޑުވާ ވަގުތަކީ ޑިއުޓީ ނިންމާލުމަށްފަހު، އާއިލާ ކައިރިއަށް ދާންޖެހޭ ވަގުތުގައި ކަމަށް ހަނާން ބުންޏެވެ. ” ވަރަށް ފަރުވާތެރިކަމާއެކު ބަލައިގެން އާއިލާއެކު ވަގުތު ހޭދަކުރަންޖެހެނީ. “ދެ ކުދިންގެ މަންމަ ހަނާން ބުންޏެވެ.

މި ބަލިމަޑުކަމުގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި ބެހޭ ގޮތުން ހަނާން ބުނީ ގައުމަށްޓަކައި އެއްވެސް ފަރުވާއެއް ނެތް ބައްޔަކާއި ހަނގުރާމަކޮށް އާއިލާއާއި ދުރުގައި އަމިއްލަ ނަފްސު ނުރައްކަލަށް ހުށަހަޅައިގެން ކުރަމުން އަންނަ މަސައްކަތްތާއި ވަމުން އަންނަ ގުރުބާނީ އަކީ ދިވެހި ފަސްގަނޑުން ފޮހެވިގެންދާނެ މަސައްކަތެއް ނޫންކަމަށެވެ.

ނަރުހުންގެ ދުވަހާއި ގުޅިގެން ހަނާންގެ އަޑުން ކިޔައިދީފައިވާ ލަވައަކީ އޭގައި އެތައް ވާހަކަތަކާއި އަސަރުތަކެއް އެކުލެވިގެންވާ ލަވައެކެވެ. އައިޖީއެމްއެޗުގެ ގައިނީ އެމާޖެންސީގައި މަސައްކަތްކުރާ ރެޖިސްޓާރޑް ނާސް މިޑްވައިފް، އަމްރާ އަހުމަދުގެ ޅެންބަހުގެ ލަފުޒުތައް ހަނާންގެ އަޑުން ކިޔައިދީފައިވާއިރު އެއީ ހަގީގަތުގައިވެސް ގިނަ ބަޔަކަށް އަސަރުކުރުވި ލަވައެކެވެ. “ޤައުމަށް މަގޭ ޚިދުމަތް މިވަގުތު ދެމުން މިދަނީ އަހުދު ކުރިފަދައިންނެވެ، މަގަތުގައި އިން މަގޭ ދަރިފުޅު ދުރަށްލާފައި މިދަނީ އެކަނި މާއެކަންޏެވެ “މިއީ ހަގީގަތުގައިވެސް ހުރިހާ ނަރުހުންގެ އަޑުކަމަށް ހަނާން ބުންޏެވެ. ނަރުހުންގެ ދުވަހު މި ލަވަ ކިޔާލުމުގެ ފުރުސަތު ލިބުމުން، ހާއްސަކޮށް ކުރީ ސަފުގައި މަސައްކަތް ކުރާ ނަރުހުންގެ އަގު ވަޒަން ކުރަން ލިބުމުން ވަރަށް އުފާވި ކަމަށް ހަނާން ބުންޏެވެ. ” ހިތަށް އެރި ނަރުހުންގެ މަސައްކަތަކީ ވަރަށް މަތިވެރި އަދި ދަރުމައިން ފުރިގެންވާ މަސައްކަތެކޭ”ލަވަ ކިޔަމުން ދިޔަ އިރު ހިތަށް އެރި ވާހަކަތައް ހިއްސާކުރަމުން ހަނާން ބުންޏެވެ.

މި ހާލަތުގައިވެސް އޭނާގެ ދާއިރާގައި މަސައްކަތްކުރުމަށް ފަސްނުޖެހޭނެކަން ހާމަކުރަމުން ހަނާން ބުނީ މި ދާއިރާގައި އުޅޭ އިރު އެންމެ އުފާވަނީ ބަލިމީހުންނަށް ދެވޭ އަޅާލުމާއި އޯގާތެރިކަން ބަލިމީހުން ބަލައިގަންނާތީ ކަމަށެވެ. މީގެ އިތުރުން ސިއްހީ ދާއިރާއިން ލިބޭ ކޮންމެ ކާމިޔާބީއަކީވެސް ވަރަށް ބޮޑު އުފަލެއްކަމުގައި ހަނާން ބުންޏެވެ.

“މި ވަގުތު ދޭން ބޭނުންވާ މެސެޖަކީ ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލަބައިގެން މި ބަލިން އަރައިގަތުމަށް ވިހާވެސް ބޮޑަށް އެއްބާރުލުން ދޭށޭ. :ހަނާން ބުންޏެވެ. މީގެ އިތުރުން ހަނާން ބުނީ ބަލި ކޮންޓްރޯލް ކުރުމަށް މުޖްތަމައުން ދޭ އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ބޯލެނބުމަށް ހަނާންވަނީ އެދިފައެވެ. .

ފޮޓޯ: އައިޖީއެމްއެޗް

ސިއްހީ ދާއިރާއިން ކުރިމަތިވި ގިނަ ގޮންޖެހުންތާއެކު މިދާއިރާގައި 09 އަހަރު ހޭދަކޮށްފައިވާ ހަނާން ބުނީ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އާއިލާއަށާއި ފިރިމީހާއަށް ކަމަށެވެ. އަދި މި ކަމުގައި ކުރިއަށް ދިއުމަށް ހިތްވަރުދޭ އެންމެންނާއި ރައްޓެހިންނަށް، ހަނާން ވަނީ ޝުކުރު އަދާކޮށްފައެވެ” މި ދާއިރާގައި އެއްކޮށް މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް އުގަންނައި ދިން އެންމެންނަށް ޝުކުރު ދަންނަވަން” ހަނާން ބުންޏެވެ. އިތުރަށް ހަނާން ބުނީ މި ދަތުރުގެ ފެށުމަކީ ހުޅުމީދޫ ސިއްހީ މަރުކަޒުކަމަށާއި އެތަނުގެ ހުރިހާ މުއައްޒަފުންނަށް ހާއްސަކޮށް ސީނިއަރ ނަރުހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.

‘އޭއޯ ނިއުސް’ އިން އެދެނީ ސިއްހީ ދާއިރާގައި ހަނާންއަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރެއްވުމެވެ.