English Edition
Dhivehi Edition
ފޭސްބުކްގެ ސީއީއޯ މާކްޒަކަބާގް

ދުނިޔޭގެ އެތައް ބަޔަކު ބޭނުން ކުރަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ފޭސްބުކުން ކުދި ވިޔަފާރިތަކަށް އާ އުއްމީދެއް ގެނެސްދީފިއެވެ.

މަސައްކަތުގެ ސީދާ ޙަރަކާތުގައި ފޭސްބުކްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މާކް ޒަކަބާގް ހުންނަވައިގެން އިއްޔެ އޭނާ ވަނީ އޮންލައިން ވިޔަފާރިތަކަށް ފޭސްބުކުން ވާ ތައްޔާރީތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކޮށްފައެވެ.

އެންމެ މައިގަނޑު ޕްރޮޑަކްޓެއްގެ ގޮތުގައި ފޭސްބުކް ޝޮޕް ތަޢާރަފްކުރިއިރު މިއީ ފޭސްބުކްގައި މިހާރު ޤާއިމް ކުރެވިފައިވާ ވިޔަފާރި ފީޗަރ ، އިތުރު ބައިތަކަކާއެކު ،ވިޔަފާރި ހިންގާ މީހުންނަށް އެމީހުންގެ އަމިއްލަ ފޭސް ބުކް ނުވަތަ އިންސްޓަގްރާމް ބޭނުންކޮށް އުފެއްދުން ތަކުގެ ކެޓަލޮގް އަޕްލޯޑް ކޮށްގެން ފަސޭހަ ކަމާއެކު ވިޔަފާރި ކުރެވޭނޭ މަގެކެވެ.

ފޭސްބުކްގެ މަރްޙަލާގައި ނިމިދިޔަ ދުވަސްތަކުގެ ތަޖްރިބާ ތަކަށް ބަލާ ސައިންއަޕް ކުރުން ކުރިއަށްވުރެ ފަސޭހަކޮށްދީ އެއްވެސް އަގަކާނުލާ ފަށައިގަނެވޭ މިޚިދުމަތް ވެގެންދާނީ ކޮވިޑް 19 ގެ ސަބަބުން އާމްދަނީ ހުއްޓި ބަނގްރޫޓް ވެފައިވާ ކުދި ވިޔަފާރިތަކަށް އެހީ ފޯރުކޮށްދީ އެމީހުނަށް އޮންލައިން ކޮށް ވިޔަފާރި ކުރުމުގެ ފަސޭހަ  މަގެއް ހުޅުވިގެންދާނޭ ކަމަކަށެވެ.

ދުނިޔޭގެ އެތައް މިލިއަން މީހުންގެ މަޤްބޫލުކަން ހޯދާފައިވާ ފޭސްބުކުން މިއަހަރުތެރޭ މި ފީޗަރ ތަޢާރަފް ކުރާއިރު ވަނީ ކޮންމެ މީހަކަށްވެސް ފަސޭހައިން ބޭނުން ކުރެވޭނެގޮތް ހަމަޖައްސާފައެވެ. ވިޔަފާރިތަކުން ވިއްކަން ބޭނުންވާ ޕްރޮޑަކްޓް ޚިޔާރު ކުރުމަށްފަހު ބޭނުންވާ ޑިޒައިނަކަށްހިތްގައިމު  ވާޗުއަލް ފިހާރައެއް ހުޅުވާލެވޭނަމަ އެކަން ނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ.

ކަސްޓަމަރުންނަށްވެސް ފަސޭހަކަމާއެކު ވަޓްސްއަޕް މެސެންޖަރ އަދި އިންސްޓަގްރާމް މެދުވެރިކޮށް ބޭނުންވާ އެހީއާއި ޑެލިވަރީ ސްޓެޓަސް ފޭސްބުކް ޝޮޕުން ބަލާލެވޭއިރު މިޚިދުމަތާއެކު ލައިވް ޝޮޕިން ކުރެވޭނެ ގޮތްވެސް ހަމަޖެހިގެންދާނެ އެވެ.

ފޭސްބުކުންވަނީ ކޮވިޑް 19 ގެ މިޙާލަތުގައި ވިޔަފާރިތަކަށް އެހީއެއްގެ ގޮތުން ޑިޖިޓަލް ގިފްޓް ކާޑްވެސް ތަޢާރަފް ކޮށްފައެވެ.

 މިދަނޑިވަޅު ކުދި ވިޔަފާރި ތަކަށް ވަރަށް ބޮޑު ދަތްޗެއް ކުރިމަތިވެފައިވޭ. ފިހާރަތައް ބަންދު ކުރަން ޖެހިފައިވުމުން ހުރިހާ އެންމެން ވެސް ބޭނުންވަނީ އޮންލައިން ވިޔަފާރިއަށް ދާން. އަޅުގަނޑުމެންގެ މަޤްސަދަކީ ވިޔަފާރިތަކަށް ކުރިމަތިވެފައިމިވާ ގޮންޖެހުންތަކުން އަރައިގަނެ ވިޔަފާރިތައް އަމިއްލަ ފައިމައްޗަށް ކޮޅަށްތެދުވުމަށް އެހީވެދިނުން. 

ފޭސްބުކްގެ ސީއީއޯ މާކްޒަކަބާގް

 

މާކް ޒަކަބާގް ވިދާޅުވީ ފޭސްބުކް ޝޮޕް ވެގެންދާނީ ފޭސްބުކް ޢާއިލާގެ ހުރިހާ އެންމެންނަށް ވަދެ ބަލާލެވޭނެ އެއްޗެއްގެ ގޮތުގައެވެ.  ދުނިޔޭގެ 3 ބިލިއަން މީހުންނަށް ކޮންމެ ވިޔަފާރިއެއްވެސް ބަލާލެވޭ ގޮތަށް ފަރުމާ ކުރެވިގެންދާ މި ޚިދުމަތް ވެގެންދާނީ ވިޔަފާރިތަކަށް ލިބޭނެ ބޮޑު ކުރިއެރުމަކަށެވެ.

އަންގާރަ ދުވަހު ލައިވްސްޓްރީމް ކޮށް ވާހަކަ ދައްކަވަމުން ޒަކަބާގް ވަނީ ކުދި ވިޔަފާރިތަކަށް ފޭސްބުކް ޝޮޕް ގެ ބޭނުންތެރިކަން ކިޔާދެއްވާފައެވެ. އޭނާ ފާހަގަ ކުރެއްވިގޮތުގައި ފޭސްބުކް ވިޔަފާރިތައް އިޝްތިހާރު ކުރުމާއިގެން އެންމެ ގިނައިން އުޅެމުން އަންނަނީ ކުދި ވިޔަފާރިތައް ކަމަށްވުމުން މިއީ އެފަދަ ވިޔަފާރިތައް ފޭސްބުކަށް މުހިއްމުވާ މައިގަނޑު އެއް ސަބަބެވެ.

ޒަކަބާގް ފާހަގަ ކުރެއްވި ގޮތުގައި ވިޔަފާރިވެރިންގެ އާއުފެއްދުންތައް  އިޝްތިހާރުކޮށްގެން މާކެޓަށް ނެރެ ޢާއްމުންނަށް އެފަދަ އުފެއްދުންތައް ތަޢާރަފް ކުރުމުގައި ފޭސްބުކުން ބޮޑު ކާމިޔާބެއް ހޯދިކަމުގައިވިޔަސް ކަމާކަންފަށާ ވިޔަފާރިކޮށްލުމަށް ފޭސްބުކަށް މީހުން ވެއްދުމުގައި އަދިވަނީ އެދެވޭ ކާމިޔާބީއެއް  ޙާސިލް ނުކުރެވިއެވެ.

 

https://web.facebook.com/zuck/videos/10111929914173161/