English Edition
Dhivehi Edition

އަނގައިގައި އުފެދޭ ފާރަކީ ވަރަށް އާންމުކޮށް މީހުންނަށް ދިމާވާ ވޭންދެނިވި ކަމެކެވެ. އާންމު ގޮތެއްގައި ފާރު ހެދެނީ ހިރުގަނޑުގައި، ދުލުގައި ނޫނީ ކޮލުގެ އެތެރޭގައެވެ. ގިނަފަހަރަށް އަނގައިގައި އުފެދޭފާރަކީ ކޯހެފިގެން ނޫނީ ދޫހެފިގެން ހެދޭފާރުތަކެވެ. ނަމަވެސް ބައެއްފަހަރު ހެދޭފާރުތަކަކީ އަނގައިގެ އެތެރެ ސާފުނުކޮށް ރަނގަޅަށް ނުބެލެހެއްޓުމުން ނާއި ހަށިގަނޑުން ވިޓަމިނެއް މަދުވެގެން އުފެދޭފާރެވެ. އަނގައިގެ ފާރާކީ ގިނަފަހަރު އެއްވެސް ފަރުވާ އެއްނުދިނަސް ރަނގަޅުވާ ފާރުތަކެވެ. އަދި ބައެއް ކަހަލަ ފާރުތައް ރަނގަޅުނުވެ ގިނަދުވަސް ވުމުން ހުން އައިސް އެކަމުގެ ވޭނުގައި ކާއެއްޗެއް ނުކެވި އުޅެންޖެހެއެވެ. މިފަދަ ހާލަތެއް ދިމާވެއްޖިއްޔާ ޑޮކްޓަރެއްގެ ފަރުވާ ހޯދުން ވަރަށް މުހިންމެވެ. ތިރީގަިއ މިވަނީ އަނގައިގައި އުފެދޭ ފާރުތައް ފަސޭހަކުރުމަށް ގޭގައި ތައްޔާރުކޮށްލެވިދާނެ ރެމެޑީ ތަކެވެ.

ލޮނު އަދި ބޭކިންގ ސޮޑާ މިކްސް:

އެންމެ ފަސޭހައިން އަނގައިގެ ފާރު ފަސޭހަކުރެވޭނީ ތާފާނާ ފެނަށް ލޮނު ނުވަތަ ބޭކިންގ ސޮޑާ އޭޅުމަށްފަހު އެފެނުން އަނގަ ދޮވުމުންނެވެ. މީގައި ހިމެނޭ އެންޓި ބެކްޓީރިއަލް މާއްދާ ތަކުން ފާރުތައް ރަނގަޅުވެއެވެ. އަނގައިގައި ހުންނަ ފާރުތައް ރަނގަޅުވަންދެން މި ރެމެޑީ ތަކުރާރުކޮށް ބޭނުން ކުރެވިދާނެއެވެ.

ކާށިތެޔޮ :

ކާށި ތެލުން އަނގައިގައި ހެދިފައި ހުންނަ ފާރުގެ އެތެރޭގައި ހުންނަ ފަށަލަތައް ބެދި ރަނގަޅު ކޮށްދިނުމަށް އެހީވެދެއެވެ. ކާށިތެލަކީ އެންޓި އިންފްލެމެންޓަރީ އެއްޗަކަށް ވުމުން އޭގެން ތަދުކެނޑުމަށް ވެސް އެހީވެދެއެވެ.

މާމުއި:

މާމުޔަކީ ޒަމާނުއްސުރެ ބޭސްފަރުވާ އަށް ބޭނުން ކުރަމުން އަންނަ އެންޓި އިންފްލެމެންޓަރީ އަދި އެންޓި ބެކްޓީރިއަލް މާއްދާތައް ހިމެނޭ އެއްޗެކެވެ. ފާރުގަނޑުގައި މާމުއި އުނގުޅުމުން އާޓިޝޫތައް އުފެދި ފާރު ރަނގަޅު ވުމަށް އެހީވެދެއެވެ. ފާރުގަނޑުގައި  މާމުއި އެކަނި އުނގުޅާލެވިދާނެއެވެ. ނޫނީ ބޭނުމިއްޔާ ރީނދުލާއި މާމުއި އެއްކޮށްގެންވެސް ބޭނުން ކުރެވިދާނެއެވެ.

އަލޮވެރާ ޖެލް:

އަލޮވެރާގައި ހުންނަ ޖެލް އަކީ ހުރިހާ ވައްތަރެއްގެ ފާރަށްވެސް ރަނގަޅު ފަރުވާއެކެވެ. މި ޖެލްގައި ހިމެނޭ އެންޓި އިންފްލެމެންޓަރީ މާއްދާއިން ފާރުގަނޑު ފަސޭހަކޮށްދީ ތަދު ކަނޑުވައެވެ. އަލޮވެރާ ޖެލްކޮޅެއް ފެންފޮދަކަށް އަޅާފައި އެފެނުން ކޮންމެ ދުވަހަކު ދެފަހަރު އަނގަ ދޮންނާށެވެ.

މި ރެމެޑީސް ތަކުގެ އިތުރުން އަނގައިގައި ފާރު އުފެދުން ދުރުކުރުމަށް އަޔަން، ވިޓަމިން ބީ12، އަދި ވިޓަމިން ސީ އެކުލެވޭ ކާނާ ބޭނުން ކުރެވިދާނެއެވެ.