English Edition
Dhivehi Edition

ސްޓެލްކޯއިން މަޖިލީހަށް ފޮނުވި ސިޓީއެއް އާންމުވުމާ ގުޅިގެން އެކަން ހިނގި ގޮތް އޮޅުންފިލުވައިދިނުމަށް އެދި އެ ކުންފުނިން މަޖިލީހުގައި އެދުމުން، އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އެޑްރެސް ކުރައްވައި ސްޓެލްކޯއިން މި މަހުގެ ހަވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މަޖިލީހުގެ އިދާރާގެ ބޭނުމަށް އެ ކުންފުނިން ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ލީކުވުމާ ގުޅިގެން އެ ކުންފުންޏާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމައެއާ އެކު މުސްތަގުބަލުގައި މަޖިލީހަށް ފޮނުވާ ލިޔެކިޔުންތަކަކީ އާންމު ކުރާނެ ތަކެތިކަން ކުރިން އެންގުމަށް ވެސް އެ ސިޓީގައި އެދިފައިވެ އެވެ. އެހެންކަމުން އެ ސިޓީ އާންމުވި ގޮތް އޮޅުން ފިލުއްވައިދެއްވުމަށް ސްޓެލްކޯ އިން ވަނީ މަޖިލީހަށް ފޮނުވި ސިޓީގައި އެދިފައެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެކަމަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ސިޓީބިޓީ ލިޔުމާ ގުޅޭގޮތުން 1968 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނު ބުނާގޮތުން “އިންޖީނުގެ އިން” އެގޮތަށް މަޖިލީހަށް ސިޓީ ނުފޮނުވޭނެ ކަމަށެވެ. އަދި ގ. ކެނެރީގޭ މުހައްމަދު ނަޝީދަށް ކޮންމެ މީހަކަށް ވެސް ސިޓީ ލިޔެވޭނެ ކަމަށާއި، އަދި ބޭނުންވާ އެއްޗެއް ވެސް ބުނެވޭނެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެގޮތަށް ސިޓީ ފޮނުވަން ގާނޫނުން ޖާގަނުދޭ ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.

“އިންޖީނުގެ ކުދިންނަށް އެނގެން ޖެހޭ މިތަނަށް އެބޭފުޅުންނަށް ސިޓީ ނުލިޔުއްވޭނެކަން. މިތަނުން އަހާ އެއްޗެއްގެ ޖަވާބު އެބޭފުޅުންނަށް ދެއްވޭނެ”، ނަޝީދު ވިދާޅުވި އެވެ. އިތުރަށް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުވޭނީ ވަޒީރުންނަށް ކަމަށެވެ،

މި މައްސަލަ އާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާން ޖެހޭ މައުލޫމާތެއް ނޫން ކަމަށެވެ.