English Edition
Dhivehi Edition
ރަޝިޔާގެ ބޮޑުވަޒީރު މިޚާއިލް މިޝުސްޓިން. --ފޮޓޯ: ރޮއިޓާސް

ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން ފަރުވާ ދޭން ޖެހުނު ރަޝިޔާގެ ބޮޑުވަޒީރު މިޚާއިލް މިޝުސްޓިން ހޮސްޕިޓަލުން މިއަދުގެ ވަގުތެއްގައި ދޫކޮށްލައިފިއެވެ.

ބޮޑުވަޒީރުގެ ޕްރެސް ސެކްރެޓަރީ އާ ހަވާލާދީ ރަޝިޔާގެ ނޫސް އެޖެންސީ ރިއާ ނޮވޯސްޓީން ހާމަކުރާ ގޮތުގައި މިޝުސްޓިން ހޮސްޕިޓަލުން ދޫކޮށްލުމާއެކު ރަސްމީ މަސައްކަތަށް ނިކުމެވަޑައިގެންފައިވާ ކަމަށާއި، އެގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރައީސް ލަޑިމިއާ ޕުޓިންއާ ބައްދަލުކުރައްވާފައިވާކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އުމުރުން 54 އަހަރުގެ މިޝުސްޓިން އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށީ މި މަހުގެ އެއްވަނަ ދުވަހުގައެވެ. ބޮޑުވަޒީރު ހޮސްޕިޓަލުގައި އޮންނެވިއިރު ވަޒީފާގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވަނީ ބޮޑުވަޒީރުގެ ނައިބު އަންދްރެއި ބެލޫސޯވް އެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެހެން ގައުމުތަކެކޭ އެއްފަދައިން ރަޝިޔާގެ ރައީސް ޕުޓިން ވެސް ސަރުކާރުގެ ވަޒީރުންނާއި އެހެނިހެން އިސް އޮފިޝަލުންނާއެކު ބައްދަލުވުންތައް ބާއްވަމުން އައިސްފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްގެންނެވެ.

މިހާރު މުޅި ޔޫރަޕްގައި މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ރަޝިޔާގައެވެ. މިހާތަނަށް އައިއިރު އެ ގައުމުގެ ތިން ލައްކަ އެއްހާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެވްރެޖްކޮށް ކޮންމެ ދުވަހަކު ބަލިޖެހޭ މީހުންގެ އަދަދު އުޅެނީ 9 ހާހަށްވުރެ މަތީގައެވެ. އަދި އެ ގައުމުގެ ގާތްގަނޑަކަށް 2،837 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.