English Edition
Dhivehi Edition
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ފޯވާޑް ޔާއޯ ފެލިކްސް. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ ދެކޭ ހުވަފެނެއް ކަމަށް އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ފޯވާޑް ޔާއޯ ފެލިކްސް ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރެކޯޑް އަދަދެއްކަމަށްވާ 126 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް އެތުލެޓިކޯ އަށް ބަދަލުވި ފެލިކްސް ވަނީ ޕޯޗުގަލްގެ ބެންފީކާގައި ހޭދަކުރީ އެންމެ ފަހު ސީޒަނުގައި ލީގު ކާމިޔާބުކޮށްފައެވެ.

އެހެންކަމުން، މިހާރު އޭނާގެ އެންމެ ބޮޑު އަމާޒަކީ އެތުލެޓިކޯ އާއެކު ޔޫރަޕްގެ ޝަރަފުވެރި މުބާރާތް ކާމިޔާބުކުރުން ކަމުގައި ބީޓިވީ އަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.

“ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ނަސީބު ވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރޭ.”

“އަހަރެންގެ ކެރިއަރުގެ މިހާރު އެންމެ ބޮޑު އަމާޒަކީ އެތުލެޓިކޯ އާއެކު އެ މުބާރާތް ކާމިޔާބުކުރުން. ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ އަހަރެން ފުޓްބޯޅަ ކުޅެން ފެށިފަހުން އެންމެ ދެކެން ބޭނުންވާ ދުވަހަކީ.” ފެލިކްސް ބުންޏެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން މިދިޔަ މާރިޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސްޕެނިޝް ލަލީގާ މެޗުތައް މެދުކަނޑާލިއިރު، ތާވަލްގެ އެއްވަނައިގައި އުޅެނީ ބާސެލޯނާ އެވެ. އެ ޓީމަށް 27 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. ތިންވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އާއި ފަސްވަނައިގައި އޮތް ގެޓަފޭ އަށް ލިބިފައިވަނީ 46 ޕޮއިންޓެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން އެތުލެޓިކޯ އޮތީ ހަވަނައިގައެވެ.

އުމުރުން 20 އަހަރުގެ ފެލިކްސް އަށް އެތުލެޓިކޯ އަށް ބަދަލުވެ އަނިޔާގެ މައްސަލަތަކާ ހުރެ އެންމެ މޮޅު ކުޅުން ދެއްކިފައިނުވާއިރު، މިހާތަނަށް އައިއިރު އެ ޓީމަށް ކުޅެދިން 28 މެޗުގައި ޖެހުނީ އެންމެ ހަ ގޯލެވެ. އަދި ފަހަކަށް އައިސް ލީގުގައި އެ ޓީމުގެ ފޯމް ދަށްވުމުން ވަނީ ހަވަނައަށް ވެއްޓިފައެވެ. އެހެން ނަމަވެސް،  އެތުލެޓިކޯ އިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު ފެލިކްސް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލަފައިވާ ސްޕެނިޝް ލީގުގެ މެޗުތައް ފެށުމަށް މަސައްކަތްކުރަމުން އަންނައިރު، ފެލިކްސް ވަނީ ކުރިއަށް އޮތް ހަފްތާގައި ވެސް މެޗު ކުޅުމަށް އެތުލެޓިކޯގެ ކުޅުންތެރިން ތައްޔާރަށް ތިބިކަމަށް ބުނެފައެވެ.