English Edition
Dhivehi Edition
ޗެލްސީގެ ޒުވާން ވިންގާ ކެލުމް ހަޑްސަން-އޮޑޯއީ. --ފޮޓޯ: އޭޕީ

އިނގިރޭސިވިލާތުގެ ލަންޑަނުގައި އަންހެނެއް ރޭޕްކުރިކަމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ވަނީ ޗެލްސީ އަށް ކުޅެމުން އަންނަ ޒުވާން ވިންގާ ކެލުމް ހަޑްސަން-އޮޑޯއީ ހައްޔަރުކުރުމަށްފަހު، ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

އިނގިރޭސިވިލާތުގެ ފުލުހުން، ހަޑްސަން-އޮޑޯއީ ހައްޔަރުކޮށްފައިވަނީ ލަންޑަނުގެ އެޑްރެހެއްގައި ދިރިއުޅޭ އަންހެނަކު ހުށަހެޅި މައްސަލައެއްގައި މިދިޔަ އާދީއްތަ ދުވަހުގެ ދަންވަރު 3:53 ހާއިރު ފުލުހުންގެ އިދާރާ އަށާއި އެމްބިއުލާންސަށް އެންގުމުން އެއަށްފަހު ކުރިއަށްދިޔަ ތަހުގީގަށްފަހުގައެވެ.

އުމުރުން 19 އަހަރުގެ ހަޑްސަން-އޮޑޯއީ ވަނީ މިހާތަނަށް އައިއިރު އިނގިރޭސި ގައުމީ ޓީމަށް ތިން މެޗު ކުޅެދީފައެވެ. އަދި އޭނާގެ ކްލަބު، ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ ސެޕްޓެންބަރު މަހު އާކުރުމަށްފަހު އިތުރު ފަސް އަހަރު ދުވަހަށް މަޑުކުރުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން، ހަޑްސަން-އޮޑޯއީ އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި ފަރާތެވެ. މިދިޔަ މާރިޗް މަހުގެ 13 ވަނަ ދުވަހު އެ ބައްޔަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވާއިރު، އެ މަހުގެ ފަހުކޮޅު އޭނާ ވަނީ ބަލިން މުޅީން ރަނގަޅުވިކަން ވެސް ކަށަވަރުކޮށްދީފައެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން އެހެން ގައުމުތަކެކޭ އެއްފަދައިން އިނގިރޭސިވިލާތުގައި ވެސް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލާފައިވާއިރު، ޕްރިމިއާ ލީގުގެ މެޗުތައް ކުރިއަށް ގެންދިއުމުގެ މަޝްވަރާތައް ކްލަބުތަކުން އަންނަނީ ކުރަމުންނެވެ. އެހެންކަމުން، ލީގު ފެށުމުގެ ކުރީން ހަޑްސަން-އޮޑޯއީއާ މެދު ޗެލްސީން ފިޔަވަޅު އަޅާނެ ކަމަށް ބެލެވެއެވެ.

ހަޑްސަން-އޮޑޯއީގެ މައްޗަށް ކުރެވޭ ރޭޕްގެ ތުހުމަތުތަކާ ގުޅިގެން މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީވެ، އަންނަ ޖޫން މަހުގެ ތާރީޙެއްގައި ފުލުސް އޮފީހަށް ހާޟިރުވުމަށް ވެސް އޭނާ އަށް ވަނީ އަންގާފައެވެ.