English Edition
Dhivehi Edition

ޔޫރަޕުގައި އެންމެ ހަލުވިކަމާ އެކު ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރުނު ސްޕޭނުން މަރުވާ ރޭޓް ވަރަށް ބޮޑުތަން ދަށަށް ދާން ފަށާފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

އެގޮތުން، އެ ގައުމުގައި މިދިޔަ އާދީއްތަ ދުވަހު ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދަކީ 59 ކަމަށާއި، މިއީ މިދިޔަ މާރިޗް މަހުގެ 16 ގެ ފަހުން މި އަދަދު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

މިއާއެކު، އެ ގައުމުގައި ބަލީގެ ޕީކަށް އެރިއިރު މަރުވާ ރޭޓް %11 ގައި ހުރިނަމަވެސް، މިހާރު މަރުވާ މީހުންގެ ނިސްބަތް ހުރީ %2 ގައި ކަމަށް ވެސް އެ ގައުމުގެ ސެންޓަރ ފޯރ ހެލްތު އެމާޖެންސީސްގެ ޑައިރެކްޓަރ ޑރ. ފެނާންޑޯ ސިމޮން ވަނީ ވިދާޅުވެފައެވެ.

ސިމޮން އިތުރަށް ދެއްކި ވާހަކަތަކުގެ ތެރޭގައި، ކޮވިޑް-19ގެ އަލާމާތެއް ފެނިއްޖެނަމަ ބަލިމީހުންނަށް އެ މައުލޫމާތުތައް ރިޕޯޓްކުރެވޭނެ ހަރުދަނާ ނިޒާމެއް މިހާރު ގާއިމްކުރެވިފައިވާކަމަށާއި، މިކަމުގެ ސަބަބުން ކުރިއަށްވުރެ އަވަހަށް ބަލީގެ ހާލަތު ދެނެގަނެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސްޕެއިނުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 278،188 އަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު އުޅެނީ 27،000 އަށްވުރެ މަތީގައެވެ. އެ ގައުމުގައި މިހާރު މި ބަލިން މުޅީން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 196،958 އެވެ.

މީގެއިތުރުން، އެ ގައުމުގައި މިހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން 51،090 އެއްހާ މީހުންނަކީ ސިއްހީ ހިދުމަތްތެރިން ކަމަށްވާއިރު، މިއީ ގާތްގަނޑަކަށް ބަލިޖެހުނު މީހުންގެ %22 ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިހާރު ޔޫރަޕްގައި ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ރަޝިޔާގައެވެ. އެ ގައުމުގެ 290،678 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އެމެރިކާ އަށް ފަހު މުޅި ދުނިޔޭން އެންމެ ގިނަ އަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ ވެސް ރަޝިޔާގައެވެ.