English Edition
Dhivehi Edition
އާސެނަލްގެ ފްރާންސް ފޯވާޑް އަލެކްސެންޑަ ލަކަޒޭ. --ފޮޓޯ: އޭޕީ

އާސެނަލަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އަލެކްސެންޑަ ލަކަޒޭ، ފުއްޕާހަމެއްގެ ޛަރިއްޔާއިން ނައިޓްރަސް އޮކްސައިޑް ބޭނުންކުރާތަން ދައްކުވައިދޭ ފޮޓޯއެއް މީޑިއާގައި ދައުރުވުމުން، އެ މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ.

އެގޮތުން، މި މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ އެއް ލަކަޒޭގެ ރައްޓެހިންނަށް ފޮނުވާފައިވާކަމަށް ވެސް އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެކުރީން، 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގައި ލަކަޒޭގެ އިތުރުން އާސެނަލްގެ މެސުޓް އޮޒިލް އާއި މަޓެއޯ ގެންޑޫޒީ އަދި ޕިއޭރް-އެމެރިކް އޯބާމަޔަން ނައިޓްރަސް އޮކްސައިޑް ގޭސް އަޅާފައިހުރި ކަމަށް ޝައްކުކުރެވޭ ފުއްޕާހަންތަކެއްގެ މަސްތުވުމަށް ބޭނުންކޮށްފައިވާކަމުގެ ސީސީޓިވީ ފުޓޭޖް ފެންމަތިވުމުން އެކުޅުންތެރިންނާ ކްލަބުން ވާހަކަދައްކައި އެމީހުންގެ ޒިންމާ ހަނދާންކޮށްދީ ނަސޭހަތްދީފައިވެއެވެ.

ގާނޫނާ ޚިލާފު ނޫނަސް މަސްތުވާ އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ބޭނުން ކުރާ ނައިޓްރަސް އޮކްސައިޑް، ނުވަތަ “ލާފިންގް ގޭސް”، ބޭނުން ކުރުމުގެ ސަބަބުން ސިކުނޑީގެ މަސައްކަތްތައް ލަސްކުރުވައި މަސްތުގެ ހާލަތަކަށް މީހާ ހުށަހެޅެއެވެ. އެކަމަކު ނައިޓްރަސް އޮކްސައިޑްގެ ގިނަ މިންވަރެއް ހަށިގަނޑުގެ ތެރެއަށް ހިނގައްޖެނަމަ އޭގެ ސަބަބުން ހަށިގަނޑުގައި އޮކްސިޖަން މަދުވެ ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮންނަކަމަށް ސިއްހީ މާހިރުން ބުނެފައިވެއެވެ.

އަދި ދާދިފަހުން، ލަކަޒޭ ހިމެނޭގޮތަށް އެ ޓީމުގެ ހަތަރު ކުޅުންތެރިއަކު އިނގިރޭސިވިލާތުގައި ކޮވިޑް-19ގެ ސަބަބުން މިހާރު ކަނޑައަޅާފައިވާ އިޖްތިމާއި ގައިދުރުކުރުމުގެ މިންގަނޑާއި ހިލާފުވުމުން ވެސް އެކަމުގައި ކްލަބުން ވަނީ ވާހަކަ ދައްކާފައެވެ.

ފްރާންސްގެ އޮލިމްޕިކް ލިޔޯން އިން 2017 ވަނަ އަހަރު 53 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށް އާސެނަލަށް ބަދަލުވި ލަކަޒޭ ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 114 މެޗުގައި 45 ލަނޑުޖަހާފައެވެ.