English Edition
Dhivehi Edition

މުވައްޒަފުން ވަޒީފާތަކުން ވަކި ކުރި ކުންފުނި ތަކަށްވެސް ކޮވިޑް 19 ރިކަވަރީ ލޯން ސްކީމް ޕްރޮގްރާމް ގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރިކަވަރީ ސްކީމް ޕްރޮގްރާމް ގެ ދަށުން ލޯން ނެގުމަށް ، ބީއެމްއެލް އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނެންސް ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ވިޔަފާރިތަކުގެ ތެރޭގައި، ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯޕޭލީވް ނަގަން މަޖްބޫރު ކުރުވާފައިވާ ވިޔަފާރިތައް ހިމެނޭކަމަށެވެ.

2020 އޭޕްރީލް 7 ވަނަ ދުވަހު އެމިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައިވެސް ފާހަގަ ކޮށްފައިވާ ފަދައިން މިފަދަ ވިޔަފާރި ތަކަކީ މިލޯނަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަކަށް ނުވާތީ އެފަރާތްތަކުގެ އެޕްލިކޭޝަންތައް ވަނީ ބާތިލް ކޮށްފައެވެ. އެގޮތަށް ރިޖެކްޓް ވެފައިވާ ވިޔަފާރިތައް މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާއިރު ، ވަކިކުރެވިފައިވާ މުވައްޒަފުންނަށް 5000 ރުފިޔާއަށްވުރެ މަދުނޫން މުސާރައަކާއެކު ވަޒީފާ އިޢާދަ ކޮށްދިނުމާއި އެފަދަ ފަރާތެއް ޖޮބް ސެންޓަރ ޕޯޓަލްގައި ރަޖިސްޓްރީ ކޮށްފައިވާނަމަ 3 ދުވަހުގެ ތެރޭ އެމައްސަލަ އަނބުރާ ނަގައިދިނުމަށް މުވައްޒަފުންގެ ކިބައިން އެދުމަށް ޝަރުތު ކުރެވިފައިވެއެވެ.

މައްސަލަ ނެގުމަށް މުވައްޒަފުން އީމެއިލް ކުރާނެ އެޑްރެހަކީ [email protected] އެވެ.

ކުންފުނި ތަކުން ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހަޅާއިރު މިކަމަށް އެދި ހުށަހަޅާ ސިޓީއަކާއި ކުންފުނީގެ އަންޑަޓޭކިން ލިއުމެއް ހުށަހަޅަން ޖެހެއެވެ. މިލިއުމުގައި ވަޒީފާއިން ވަކިކޮށް ނޯޕޭލީވް ނަގަން މަޖްބޫރު ކުރުވާފައިވާ ދިވެހި މުވައްޒަފުންގެ ފުރިހަމަ ނަމާއި އައިޑީކާޑު ނަމްބަރާއި ފޯން ނަމްބަރ އަދި އީމެއިލް އެޑްރެހުގެ ލިސްޓެއް ހިމެނެންޖެހެއެވެ.

އެއްވެސް ރަހުނެއްނެތި 6 ޕަސެންޓް އިންޓްރެސްޓާއެކު ދޫކުރާ މިލޯނަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ 73 ފަރާތަކަށް ޖުމްލަ 100 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށް މީގެ ކުރިން ބެންކުންވަނީ ހާމަކޮށްފައެވެ.

ކޮވިޑް 19 އާއި ގުޅިގެން ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ކުޑަކޮށް މާލީއެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މި ޕްރޮގްރާމްގައި ރިސޯޓްތަކުން ބައިވެރިވާނަމަ އެއްވެސް މާލީ އިދާރާއެއްގައި ދައްކަންޖެހި، ނުދައްކާ ހުރި ލޯން/ފައިނޭންސިންގ ފެސިލިޓީއެއް ނެތުމާއި 2019 ވަނަ އަހަރު ވިޔަފާރިން ފައިދާވެފައި ވުމުގެ އިތުރަށް ކުރިޔަށް އޮތް 3 އަހަރަށް ލަފާކުރާ ކޭޝްފްލޯ ޕޮސިޓިވްވުން ހިމެނެއެވެ.

އެހެނިހެން ވިޔަފާރިތަކުގެ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ އެނުއަލް ޓަރންއޯވަރ ގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ އަދަދެއް ހޯދައިފައިވުމާއި އެއްވެސް މާލީ އިދާރާއެއްގައި ދައްކަންޖެހި، ނުދައްކާ ހުރި ލޯން/ފައިނޭންސިންގ ފެސިލިޓީއެއް ނެތުމާއި 2019 ވަނަ އަހަރު ވިޔަފާރިން ފައިދާވެފައި ވުމެވެ.