މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިރޭ 22:30 އިން ފެށިގެން 03:00 އާއި ހަމައަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި އެ ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ. އަދި އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.
މީގެ އިތުރުން އެ ސަރަޙައްދުތަކަށް އެ ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިރޭ 08:00 އިން މާދަމާރޭގެ 08:00 އަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ވައި ގަދަވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
އަދި މެޓް އޮފީހުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވެއެވެ.
މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގައިފަ އެވެ.