English Edition
Dhivehi Edition
މާލޭގެ މީހުން ދިރިއުޅޭ އިމާރާތެއް - ފޮޓޯ: ފަޔާޒު މޫސާ (ސަން)

މާލެ ސިޓީގެ އިމާރާތްތަކުގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓޭ ގޮތަށް ގަސްމުށިފަދަ ތަކެތި ނުބެހެއްޓުމަށް އިލްތިމާސްކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން، ގްރޭޓާރ މާލޭ ހިމެނޭގޮތަށް ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށް ލަފާކޮށް އާންމު ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވާ ކަމަށާއި، މި ދުވަސްވަރު ގްރޭޓަރ މާލޭ އަށް ވައިގަދަވެ ގިނަ އަދަދެއްގެ ގެއްލުންލިބެމުންދާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންނަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށްޓަކައި ގްރޭޓަރ މާލޭ ސަރަޙައްދުގެ ކޮންސްޓްރަކްޝަން ސައިޓްތަކާއި ގޭގޭގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނޭފަދަގޮތަކަށް ގަސްމުއްޓާއި މިބާވަތުގެ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ޖ) ދަށުން، ހަދާފައިވާ ޤަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަމަށް ގްރޭޓަރ މާލޭގެ ގޭގެ ވެރިންނަށާއި ގްރޭޓަރ މާލޭގައި އިމާރާތްކުރަމުންދާ ސައިޓުތަކުގައި މަސައްކަތްކުރަމުންދާ ކޮންސްޓްރަކްޝަން ކޮމްޕެނީތަކުގެ ވެރިންނަށް އިލްތިމާސްކުރާ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އަދި މަތިން އެއްޗެހި ވެއްޓޭފަދަގޮތަކަށް ބެހެއްޓިފައި ހުރި ކޮންސްޓްރަކްޝަން ސައިޓްފަދަ ތަންތަން ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުމަށްވެސް ކައުންސިލުން ވަނީ އަންގައިފަ އެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާއިރު، ބައެއް ރަށްރަށުގައި ފެންބޮޑުވެ ގިނަ ގޭގެއަށް ވަނީ ގެއްލުން ލިބިފައެވެ. މީގެ އިތުރުން ވައި ގަދަވުމުގެ ސަބަބުން ގޭގޭގެ ފުރާޅުތައްވެސް ހަލާކުވެފައިވާއިރު، ބައެއް ރަށްތަކަށް އުދަވެސް ވަނީ އަރައިފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.