English Edition
Dhivehi Edition

ޓީވީ ބަތަލާ ދިވްޔަންކާ ތްރިޕަތީ އަކީ އަބަދުވެސް މީޑިއާގައި އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައްވެސް އެއްވެސް ފޮރުވުމެއް ނެތި ހިއްސާކުރާ ތަރިއެކެވެ. އޭނާގެ ލޯބީގެ ވާހަކަތަކުން ފެށިގެން ކައިވެނީގެ ވާހަކަތައްވެސް ވަރަށް ފާޅުގައި މީޑިއާގައި ހިއްސާކުރާ ދިވްޔަންކާ އަކީ އޭނާގެ ހިތްހެޔޮކަމުގެ ސަބަބުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ. މިގޮތުން ވަރަށް ފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ޝަރާދް މަލޯތްރާއާއި ދެމީހުން ރުޅިވި ގޮތުގެ ވާހަކަދައްކަމުން ދިވްޔަންކާއަށް ރޯވޭ މަންޒަރު މިވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ،

ރާޖިވްގެ ޝޯ ‘ޖަޒްބާތް’ ގައި ކުރީގެ ލޯބިވެރިޔާއާއި ބެހޭ ގޮތުން ދިވްޔަންކާ ދެއްކި ވާހަކަ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާއިރު ކުރީގެ ލޯބިވެރިޔާގެ ވާހަކަތަކާއި އެކު ދިވްޔަންކާ އަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ.

“އަހަރެން ވަރަށް މަސައްކަތް ކުރިން 08 އަހަރުވީ ލޯބީގެ ގުޅުން ކުރިއަށް ގެންދެވޭތޯ، އެކަމަކު ފަހުން ހިތަށް އެރި ގަދަކަމުން ހޯދާ ލޯތްބަކީ ލޯތްބެއް ނޫނޭ” ދިވްޔަންކާ ބުންޏެވެ.

ދިވްޔަންކާ ބުނީ އޭނާ އާއި ޝަރާދްގެ ލޯބީގެ ގުޅުން ނިމުމުން އޭނާއަށް އިހްސާސްކުރެވުނީ އޭނާއަށްޓަކައި މުޅި ދުނިޔެވެސް ނިމުނުކަމުގެ އިހްސާސެއްކަމަށާއި އެ ދުވަސްތަކުގައި އޭނާ އުޅެމުން ދިޔައީ ވަރަށް ހާލުގައި ކަމަށެވެ.

“އަބަދުވެސް ހިތަށް އަރަނީ 08 އަހަރުވީ ގުޅުމެއް ކުއްލިއަކަށް ނިމުނީ ކީއްވެބާއޭ؟” ދިވްޔަންކާ ބުންޏެވެ.

މީގެ އިތުރުން ދިވްޔަންކާ ބުނީ އެކަންތަކުން އަރައިގަންނަން ވަރަށް ގިނަ ދުވަސް ނެގިކަމަށާއި އެކަނި އުޅުމަކީ އެންމެ ރަގަޅު ގޮތްކަމުގައި ވިސްނި ކަމަށެވެ.

“އަހަރެން ވަރަށް ގިނަ ކަންތައްތައް ހުއްޓާލިން. އެކަމުން ސަލާމަތްވުމަށް ވަރަށް ވަގުތު ނެގި”, ދިވްޔަންކާ ބުންޏެވެ.

ދިވްޔަންކާ އާއި ޝަރާދް ރައްޓެހިވީ ދެމީހުން އެކުގައި ކުޅުނު ޑްރާމާ ސިލްސިލާ ‘ބަނޫ މޭ ތޭރި ދުލްހަން’ ގެ ސެޓުންނެވެ. މި ދެތަރިންގެ ގުޅުން 2015 ވަނަ އަހަރު ނިމުނު އިރު 2016 ވަނަ އަހަރު ދިވްޔަންކާވަނީ ‘ޔޭހޭ މޮހާބަތޭން’ގެ ތަރި ވިވެކް އާއި ކައިވެނިކޮށްފައެވެ.