English Edition
Dhivehi Edition

އައްޑޫސިޓީން ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ކޮލަމްބޯގައި ޓްރާންސިޓްކޮށްފައި އެތަނުން ސީދާ ޖިއްދާއަށް ފުރޭނެ ގޮތް ސްރީލަންކަން އެއާލައިނުން ހަމަޖައްސައިފިއެވެ.

ސްރީލަންކަން ހޮލިޑޭސްގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވް، އިނަ މޯލްޑިވްސްއިން ބުނީ ޢުމްރާ އަށް ފުރާ ފަރާތްތަކަށް މާލޭގައި މަޑުކުރަން ނުޖެހި، ކޮލޮމްބޯއަށް ގޮސް، އެތަނުން ސީދާ ޖިއްދާއަށް ދެވޭނެ ގޮތަށް ދަތުރުތައް ރާވާފައިވާކަމަށާއި، އެކަމުގެ މަޢުލޫމަތު ޢުމްރާ ގުރޫޕުތަކާއި ޙިއްސާކުރަމުންދާކަމަށެވެ.

ސްކޫލް ބަންދާ ދިމާކޮށް މިއަހަރުގެ ނޮވެމްބަރމަހު ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުތަކުގައި ޢުމްރާއަށް ފުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ޖާގަދޭނެކަމަށް އިނަ މޯލްޑިވްސް އިން ބުނެއެވެ.

މީގެ އިތުރުން ސްކޫލް ބަންދާ ދިމާކޮށް ގަމުން އޮޕަރޭޓްކުރަމުންދާ ސްރީލަންކަންގެ މަތިންދާބޯޓުގެ ދަތުރު ތަކަށް 2 ބޯޓު އިތުރުކުރާނެކަމަށާއި، މިހާރު ހަފްތާއަކު 4 ދުވަހު ބާއްވަމުން އަންނަ ގަން-ކޮލޮމްބޯ ދަތުރުތައް ހަފްތާއަކު 6 ދުވަހު ބާއްވާގޮތަށް ހަމަޖައްސާނެކަމަށް ސްރީލަންކަން އެއާލައިނުން ބުނެއެވެ.

މީގެ އިތުރުން ހެނދުނު ބާއްވަމުން އަންނަ ދަތުރުތަކުގެ އިތުރަށް ހަވީރު ދަތުރުތައް ބާއްވާނެކަމަށާއި، އެކަމުގެ ސަބަބުން ގަމުގެ އިތުރުން ކާޑެއްދޫ އާއި ކޫއްޑޫ ވެސް، ކޮލޮމްބޯ ރޫޓާއި ގުޅާލެވޭނެކަމަށް އެފަރާތުން ބުނެއެވެ.

ސްރީލަންކަން އެއާރލައިނުގެ ދަތުރުތައް ގަން- ކޮލަމްބޯ އަށް ފެށުމާ ގުޅިގެން އައްޑޫގެ ގިނަ ބަޔަކަށް ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ލިބިފައެވެ.