English Edition
Dhivehi Edition
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު/ފޮޓޯ ރައީސް އޮފީސް

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެއްވުމުގެ ބިލުކަމުގައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލަކީ މިއަހަރުގެ އެޕްރީލް މަހުގެ 29 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 31 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލަކީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއް ކަމުގައިވާ ކޯވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކޮށްފައިވާތީއާއި، އެގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުނަނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީ، ދިވެހިރާއްޖޭގައި ބޭއްވުމަށް އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ޤާއިމުކުރެވެންދެން ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެނޫންވެސް ޚާއްޞަ އުސޫލުތަކެއް އެކަށައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ފަސްކުރެވުނީއެވެ.

އަދި ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރެވުމާއެކު، އެ އިންތިޚާބުގެ ބޭނުމަށްޓަކައި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނުމުގައި ބަލާނީ، އެ އިންތިޚާބު ބޭއްވުމަށް، މި މާއްދާގެ (ށ) ގެ ދަށުން އަލުން ކަނޑައަޅާ ތާރީޚަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020 ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢު ކުރައްވާފައެވެ.