English Edition
Dhivehi Edition
ސުވާދިވް ކެފޭއިން އޭއީއެޗް އަށް ހަދިޔާކުރި މާސްކުތައް ހަވާލުކުރަނީ - ފޮޓޯ: އޭއީއެޗް

ޕްރޮޓެކްޓިވް ޕާސަނަލް އިކުއިޕްމެންޓްސް ޕީޕީއީ އައްޑޫގައި އެބަހުރި ކަމަށާއި އެސާމާން ނެތް ކަމަށް ފެތުރުނު ވާހަކައާއި ޕީޕީއީ ބޭނުންނުކުރި މައްސަލައިގެ ކޭސް ރިވިއު ހައްދަވާނެ ކަމަށް އެންއީއޯސީގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި މީޑިއާ ބްރީފިންގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ އައްޑޫގައި ރައްކާތެރި ވުމުގެ ގޮތުން ބޭނުންކުރާ ސާމާނު ނެތް ކަމުގެ ރިޕޯޓްތަކެއް ފެތުރެނީ ކީއްވެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ބްރީފިން އަށް ވަޑައިގެންނެވުމުގެ ކުރިން އައްޑޫ ގައި ހުރި ރައްކާތެރިކަމުގެ ތަކެތީގެ އަދަދުތަކުގެ ތަފްސީލް ބެއްލެވި ކަމަށެވެ.

އައްޑޫ ހޮސްޕިޓަލުގައި ހުރި ތަކެތި ކަމަށް މަބްރޫކު ވިދާޅުވި ލިސްޓުގައި ހިމެނެނީ

  • 289 ގައުންސް
  • 15 ފޮށި ސާޖިކަލް މާސްކް
  • 59 އެން 95 މާސްކް
  • 133 ސެނިޓައިޒާ (ދެ ބްރޭންޑެއްގެ)އެވެ.

އިއްޔެ އައްޑުއިން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވް ވުމާއެކު އައްޑޫ އިމަޖެންސީ އޮޕަރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވީ އެކަށީގެންވާ އަދަދަކަށް ޕްރޮޓެކްޓިވް ޕާސަނަލް އިކުއިޕްމަންޓްސް އައްޑޫގައި ނެތްކަމަށާއި އައްޑޫން އޭރު ޕޮޒިޓިވްވި މީހާއާއި އޭއީއެޗްގެ މުވައްޒަފުން މުއާމަލާތު ކުރިއިރު ވެސް ޕީޕީއީ ބޭނުން ނުކުރާ ކަމަށެވެ. މިމައްސަލަ ފެންމަތި ވުމާއެކު ގިނަބަޔަކުވަނީ ސޯޝަލް މީޑިއާގައި މިކަމާ ނުރުހުންފާޅުކޮށް އައްޑުއަށް ބޭނުންވާ ޕީޕީއީ ހޯދައިދެއްވަން ސަރުކާރަށް ގޮވާލާފައެވެ.

 

މިމައްސަލަ ފެންމަތި ވުމުގެ އަސްލަކަށް ވި އައްޑޫއިން ޕޮޒިޓިވް ވި މީހާގެ ފަހުގެ ޓެސްޓު ތަކުން އޭނާ ވަނީ ކޮވިޑް 19 އަށް ނެގެޓިވް ވެފައެވެ.

އައްޑޫގައި ހުރި ސާމާނުކަމަށް މަބްރޫކު ވިދާޅުވެފައިވާ ސާމާނުތަކަކީ ހަމައެކަނި އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ހުރި ތަކެތި ނޫން ކަމަށާއި އެއީ ހޮސްޕިޓަލުގެ އިތުރުން އައްޑޫސިޓީގެ އަވަށްތަކުގައިވާ ހެލްތު ސެންޓަރ ތަކުގައިވެސް ހުރި ހުރިހާ ސާމާނެއް އެއްކޮށްގެން ހަދާފައިވާ ޖުމްލައަދަދު ކަމަށް އިތުބާރުހުރި ގޮތަކަށް އޭއޯނިއުސްއަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެޗްޕީއޭގެ ބޭނުމަށް ހެލްތު ސެންޓަރ ތަކުގައި ހުރި މަދު ސާމާނުތަކުގެ ހިސާބުވެސް އިއްޔެ ވަނީ އެގޮތުން އެއްކޮށްފައެވެ.

ޓެސްޓް ކުރެވޭނެ ގޮތެއް ނެތުމާއި ބައްޔަށް އެކަށިގެންވާ ފަރުވާ ދެވޭނެ އިންތިޒާމް މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫސިޓީގައި ނެތުމުގެ ޝަކުވާ މިސިޓީގެ ރައްޔިތުން ދަނީ އުފުލަމުންނެވެ. މިކަން ޙައްލު ކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން އައްޑޫސިޓީގައި ގާއިމް ކުރެވޭ ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލުގެ 90 އިން ސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ރޭ ގެ ބްރީފިންގައި މަބްރޫކު ވަނީ ވިދާޅުވެފައެވެ.