ކޮވިޑް 19 އާއި ގުޅިގެން ހޯދަންޖެހޭ ތަކެތީގެ ދަތި ކަމުގެ ވާހަކަ ދައްކާއިރު އެންމެންވެސް މިތިބީ ބަލިފައި މަތީގައި ކަން ދަންނަން ޖެހޭނެ ކަމަށް އެންއީއޯސީ ގެ ތަރްޖަމާން މަބްރޫކު ޢަޒީޒު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުން ވެސް އުޅެނީ އެ ގައުމުތަކަށް ބޭނުންވާ އަދަދަށް ވެންޓިލޭޓަރުތައް ނުލިބިގެން ކަމަށާއި ބައެއް ޤައުމުތަކުގައި ބޭނުންވާ އަދަދަށް ވެންޓިލޭޓަރު ނެތިގެން، ވެންޓިލޭޓަރަށް ލާފައި ތިބި އުމުރުން ދުވަސްވީ މީހުން އެ އިން ނަގައި އެ އަށް ވުރެ ޒުވާން މީހުން ނުވަތަ ބަލިން އަވަހަށް ސަލާމަތް ވާނެހެން ހީވާ މީހުން ވެންޓިލޭޓަރަށް ލައިގެން ފުރާނަ ޤުރްބާން ކުރަން ޖެހޭ ފަދަ ޙާލަތު އައިސްފައިވާކަމަށެވެ.
ދުނިޔޭގެ ހުރިހާ ޤައުމުތަކެއްވެސް ތިބީ ވަރަށް ނިކަމެތި ޙާލުގައި ކަމަށާއި ކާރިސާއެއްގެ ހާލަތުގައި ގަދަފަޔަށް ތެދުވެވޭ ގައުމެއް ނޯންނަ އިރު މި ހާލަތުގައި އުޅެން ދަސްކުރަން ޖެހޭކަމަށް ވިދާޅުވެ މަބްރޫކު ވަނީ ރާއްޖޭގައި ހުރި ވަސީލަތްތަކުގެ ތަފްސީލަށް ވަޑައިގެންފައެވެ.
ރާއްޖޭގައި މިހާރު ސަތޭކައެއްހާ ވެންޓިލޭޓާސް އެބަހުރި. އަދި އިތުރު ވެންޓިލޭޓާސް ހޯދުމަށްޓަކައި މާޗް މަހުގެ ތެރޭގައި ގާތްގަނޑަކަށް ހުރިހާ އެގްރިމަންޓެއް މިހުރީ ހަދާފައި. މަބްރޫކު ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް ރަނގަޅުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވެސް ފާހަގަކުރައްވާކަމަށް ރޭގެ ޕްރެސް ގައި މަބްރޫކް ވަނީ ވިދާޅުވެފައެވެ.
މިވެނި ގައުމަކުން ކުރީ 3 ޓެސްޓޭ އަނެއް ގައުމަކުން ކުރީ 10 ޓެސްޓޭ. 10 ޓެސްޓް ކުރި ގައުމު ކިހާ ގަދަހޭ އެހެން ބުނާ އިރު ބަލާލަން ޖެހޭ 10 ޓެސްޓް ހެދި ގައުމުގައި ތިބީ ކިތައް ހާސް މީހުންތޯ، 3 ޓެސްޓް ހެދި ގައުމުގައި ތިބީ ކިތައް މީހުންތޯ. 10 މީހުން ތިބި ގައުމެއްގައި 3 ޓެސްޓް ހެދުމާއި 1000 މީހުން ތިބި ގައުމެއްގައި 10 ޓެސްޓް ހެދުމާއި އަޅުވާ ކިޔާއިރު 3 ޓެސްޓް ހެދި ގައުމުގައި އާބާދީގެ ބޮޑު ބައެއް އެއޮތީ ޓެސްޓް ކުރެވިފައި.
މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ ރާއްޖެއަށް ވުރެ ފަހަތުގައި އޭޝިއާ އަދި ދުނިޔޭގެ ގިނަ ޤައުމުތައް ވާއިރު މަދުން ސާމާނު ހުރި ޤައުމުތަކަށް އެތަކެތި އަވަހަށް ފޯރު ކޮށްދިނުމަށް ޑަބްލިއު އެޗްއޯއިން ވެސް އިސްކަން ދޭތީ މިއީ ރާއްޖެއަށް ބޭނުންވާ ސާމާނު ހޯދުމުގައިވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އެހެން ނަމަވެސް ރެއާއި ދުވާލު މަސައްކަތް ކުރަނީ އެ ސާމާނުތައް ރާއްޖެ އަށް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެއާއެކު ސަރުކާރުން އެކަނި ކުރާ މަސައްކަތަކުން ކޮވިޑް-19 އިން އަރައި ނުގަނެވޭނެ ކަމަށާ، މި ބަލިން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެންކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
ހަގީގަތަކީ މި ބައްޔަށް ވެކްސިންއެއް ނެތްހާ ދުވަހު އަޅުގަނޑުމެން އެންމެންނަށް ކުރެވޭނެ އެންމެ ބޮޑުކަމަކީ އަޅުގަނޑުމެން އެންމެން އެކީގައި ދުރުދުރުގައި ތިބެގެން ކުރާ މަސައްކަތެއް. އެ މަސައްކަތް ނުކޮށްފި ނަމަ ދާނެ ހާލަތު އަޅުގަނޑުމެން މި ކިޔާދެނީ. މިކަމުގައި އުޅޭ އިރު އަޅުގަނޑުމެން މި ކިޔާދެނީ އަޅުގަނޑުމެންނަށް ވީވަރަކުން ތެދަށް ތިބޭފުޅުންނަށް އަޅުގަނޑުމެން އެންމެން އެކީގައި ތިބި ކަމަކަށް ވާތީވެ. މީގައި އަޅުގަނޑުމެން މިއުޅެނީ ވަކި ކޮޅަކަށް މޮޅުވާކަށް ނޫން.
މަބްރޫކު ޢަބްދުލް ޢަޒީޒް
މަބްރޫކު ވިދާޅުވީ ކަމާއި ބެހޭ ފަރާތްތަކުން ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތް ބަލައިގަންނަ ކަމަށާއި، މިހާރު ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.