English Edition
Dhivehi Edition
ބީއެމްއެލްގެ ހެޑް އޮފީސް - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

އަންނަ ހަފްތާގެ ދެ ދުވަހު އަސާސީ ބޭންކިންގ ޚިދުމަތްތައް ދޭނެ ކަމަށް ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ ފުރަބަންދުގެ މުއްދަތުގައި މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ބޭންކްގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް ބަންދުވާނެ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން، އަދި ލޯކަލް ބޭންކް ޓްރާންސްފަރ ފަދަ އަސާސީ ބޭންކިންގ ޚިދުމަތްތަކަށް މެއި 11 އަދި 13 ވަނަ ދުވަހު އޮންލައިންކޮށް އެދި ހުށަހެޅޭނެ ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ ހެނދުނު 11:00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަރ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބޭންކުން ބުނެއެވެ. އަދި ޕޭރޯލްގެ ޚިދުމަތަށް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެ ކަމަށާއި،
ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ ހެނދުނު 11:00 ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ. އަދި އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ 10:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ.

އަދި އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިންގ ޗެކްތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައި ކަމަށާއި، ހެނދުނު 11:30ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ ހެނދުނު 10:00ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި، 11:30ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި، 11:30ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ ރިކުއެސްޓްވެސް އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށާއި، ހުއްދަ ލިބިފައިވާ ފަރާތްތަކަށް
ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށާއި، އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.

“އަޅުގަނޑުމެން އެންމެ އިސްކަމެއްދެނީ އަޅުގަނޑުމެންގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށެވެ. ހެލްތް
ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅުއްވާފައިވާ ފުރަބަންދުގެ މުއްދަތުގައި ގޭގައި ތިބިގެން ބޭންކިންގ ޚިދުމަތް ހޯދުމަށް
ބާރުއެޅުމުގެ ގޮތުން ބޭންކުގެ ހުރިހާ ބްރާންޗަކާއި ސަރވިސް ސެންޓަރތައް މިވަނީ ބަންދުކޮށްފައެވެ.”، ބީއެމްއެލް އިން ބުނެފައި ވެއެވެ.