English Edition
Dhivehi Edition

އައްޑޫ ސިޓީން ބަލިވެގެން ރޭ މާލެއަށް ގެންގޮސް ކޮވިޑް 19 އަށް ޕޮޒިޓިވް ވި ކަމަށް ބުނާ ބަލި މީހާ އުފުލި އެމްބިއުލާންސުގައި ކިޑްނީ ބައްޔަށް ފަރުވާ ކުރަމުން ދިޔަ މީހަކުވެސް އުފުލި ކަމަށާ، އޭނާ އަނބުރާ އައްޑޫ ސިޓީއާށް ގެންދިޔަ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

އައްޑޫސިޓީން ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުމާ ގުޅިގެން އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު (ސާތު) ވިދާޅުވީ ރޭ ފުރުވަން ހަމަޖެހިފައި އޮތް 2 ޕޭޝަންޓުންގެ ތެރެއިން ކިޑްނީ ބައްޔަށް ފަރުވާ ކުރުމަށްޓަކައި މާލެ ފޮނުވާލަން ޖެހުނު ޕޭޝަންޓް އަނބުރާ ހޮސްޕިޓަަލަށް ގެންނަން ޖެހުނުކަމަށެވެ.

އަދި އެމީހާ އެނބުރި ހޮސްޕިޓަލަށް ގެނައީ މާލެ ފޮނުވި ބަލިމީހާ ގެންދިޔަ އެމްބިއުލާންސްގައި ކަމަށެވެ.

“އޭރު އަޅުގަނޑުމެންނަކަށް ނޭނގޭ މި ބަލި މީހާ އަކީ ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި ބަލި މީހެއް ކަމެއް. އެހެންކަމުން މިހާރު އެ ޕޭޝަންޓްވެސް ހާއްސަ ހާލަތަށް ގެނެސްގެން މޮނިޓަރިންގަ ގެންގުޅެމުން މިދަނީ” ސާދާތު ވިދާޅުވިއެވެ.

ރޭ އައްޑޫ އިން މާލެ ފޮނުވި މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާއިރު އޭނާއަށް ޒިޔާރަތް ކުރުމަށް ގިނަ ބަޔަކު ގަވާއިދާ ޚިލާފަށް ވަދެފައިވާ ކަމަށް ވެސް ސާދާތު ވަނީ ވިދާޅުވެފައެވެ. ސާދާތު ވިދާޅުވީ ބަލި މީހާއަށް ޒިޔާރަތް ކުރުން މަދުކުރުމަށް ހޮސްޕިޓަލުން މަސައްކަތް ކުރި ނަމަވެސް ހޮސްޕިޓަލްގެ އެންގުމާ ޚިލާފަށް ގިނަ ބަޔަކު އައިސީޔޫއަށް ވެސް ވަދެފައިވާ ކަމަށެވެ. އަދި އޭނާ ފުރުވުމަށް ވެސް ގިނަ ބަޔަކު އެއާޕޯޓަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެމުން އަންނަ ކަމަށް ސާދާތު ވިދާޅުވިއެވެ.

ޕޮޒިޓިވްވި ބަލި މީހަކީ ހިތުގެ ބަލީގެ ޕޭޝަންޓެއް ކަމަށާއި ބަލި މީހާ ޑޮކްޓަރަށް ދައްކަން އައިސްފައިވަނީ އިއްޔެ ހެނދުނު ކަމަށް ސާދާތު ވަނީ ވިދާޅުވެފައެވެ. އަދި އޭނާއަށް ފަރުވާ ދިނުމުގައި 7 ޑޮކްޓަރުންނާއި 10 ނަރުހުން ބައިވެރިވެފައިވާކަން މިހާތަނަށް ފާހަގަ ކުރެވިފައިވާ ކަމަށާއި މި އެންމެން މިހާރު އައިސޮލޭޓު ކުރެވިފައިވާ ކަމަށްވެސް ސާދާތު ވިދާޅުވިއެވެ.