English Edition
Dhivehi Edition

މަރަދޫ ޓީމްގެ ކުޅުންތެރިޔާ އައިކްގެ ދެ ލަނޑާއެކު އިއްޔެ ކުޅުނު މިނިވަން ޗެމްޕިއަން ޝީޕްގެ މެޗް ހަތަރު ލަނޑު ދެ ލަނޑުން މަރަދޫ ޓީމް ކާމިޔާބުކޮށްފިއެވެ. ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ހަވަނަ މިނިޓްގައި ހުސެއިން އައިކްގެ ލަނޑާއެކު އެ ޓީމު ލީޑު ނަގާފައިވާއިރު މެޗްގެ ސާޅީސް ތިންވަނަ މިނިޓްގައި އައިކްވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މަރަދޫ ޓީމުން ޖެހި ދެވަނަ ލަނޑާއެކު މީދޫ ޓީމުންވަނީ ޓީމުގެ ކުޅުން ރަގަޅުކޮށްފައެވެ. މިގޮތުން މެޗްގެ ސާޅީސް ފަސްވަނަ މިނިޓްގައި މީދޫ ޓީމުގެ އަހްމަދު ސަބާހުވަނީ މީދޫ ޓީމަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ. މެޗްގެ ދެވަނަ ހާފްގައި މީދޫ ޓީމަށް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މި ގޮތުން ފަންސާސްވަނަ މިނިޓްގައި މީދޫ ޓީމުގެ ސަމީން ވަނީ އިތުރު ލަނޑެއް މީދޫއަށް ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ހާފްގެ ގިނަ ވަގުތު މީދޫ ޓީމުން ބޯޅަ ގެންގުޅެފައިވާއިރު މަރަދޫ ޓީމުގެ ޑިފެންސްލައިން ފޫއަޅުވާލާ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާފައެވެ. މަރަދޫ ޓީމުން މެޗްގެ ނަތީޖާ ބަދަލުކުރުމަށް ކުރަމުން ދިޔަ މަސައްކަތް މެޗްގެ ހައްދިހަ ނުވަވަނަ މިނިޓްގައި ކާމިޔާބުވީ އެ ޓީމުގެ ކުޅުންތެރިޔާ ސުޒުކީ ޖެހި ގޯލާއެކުގައެވެ. ސުޒުކީގެ ގޯލާއެކު މަރަދޫ ޓީމުން އިތުރު ހިތްވަރެއްކޮށް މީދޫ ޓީމްގެ ޑިފެންސްލައިނަށްވަނީ ބާރު ބޮޑުކޮށްފައެވެ. މެޗް ނިމެން ފަސްވަރަކަށް މިނިޓަށް ވެފައިވަނިކޮށް މަރަދޫ ޓީމުގެ މުހައްމަދު ފަޒީލް ވަނީ އިތުރު ލަނޑެއް ޓީމަށް ކާމިޔާބުކޮށްދީ ޕޮއިންޓްގެ ގޮތުން މީދޫ ޓީމަށްވުރެ މަރަދޫ ޓީމް ކުރިއަށްޖައްސާދީފައެވެ. އިއްޔެ ކުޅުނު މަރަދޫ ޓީމާއި މީދޫ ޓީމުވެސް މުބާރާތުން ކަޓާފައިވާ އިރު މިއަދު ކުޅޭ މެޗްގައި ބައްދަލުކުރާނީ މަރަދޫފޭދޫ ޓީމާއި ހިތަދޫ ޓީމެވެ. މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ފޭދޫ އެފްސީ ކުޅުމަށް ހަމަޖެހިފައިވާއިރު ދެން ފައިނަލަށްދާ ޓީމެއް އެގިގެންދާނީ މިއަދު ކުޅޭ މެޗަށް ފަހުގައެވެ.