ބުދަ ދުވަހު ދެކުނު އިންޑިއާގެ ކެމިކަލް ޕްލާންޓެއްގައި ގޭސް ލީކުވެ ހިނގި ހާދިސާއެއްގައި މަދުވެގެން 13 މީހުން މަރުވެއްޖެ އެވެ. އެ ހާދިސާ އާއި ގުޅިގެން އިތުރު 800 މީހަކު ވަނީ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އަންދްރަ ޕްރަދޭޝްގެ ވިސަކަޕަޓްނާމް ސިޓީގެ އެލްޖީ ޕޮލިމާސް ޕްލާންޓްގައި އެ ހާދިސާ ހިނގާފައި ވަނީ މީހުން ނިދާފައި ތިއްބައެވެ. ޑޮކްޓަރުން ބުނާ ގޮތުގައި އެ ހާދިސާގެ އަސަރުކުރި މީހުން ވަނީ ލޮލުން ދިލަނެގުމާއި ނޭވާލާން އުނދަގޫވާކަމުގެ ޝަކުވާތައް ކޮށްފައެވެ.
އެ ޕްލާންޓްގެ ވަށައިގެންވާ ސަރަޙައްދުތަކުން މިހާރު މީހުން ހުސްކޮށްފައިވާއިރު، އޮފިޝަލުން ބުނާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އެ ޕްލާންޓްގެ އިހުމާލުން ކަމަށްވުން އެކަށީގެންވެއެވެ.
ރިޕޯޓްތައް ބުނާގޮތުން އެ ގޭސް ލީކް ކޮންޓްރޯލްކުރުމަށް ފުރަތަމަ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ނަމަވެސް އެ ކުންފުންޏާއި ސްޓޭޓް ސަރުކާރުން ބުނާ ގޮތުގައި ގޭސް ލީކް ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައެވެ.
އެލްޖީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަޙުޤީޤު ކުރަމުންދާ ކަމަށާއި، އެކަމުގެ އަސަރު ކުރި މީހުންނަށް ވީހާވެސް އަވަހަށް ފަރުވާ ދެވޭނެ ގޮތްތައް ހޯދަމުންދާ ކަމަށެވެ.
އަންދްރަ ޕްރަދޭޝް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުގެ އިސް މުވައްޒަފަކު “ބީބީސީ” އަށް ބުނި ގޮތުގައި ލީކުވެފައި ވަނީ އާންމުކޮށް ފްރިޖުކޮށްފައި ބަހައްޓާ ގޭހެއް ކަމަށްވާ ސްޓައިރީން އެވެ.
އެ ހާދިސާ އާއި ގުޅިގެން ބޮޑުވަޒީރު ނަރޭންދްރަ މޯދީ ވަނީ ކުއްލި ޑިޒާސްޓަރ ބައްދަލުވުމެއްވެސް ބާއްވަވައިފަ އެވެ.
އިންޑިއާގައި ގޭސް ލީކުވެގެން މީގެ ކުރިންވެސް ބައެއް ހާދިސާތައް ވަނީ ހިނގައިފަ އެވެ. އެގޮތުން 1984 ވަނަ އަހަރު ބޯޕާލްގެ ޕެސްޓިސައިޑް ޕްލާންޓެއްގައި ވިހަ ކެމިކަލެއް ލީކުވެގެން ހިނގި ހާދިސާގައި އެތައް ހާސް މީހުން ވަނީ މަރުވެފަ އެވެ. ބުނެވޭ ގޮތުގައި އެއީ މިހާތަނަށް މުޅި ދުނިޔޭގައިވެސް ހިނގި އެންމެ ނުރައްކާތެރި ސިނާޢީ ކާރިސާއެވެ.
އެ ހާދިސާއަށް 35 އަހަރު ފުރިފައިވާއިރު، އެކަމުގެ އަސަރު ކުރި ބައެއް މީހުންނަށް މިހާރުވެސް ލިބޭ ކުދިންގެ ކިބައިގައި ނުކުޅެދުންތެރިކަން ނުވަތަ އައިބުތައް ހުރެއެވެ. އެ ހާދިސާގައި ލީކުވެފައި ވަނީ މީތައިލް އައިސޮސައިނޭޓް ގޭހެވެ.