ރަށްރަށަށް ދިއުމުގެ ފުރުސަތު ދެވޭނީ ވަކި މިންގަނޑުތަކެއް ކަނޑައަޅައިގެން، ކޮންޓްރޯލު ކޮށްގެންކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އަވަސް އަރުވާލައިގެން ރަށަށް ދާން އުޅެފި ނަމަ އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމަށާއި މާލެފަދަ ކޮމިއުނިޓީ ސްޕްރެޑް އޮތް ތަނަކުން ރަށަށް ދާން އުޅޭއިރު ބަލަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަ ހުރިކަމަށެވެ. މި ގޮތުން މަބްރޫކް ވިދާޅުވީ ރަށުގެ ކެޕޭސިޓީއަށް ބަލާއިރު ރަށްރަށަށް ދާ މީހުން ކަރަންޓީނު ކުރެވޭ ތަންތަނުގައި ރަނގަޅަށް ކަރަންޓީނު ވެގެން ތިބޭކަން ކަށަވަރު ކުރުމަށް ވަސީލަތްތައް ހުރި މިންވަރު ބަލަންޖެހޭނެކަމަށެވެ. ” ފުލުހުންގެ އަދަދާއި ރަށުގެ އިންތިޒާމްތައް ހުންނަ ގޮތާއި، އެ ކަރަންޓީން ފެސިލިޓީ އަކީ ރަނގަޅަށް ކަރަންޓީން ކުރެވޭނެ ތަނެއްކަން ބަލަންޖެހޭނެ” މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ މާލެއިން ގިނަ އަދަދެއްގެ މީހުން ރަށްރަށަށް ދާން އުޅޭއިރު، އެކަމަށް ކަނޑައަޅާ އުސޫލަކީ ހާއްސަ އުސޫލަކަށްވުމުގެ ބަދަލުގައި އެންމެންނަށް ހަމަހަމަ އުސޫލަކަށް ވާން ޖެހޭނެ ކަމަށެވެ.
“އެއް ބޭފުޅަކަށް ވަޑައިގެންނެވޭނަމަ، އެގޮތަށް ވަޑައިގެންނެވެންވާނެ، ހަމަ އެ އުސޫލުގެ ދަށުން ދެން އެ ރަށަކަށް ވަޑައިގަންނަވާ އެހެން އެންމެންނަށް ވެސް. އެގޮތަށް ބަލާއިރު ކިހާ ބަޔަކަށް ކޭޓާ ކުރެވިދާނެތޯ، ކުރުމުގެ ސަބަބުން ރަށަށް އޮތީ ކިހާ ވަރެއްގެ ނުރައްކަލެއްތޯ،” މަބްރޫކް ވިދާޅުވި އެވެ.
އެންމެ އިސްކަމެއް ދޭން ވަނީ ރާއްޖެއިން ބަލި ކޮންޓްރޯލްކުރުމަށްކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ މާލެ އިން އެއްފަހަރާ އެންމެން ރަށަށް ބަދަލު ކުރުމަކީ އޭގެ ސަބަބުުން މުޅި ރާއްޖެއަށް މި ބަލީގެ ނުރައްކާ ބޮޑުވެދާނެ ކަމެއް ކަމަށެވެ.
މިހާރުވެސް މާލެއިން، ރަށްރަށް މީހުން ފޮނުވުމުގެ މަސައްކަތްފަށާފައިވާއިރު މާލެއިން ރަށްރަށަށް މީހުން ދިއުމަށް ކަނޑައަޅާފައިވާ އުސޫލުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ވަގުތީ ގޮތުން މާލެއަށް އައިސްތިބި މަޖްބޫރީ ޙާލަތު އެންމެ ބޮޑު މީހުންނަށެވެ.