English Edition
Dhivehi Edition

އައްޝައިޚް ޙުސައިން ޔޫސުފް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާގެ ބޭފުޅުންނަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް، އެ ޢާއިލާއާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޙުސައިން ޔޫސުފް އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށެވެ. ޙުސެއިން ޔޫސުފް ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތައް ރައީސް ފާހަގަކުރަށްވައި މި ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު އެމަނިކުފާނު ތަޢުޒިޔާ ވިދާޅުވިއެވެ. އަދި އެ މަރްޙޫމްގެ ފުރާނައަށް މާތްﷲ ހެޔޮ ޖަޒާ ދެއްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މާފަންނު ނޫހިރި، އައްޝައިޚް ޙުސައިން ޔޫސުފް އަކީ ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އައްޝައިޚް ޙުސައިން ޔޫސުފް އަވަހާރަވީ އުމުރުފުޅުން 78 އަހަރުފުޅުގައި އެވެ. އެބޭފުޅާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު ރޭގެ ވަގުތެއްގައި އިންޑިޔާގައެވެ. އެބޭފުޅާ ވަނީ 29 އަހަރަށްވުރެ ދިގު މުއްދަތަށް ސަރުކާރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ފުރަތަމަ އަދާކުރެއްވީ ބޮޑު އިސްޓޯރުގެ ކާތިބުކަމެވެ. އޭގެފަހުން، ވުޒާރަތުލް މަޢާރިފުގެ ކާތިބުކަންވެސް ކުރެއްވިއެވެ.