English Edition
Dhivehi Edition

މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލި ހަބަރާއެކު ގިނަ ބަޔަކު އޭނާއަށް ތައުރީފްކޮށް ހިތްވަރުދިން އިރު އިޝާންގެ މި ނިންމުމާއި ގުޅިގެން އޭނާއަށް ފާޑުކިޔަމުންދާ ފަރާތްތައްވެސް ވަރަށް ގިނައެވެ.

ޓުވިޓާގައި އިޝާން ލަވަކިޔުން ހުއްޓާލި ހަބަރާއެކު ބޮޑު ބަހުސްއެއް ފެށިފައިވާއިރު މިކަމާއި ގުޅިގެން ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވެސް މިވަނީ ޓުވިޓްކުރައްވާފައެވެ. ހިމާރެއްގެ މައްޗަށް ސަވާރުވެގެން ދިޔަ ދެމަފިރިންގެ ވާހަކައާއި އެކު މަހްލޫފް ކުރެއްވި ޓުވިޓްގައި ވިދާޅުވީ ލަވަކިޔުން ހުއްޓާލުމަކީ އިޝާންގެ އަމިއްލަ ނިންމުމެއް ކަމަށާއި އެ ނިންމުމަށް އިހްތިރާމް ނުކުރަންވީ ކީއްވެގެންތޯއެވެ. އަދި ބައެއް މީހުންނަށް ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް ދައްކާނެ ވާހަކަ ހުންނާނެ ކަމަށް ވިދާޅުވެ މަހްލޫފުވަނީ ހިމާރުގެ ވާހަކަ ހިއްސާކޮށްފައެވެ،

 

އިޝާން ލަވަކިޔުން ހުއްޓާލި ހަބަރާއެކު ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އިސްލާމް ދީނުގެ ހިދާޔަތު ފެތުރުމުގެ މަސައްކަތް ކުރާ ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަން މެނޭޖަރުކަން ވެސް ކުރައްވާ ޢަލީ ރަމީޒުވަނީ އިޝާންއަކީ ޒުވާނުންނަށް ނަމޫނާއެއްކަމުގައި ވިދާޅުވެ ޓުވިޓްކުރައްވާފައެވެ. “މާތްﷲ ހަރާމް ކުރައްވާފައިވާ މިއުޒިކްގެ އަވައިގައި ޖެހިފައި ތިބި ހުރިހާ ޒުވާނުން މިފަދަ ނަމޫނާތަކުން އިބްރަތް ހާސިލް ކުރަންޖެހޭ. ﷲ ސާބިތުކަން ދެއްވާށި. އާމީން،” އަލީ ރަމީޒްގެ ޓުވިޓްގައި ބުނެފައިވެއެވެ. މީގެ އިތުރުން އަލީ ރަމީޒް ވަނީ ފޯނުން ގުޅާ އިޝާންއަށް މަރުހަބާ ކިޔުމަށްފަހު އެ ގޮތުގައި ސާބިތުވެ ހުރުމަށް ނަސޭހަތް ދެއްވާފައެވެ.

އިޝާން ލަވަކިޔުން ހުއްޓާލުމުން ބައެއް ފަރާތްތަކުންވަނީ ސީރިއާ ފަދަ ހަނގުރާމައިގެ މައިދާންތަކުން އިޝާން ފެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.މި ގޮތުން މައްރޫފް ހަލީލް ކޮށްފައިވާ ޓުވިޓެއްގައި އިޝާންއަށް ފާޑުކިޔަމުން ބުނެފައިވަނީ “ލަވަކީ އައްޔަގެ އަޑުން، ސްޓޭޖްމަތީގައި އުޅެނީ އައްޔަ އުޅޭހެން، ލަވަކިޔުން އަމިއްލަ އަށް ފެނިގެން ހުއްޓާލުން އެއްވެސް މައްސަލައެއް ނޫން. އެކަމަކު ހެޑްލައިން މޭކް ކުރަން ދީނޭ ނުކިޔާ”. މީގެ އިތުރުން ރައީސް ނަޝީދުގެ ކޮއްކޯ އަދި ޤާނޫނީ ވަކީލް ނާޒިމް ސައްތާރު ކުރެއްވި ޓުވިޓެއްގައި “އަޅުގަނޑުވެސް ލަވަކިޔުން ހުއްޓާލައިފިން” ކަމަށް ބުނެ ކޮށްފައިވާ ޓުވިޓަށް ރައީސް މުހައްމަދު ނަޝީދު ޓްވިޓާގައި ގެންގުޅުއްވާ ކަމަށް ބުނާ ފޭކް އައިޑީ އެލެކްސް އަހްމަދު އިން “ނުވާނެ އެހެނެއް ހަމަ ހުއްޓާލީތަ؟” މިފަދައިން ސުވާލުކުރައްވާފައެެވެ.