English Edition
Dhivehi Edition

އަހަރެން ބޮޑުވަމުން އައީ މާލޭގެ ހަލަބޮލިކަމާއި ޒަމާނީ ފެޝަންތަކުގެ ތެރެއަށެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ކަންތަކާ މަޝްއޫލުވެ ފާގަތި އުފާވެރި ދިރިއުޅުމަކަށްޓަކައި މަސައްކަތްކުރަމުން ދިޔައިރު އަހަރެންގެ ދިރިއުޅުމުގައި ދާން ބޭނުންވާ އެއްވެސް މަންޒިލެއް ނެތެވެ. މުއްސަނދިކަމާ ތިޔާގިކަން އަހަރެން ވަށާލާފައިވާއިރު ލޯތްބާ އަޅާލުމުން އަހަރެން ވަނީ މަހްރޫމްވެފައެވެ. ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ދޮންބައްޕަގެ ނުބައި ވަކިތަކުގެ ސަބަބުން ބިރުވެރި ހުވަފެނަކަށްވެ ނިމިގެން ދިޔަ ނަމަވެސް އަހަރެންގެ ޒުވާން އުމުރު އަހަރެން އެ ގޮތަށް ދުއްވާލާކަށް ބޭނުމެއް ނުވިއެވެ. “ދރިފުޅާ އޭނާ ބުނާ ގޮތަށް ހަދައިގެން މިގޭގަ އުޅެވޭނީ. ދަރިފުޅަށްވެސް އިގޭނެ ދަރިފުޅުގެ ބައްޕަގެ އެއްވެސް އަޅާލުމެއް ނުލިބި މަންމަ ދަރިފުޅު ބޭނުންހާ ކަމެއްކޮށްދީގެން މިހާ އުފަލުގަ މިގެން ގުޅެނީ މުހްތާރުގެ ހެޔޮކަމުންކަން. މާދަންވެސް އޭނަގެ ހިޔާވަހިކަމުން ނެރެލައިފިއްޔާ އަހަރެމެން ދެމައިންވާނީ މަގުމަތި.” އަހަންނަށް ހެޔޮނުބައި ވިސްނެން ފެށީއްސުރެ މަންމަ މުހުތާރުގެ ވިޔާނުދާ އަމަލުތައް ސިއްރުކޮށް އޭނާ ބުނާގޮތަށް އުޅުމަށް އަހަންނަށް ނަސޭހަތްދެމުން ދިޔުމުގެ ސަބަބުން އަހަރެންގެ ހިތްވަނީ ޝަކުވާއިން ފުރިފައެވެ. ދިރިއުޅުމުގައި ނަސީބު އައިސް އަތުގަ ހިފާނީ ކޮންވަގުތަކު ކަން އެއްވެސް މީހަކަށް ނޭގޭނެއެވެ. މުހްތާރުކުރަމުން އައި ވިޔާނުދާ އަމަލުތައް މުޅި ދުނިޔެއަށް ބޭޒާރުވެގެން ދިޔައިރު އަހަރެން ކަހަލަ އެތައް ކުދިންނެއްވަނީ އޭނަގެ ޝިކާރައަކަށްވެފައެވެ.

ހާސްކަމާއި ބިރުވެރިކަމުގައި ހޭދަކުރި ބާރަ އަހަރަށްފަހު އަހަރެންގެ ހަޔާތަށް އައި ހަމަޖެހުން ފުޑުފުޑުވެގެން ދިޔައީ ތަހުގީގަށްފަހު މުހްތާރ އެއްވެސް ކުށެށްނެތް މީހެއްގެ ގޮތުގައި މިނިވަންވުމުންނެވެ. ކުރިންވެސް މުޖްތަމައުގައި އޭނައަށް ލިބުނު ގަދަރާއި އިއްޒަތް އަބުރާ ލިބުނު އިރު އަނިޔާ ލިބިފައިވާ އައިލާތައް އިންސާފަށް އެދި ގޮވަމުން ދިޔައެވެ. މިނިވަންވެގެން އައުމަށްފަހު މުހްތާރުގެ އަނިޔާތައް އިތުރުވެގެން ދިޔައިރު އަހަރެންގެ މަންމަ އަހަރެން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ނުފެންނަކަމަށް ހަދައިގެން މަންމަގެ ފިރިމީހާއަށް އަހަރެން ވިއްކަމުން ދިޔައީ މުއްސަނދި ދިރިއުޅުމަކަށްޓަކައެވެ.

ބިރުވެރިކަމުގައި ދިރިއުޅުމުގެ އެތައް ދުވަހެއް ބޭކާރު ގޮތުގައި ރޮއިރޮއި ހޭދަކޮށްލުމަށްފަހު އަހަރެން އެ ގެއިން ނިކުތީ ދެން އިތުރަށް ކެތްކުރާނެ ހިތްވަރެއް ނެތުމުންނެވެ. ދާނެ މަންޒިލެއްނެތި ޖެހެމުންދިޔަ ގަދަވަޔާއެކު ވެހެމުން ދިޔަ ބޯ ވާރޭތެރޭގައި އަހަރެން ހިގަމުންދިޔައިރު އަހަރެން ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެންތިކިތަކާއެކުވެ ގެއްލެމުން ދިޔައެވެ. އަހަންނަށް އެރޭ ހިޔާވަހިކަން ދިނީ އަހަރެން ފަދައިން މަގުމައްޗަށް ގިނަވެގެން އުޅުނު ޒުވާނުންތަކެކެވެ. “ރޯނެ ކަމެއް ނެތް. އަހަރެމެންވެސް މިތިބީއެއް ނުން. މި ތަންކޮޅު ކިތެންމެ ކުޑަޔަސް އަހަރެމެން އުޅެނީ ނުލާހިކު އުފަލުގަ. އަހަރެމެންނާ އެކު އުޅެންޔާ ހާސްވާކަށް ނުޖެހޭނެ.” ހާލުގައި ޖެހިފައިވާ އަންހެންކުއްޖަކަށް އެންމެ ބޭނުންވާނެ އަޅާލުމާއި ހިތްވަރު އެމީހުން އަހަންނަށް ދެމުން ދިޔައިރު އަހަންނަށް ހީކުރެވެމުން ދިޔައީ އަހަރެންގެ ހަޔާތް އުޖާލާވެގެން ދިޔައީ ކަމުގައެވެ.

މަންމަގެ ހިޔާވަހިކަމުން ފިލައިގެން އައިސް އަހަރެން އުޅެމުން ދިޔަ ތަންކޮޅަކީ ކިތަންމެ ކުޑަތަންކޮޅެއްގައި ކަމުގައިވިޔަސް އަހަންނަށް އެތަނުން ހިތްހަމަޖެހުމާއި އުފާލިބެމުން ދިޔައެވެ. އެންމެންގެ އޯގާތެރިކަމުގެ ސަބަބުން އަހަރެންގެ އަމިއްލަ ނަފްސަށްނުކުރާ އިތުބާރު އެމީހުންނަށް ކުރަމުން ދިޔައިރު މަޑުމަޑުން އަހަރެންވެސް ދިޔައީ އެމީހުން ކުރަމުންދާ ވިޔާނުދާ އަމަލުތަކަށް ހޭނި އެކަން ތަޖުރިބާކުރަމުންނެވެ. ހަޔާތުގައި ދިމާވެފައިވާ ހުރިހާ ހާސްކަމެއް މަތިން ހަނދާންނެތި މަސްތުވާތަކެތީގެ ވަބާގައި އަހަރެން ހައްޔަރުވަމުން ދިޔަ އިރު އަހަރެންގެ މައިންބަފައިން އަހަރެން ކޮބައިތޯވެސް ބަލާނުލައެވެ. ފުރަތަމަ ކޮޅު އެ ދިރިއުޅުމާއި ނުރުހެވުނު ނަމަވެސް ފަހުން އެކަންތަކާ ނުލާ ދިރިނޫޅެވޭނެ ކަމުގެ އިހްސާސް އަހަންނަށް ކުރެވެމުން ދިޔުމުގެ ސަބަބުން ފައިސާއަށްޓަކައި އަހަންނަށް އެހެން މަގެއް ހިޔާރުކުރަން މަޖްބޫރުވެގެން ދިޔައެވެ. ދޮންބައްޕަގެ ވަކިތަކުގެ ދަށުވެ އިއްފަތްތެރިކަން ފޭރި ގަނެފައިވާއިރު އަހަންނަށް މިހާރު ގެއްލޭނެ އެއްވެސް އެއްޗެއް ނެތްކަމުގައި އަހަރެންނަށް ހީކުރެވުނެވެ. ކުރިން އަހަރެންގެ ނުރުހުމުގައި މަންމަ ދޮންބައްޕައަށް އަހަރެން ވިއްކަމުން ދިޔަ ނަމަވެސް ފަހުން އަހަރެން ދުނިޔޭގައި ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަކަށް އެކަން ބަދަލުވެގެން ދިޔައީ އަހަރެންގެވެސް ރުހުމާއެކުގައެވެ.

އެކި އުމުރުގެ އެކި މީހުންނާއެކު އަހަރެން އުޅެމުން ދިޔަ އުފާވެރި ދިރިއުޅުމަށް ބަދު ނަސީބުގެ ހިޔަނި އައިސް ވަށާލީ ހީކުރި ވަރަށް ވުރެވެސް އަވަހަށެވެ. “ފަސްމަސްވިއިރު ރީމްއަކަށް ނޭގުނުތަ ބަނޑުބޮޑުކަމެއްވެސް. ދެން ކިހިނެތް ހަދާނީ. މިހާރު ތިކަމުން ސަލާމާތްވާންވެސް އުދަގޫވާނެ. ކުރީ ދެފަހަރުވެސް އަވަހަށް އެގުނީތީ ސަލާމަތްވެވުނީ” ޝަޒޫ އިނީ ހަދާނެ ގޮތް ހުސްވެފައެވެ. “މަށަށް ހީވަނީ ރާއްޖެއިން ބޭރަށްދާންވީހެން. ޝަޒޫ އާއި އައްމަޑޭ މަށާއެކު ދާން ތައްޔާރުވޭ” ފުރަތަމަ ފަހަރަށް އަހަރެންކުރަމުން އައި ވިޔަފާރި ހުއްޓިދާނެކަމުގެ އިހްސާސް އަހަންނަށްކުރެވުނު ނަމަވެސް ފައިސާ ހުރިއްޔާ ސަލާމަތްވެވިދާނެކަމުގެ ޔަގީންކަން އަހަންނަށް އޮތެވެ.

ދިރިއުޅުމުގައި ދެވޭ ނުދެވޭ މިސްރާބެއްނޭގި އަހަންނަށް ފެންނަގޮތަކަށް ކަންތައްކުރަމުން ދިޔައިރު ދެން ކަންތައްވާނެ ގޮތަކާމެދު އެއްފަހަރުވެސް އަހަރެން ވިސްނައެއް ނުލަމެވެ. އަހަރެން ކުރަން އުޅޭ ކަންތައް އުދަގޫނަމަވެސް އެކުވެރިންގެ އެހީތެރިކަމާއެކު އަހަރެން އެމީހުންގެ ފިޔަވަޅުމަތިން ކުރިއަށް ދިޔައީމެވެ. އެތެއްް ބޭހަކާ އިންޖެކްޝަނެއް އަހަރެންގެ ގަޔަށް ޖަހަމުން ދިޔައިރުވެސް އެކަމުން ސަލާމާތްވާނެ އެއްވެސް އަލިމަގެއް ނުފެނުނެވެ. ލަންކާގައި ގިނަ ދުވަސްވަމުން ދާ ވަރަކަށް އެކުވެރިން އަހަންނާ ދުރުވަމުން ދިޔައީ އަހަރެން އަތުގައި އެމީހުންނަށް ދޭނެ އެއްވެސް އެއްޗެއް ނެތުމުންނެވެ. އެންމެ ފަހުން އަތުގައި ހުރި ލާރިކޮޅު ހުސްވެ އަހަރެން ބަލި އެދުގައި އޮށޯންނަން ޖެހިއްޖެއެވެ. އެއާނުލާ އަހަންނަށް ދިރިއުޅެން އެންމެ އުދަގޫ އެއްޗެހި އަހަންނަށް ލިބުން ހުއްޓި މީހާ މޮޔަވާ ވަރުވެއްޖެއެވެ.

ގައިގައި އަޅަމުން ދިޔަ ވޭނާ އެކު ބަލި އެދުގައި އޮތްއިރު އަހަރެންގެ ހާލު ބަލާލާނެ އެއްވެސް މީހެއް ނެތެވެ. މައިން ބަފައިން ދުނިޔޭގަ ތިބި ޔަތީމުވެފައިވާ އަހަރެންގެ ޓެސްޓު ތަކުގެ ނަތީޖާ އަހަންނަށް ލިބުނު ވަގުތު މުޅި ދުނިޔެ ފުޑުފުޑުވެގެން ދިޔަ ކަމުގެ އިހްސާސްތައް ކުރެވިގެން ދިޔައެވެ. އެއްކަމަކުން ސަލާމަތް ނުވެވިގެން އުޅެނިކޮށް ދެން ދިމާވީ އަހަރެން ހީވެސް ނުކުރާހާ ބިރުވެރިކަމަކާއެވެ. “އެއިޑްސް” އަހަންނަށް އެ އެކުރުތައް ފެންނަމުން ދިޔައީ މަރުގެ ސިފައިގައެވެ. އެ ބަލި އަހަންނަށް ޖެހުނީ ކާކުގެ ފަރާތުން ކިހިނެތް ކޮންވަގުތަކުކަން ހުދު އަހަންނަށްވެސް ނޭގޭ އިރު އަހަރެންގެ ފަރާތުން އެ ބަލި ޖެހިފައިވަނީ ކިތެއް މީހުންނަށް ކަމެއްވެސް އަހަންނަކަށް ނޭގެއެވެ. އެ ހާލަތުގައިވެސް ހެއްދެވި ފަރާތަށް ބިރުވެތިވެ ތައުބާވުމުގެ ބަދަލުގައި އަހަރެން ބޭނުންވީ އެ ހިޔާލުތަކާ ދުރަށްދާނެ އެހެން ކޮންމެވެސް ގޮތެކެވެ. އެހެންނަމަވެސް އެ ވަގުތު އަހަރެން ބޭނުންވާ އެއްޗެހި ލިބޭނެ ހުރިހާ ދޮރެއްވަނީ ބަންދުވެފައެވެ. އެންމެ ބޭނުންވި ވަގުތު އެކުވެރިންވެސް އަހަރެން ދޫކޮށްލައިފިއެވެ.

އެކިމީހުން ކައިރިން އޮޅުން ފިލުވަމުން ގޮސް އަހަރެންގެ މަންމައަށް އަހަރެން އޮތްތަނާ ހަމައަށް އާދެވުނު އިރު އަހަރެން ގުނަމުން ދިޔައީ ހަޔާތުގެ އެންމެ ފަހު ދުވަސްތަކެވެ. ނުވަމަސް ފުރެން ކައިރިވެފައިވާ އަހަރެންގެ ބަނޑާއެކު މަސްދަމާފައިވާ އަހަރެންގެ މޫނު ފެނުމުން މަންމައަށް ބާރަށް ރޮއިގަނެވުނެވެ. “ދަރިފުޅާ މަންމައަށް މައާފްކުރޭ. ދަރިފުޅުގެ ދިރިއުޅުން ހަލާކުވެގެން ދިޔައީ މަންމަގެ ނުބައި ކަމުގެ ސަބަބުން. އެ ދުވަހު މުހްތާރުގެ ވިޔާނުދާ އަމަލުތަށް ސިއްރު ނުކޮށް މަންމައަށް ދަރިފުޅަށް ހިމާޔަތް ދެވުނު ނަމަ. މަންމަގެ އަމިއްލަ އެދުން ބޮޑުކަމުން ދަރިފުޅަށް ތި ހާލު ޖެހުނީ.އަހަރެން މީ ކޮންކަހަލަ މަންމައެއް. މަންމައަށް މައާފްކުރޭ.” މަންމަ އަހަރެން އަތުގައި ހިފައިގެން ރޮމުން ދިޔަ އިރު އަހަރެންވެސް ދައްކަން ބޭނުން އެތައް ވާހަކަ އެއް ހުއްޓެވެ. މި ނުބައިމަގަކީ އަހަރެން އަމިއްލައަށް އިހްތިޔާރްކުރިމަގެކެވެ. އެހެންނަމަވެސް އެ ދުވަހުވެސް މަންމަގެ ހިޔާވަހިކަމުން ނިކުމެ ރަގަޅު މަގު ހިޔާރު ކުރެވެން އޮތެވެ. އަހަރެން މި ނުބައި މަގު ހިޔާރުކުރުމުގެ ޒިންމާ އުފުލަންޖެހެނީ އަހަރެން އެކަނި ނޫންކަމުގައި އަހަންނަށް ގަބޫލުކުރެވުނެވެ. އަހަރެން އަމާނާތެއްގެ ގޮތުގައި ހަވާލުކުރެވުނު މައިންބަފައިން އެ އަމާނާތަށް ހިޔާނާތް ނުވިނަމައެވެ. އިންސާފުވެރިކަމާއެކު ތަހުގީގުކުރެވި މުހްތާރު ސަލާމަތްނުވެ އަހަރެން ކަހަލަ ކުދިންނަށް އިންސާފު ލިބުނު ނަމައެވެ. ރަގަޅު މަގު ހިޔާރުކުރަންވީ ވަގުތު ހަވާ ނަފްސަށް ނުހެއްލި އެ މަޅިން ސަލާމަތްވެވުނު ނަމައެވެ. އެކަމަކު…..މިއަދު “ނަމަ” އަކުން ކުރާނެ އެއްވެސް ކަމެއްނެތެވެ. ހެއްދެވި ފަރާތާ ބައްދަލުކުރަންޖެހުނު ވަގުތު އައި އިރު އަހަންނަށް އާހިރަތަށްޓަކައި ކުރެވުނު އެއްވެސް ހެޔޮކަމެއް ނެތެވެ. މަޑުމަޑުން އަހަރެން ލޯމެރެމުން ދިޔައިރު އަހަރެންގެ ލޯކުރިމަތީގައި ސިފަވަމުން ދިޔައީ އުޅެވުނު ވިޔާނުދާ ދިރިއުޅުމެވެ. ކުރެވުނުހާ ފާފަތަކާ އެކުގައި އުޅުނު ވިޔާނުދާ އެކުވެރިންނެވެ. އެހެންނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެއެވެ. (ނިމުނީ)