English Edition
Dhivehi Edition
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި، ކޮވިޑް 19 ގެ ބަލީގެ ހާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމަށް ޞިއްޙީ ތަޖުރިބާކާރުން އަންދާޒާ ކުރައްވާފައިވާތީ ހުރިހާ ފަރާތްތަކުންވެސް މިދުވަސްކޮޅު އިތުރު ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ “ކޯވިޑް-19″އާ ގުޅޭ ބައެއް ވާހަކަތައް ޙިއްޞާ ކުރެއްވުމަށްޓަކައި ޓީވީ މެދުވެރިކޮށް މިއަދު ދިވެހި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖޭން “ކޯވިޑް-19” ފެނުނު ފަހުން، މިހާތަނަށް 541 މީހަކަށް އެބަލި ޖެހިއްޖެ ކަމަށާއި، މި ބައްޔާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް ލިބިވަޑައިގެންނެވި އެންމެ ހިތްދަތި ޚަބަރަކީ، މި ބަލީގެ ޝިކާރައަކަށްވެ، ޢުމުރުން 83 އަހަރުގެ އަންހެން ބޭފުޅަކު، އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވި ހިތާމަވެރި ޚަބަރުކަމުގައެވެ. އަދި އެމަނިކުފާނު ވަނީ އެ މަރުޙޫމާގެ ފާފަ ފުއްސަވައި ފުރާނައަށް ސުވަރުގޭގެ ތަނަވަސް ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމުގައި ވިދާޅުވިއެވެ.

“ކޮވިޑް-19 އާއި ގުޅިގެން ތަޙައްމަލްކުރަން ޖެހޭ މި އުނދަގޫ ޙާލަތުގައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޢާންމު ބޭނުންތަކަށް ބޭނުންވާ ތަކެތި، އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ގޮތް ފަހިކޮށްދިނުމަށް. މުޅި ރާއްޖެ ފުރަބަންދުގެ ޙާލަތުގައި އޮތަސް، ދައުލަތެއްގެ ގޮތުގައި ކުރަންޖެހޭ ކަންތައްތަކާއި ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ސަރުކާރުން ކެނޑި ނޭޅި ގެންދަނީ މަސައްކަތް ކުރަމުން” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި “ކޮވިޑް-19” އިން ރާއްޖޭގެ އެންމެހައި ރައްޔިތުން ރައްކާތެރިކުރުމަށް، ޞިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު، ސަރުކާރުން ގެންދަވަނީ، ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށާއި، މި މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ކިތަންމެ ބޮޑު ޤުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުންކަމުގައި ވިދާޅުވިއެވެ.

އަދި، އެމަނިކުފާނު ވަނީ މިހާރު ދިމާވެފައިވާ އުނދަގޫތައް ތަޙައްމަލްކުރައްވައި، ކެތްތެރިކަމާއެކު ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށާ އަދި މި ބަލި ރާއްޖެއިން ނައްތައިލުމަށް، ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި، ޢާއިލާއާއި އަނބިދަރިންނާ ދުރުގައި މަސައްކަތް ކުރައްވާ ވަރަށް ގިނަ ބަޔަކު ތިއްބެވިކަން ފާހަގަކުރައްވާ އެބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ، އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައިކަން ފާހަގަކުރައްވާފައެވެ. އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވަމުން އަންނަ ބައެއް މަސައްކަތްތަކުގެ ތަފްޞީލުތައް ވެސް ޙިއްޞާކުރައްވާފައެވެ.

“ގުޅިފަޅާއި، ހުޅުމާލެއާއި ވިލިވަރުގައި، ބިދޭސީން ބައިތިއްބާނެ ތަންތަން ހަދައި، ފުރަތަމަ ބުރުގައި، އެ ތަންތަނަށް 3000 މީހުން ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. އަދި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބީދޭސީން އެމީހުންގެ ޤައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް މިއަންނަނީ ކުރަމުން. ބަންގްލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން، އެ ޤައުމުގެ 1500 މީހަކު، އެ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް، ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި ފެށިގެންދާނެ.”ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި ޙާލަތުން އަރައިގަނެ، ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ދެވޭތޯ މަސައްކަތްކުރަމުންދާކަމަށާއި، ނަމަވެސް ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި، މާލޭގައި މި ބަލީގެ ޙާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމަށް ޞިއްޙީ ތަޖުރިބާކާރުން އަންދާޒާ ކުރައްވާފައިވާތީ ހުރިހާ ފަރާތްތަކުންވެސް މިދުވަސްކޮޅު އިތުރު ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މާލޭގެ އިތުރުން އެހެން ރަށްރަށަށް މި ބަލި ފެތުރުނަ ނުދިނުމަށްވެސް، ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭކަމަށާއި، އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މެދުކަނޑައިލަން ޖެހުނީވެސް އެ ސަބަބަށްޓަކައިކަމުގައިކަން ފާހަގަކުރެއްވިއެވެ. އަދި، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ކިތަންމެ ގިނަ ދަތިތަކެއް ކުރިމަތި ވިޔަސް، މިކަމުގައި ރައްޔިތުން ދެއްވަމުން އައި އެއްބާރުލެއްވުން، އެއަށް ވުރެވެސް ފުރިހަމައަށް ދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މިބަލިން ރައްކާތެރިވެ ތިބުމަށް ފަރުދީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ބޭހާއި އެހެން ވަސީލަތްތަކާއި އާލާތްތައް، ބޭރު ޤައުމުތަކުގެ އެހީތެރިކަމާއެކު، ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިކަމުގައި ރަޙްމަތްތެރި ޤައުމުތަކުންނާއި ބޭރުގެ ދީލަތި ބައެއް ބޭފުޅުން، ދިވެހި ރައްޔިތުންނަށްޓަކައި ވަރަށް އަގުހުރި އެހީތަކެއް ވެދެއްވާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ.