English Edition
Dhivehi Edition
އެސްޓީއޯ އިން މާލޭގެ ގެތަކަށް ކުރާ ޑެލިވަރީތަކުގައި ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: ޓްވިޓާ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ސަލާމަތީ ބާރުތަކުގެ ކޭސްތައް ވަކިވަކިން އިޢުލާން ނުކުރުމަށް ނިންމައިފި އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ ސިފައިންނާއި ފުލުހުންނަކީވެސް ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ބައެއް ކަމަށާއި، ހީވާ ގޮތުގައި އެ އަދަދުތައް ދެން އާންމުކުރާނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޖުމްލަ ނަންބަރަށް ބަލައިގެން ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

އެހެންކަމުން ކުރިއާއި ޚިލާފަށް މީގެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ސިފައިންނާއި ފުލުހުންގެ އަދަދުތައް ވަކިވަކިން ހާމައެއް ނުކުރާނެ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް އިސްކަން ދެއްވާ ކަމަށާއި، އެ ފަރާތްތަކުގެ ސާމްޕަލް ނެގުމާއި، ކަރަންޓީން ކުރުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށެވެ.

މިހާތަނަށް އެންއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިފައިންގެ 20 މީހުންވެސް ހިމެނެއެވެ.

މީގެތެރޭގައި ހިމެނެނީ ކަޅުތުއްކަލާ ކޮށިން ޕޮޒިޓިވްވި ހަތަރު ސިފައިންނާއި، ކޮވިޑް ވިލެޖުން ޕޮޒިޓިވްވި ދެ ސިފައިންނެވެ. އަދި އެމްއެންޑީއެފްގެ އިލެކްޓްރިކަލް މެކޭނިކަލް އިންޖިނިއަރިންގެ ވަރކްޝޮޕް (އެމްއީއެމްއީ) އިން 14 ސިފައިންވެސް ހިމެނެއެވެ.