English Edition
Dhivehi Edition
އޭއޯނިއުސް ކޮވިޑް ޓޭލް މުބާރާތުގައި ބައިވެރި ކުރި ޕޯސްޓަރާއެކު ކުއްޖަކު ހުއްޓިލައިގެން

 

ކޮވިޑް 19 ގެ ހިތާމަވެރި ޙާލަތު ރާއްޖެއަށްވެސް ކުރިމަތިވެ އެންމެން ގޭގައި މަޑުކޮށްގެން ތިބި މިދަނޑިވަޅާއި ދިމާކޮށް އޭއޯ ނިއުސް އިން ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ކުޑަކުދިންގެ ޝުޢޫރު ދައްކާލުމުގެ ފުރުސަތެއް އެކުދިންނަށް ހުޅުވާލަދިނެވެ.

ފުރުސަތުގެ ބޭނުން ހިފައި ކުދިންގެ ހުނަރާއި ފަންވަރު ދައްކާލަދިން ކާމިޔާބު އެ މުބާރާތުގައި ފެނިގެން ދިޔައީ އަންތަރީސް ވާހާ ރީތި ކުރެހުންތަކެވެ. މާނަ ފުންވެފައި މުހިއްމު ކަންކަމަށް އަލިއަޅުވާލާފައިވާކަން ފާހަގަ ކުރެވުނެވެ. ބައެއް ކުދިންވަނީ ކަރަންޓީން ވެގެން ނުވަތަ ގޭ ބަންދުގައި ތިބޭ އިރު އެކުދިންގެ އިޙްސާސްތައް ހުރި ގޮތް ވަރަށް ރަނގަޅަށް ހާމަ ކޮށްދީފައެވެ.

ގޭގައި ކުރަމުންދާ ކަންތައްތަކާއި ބައްޔާއި ގުޅިގެން ފަރުވާތެރި ވާންވީ ކަންތައްތަކާއި ބަލިން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅުތައް އެކުދިންވަނީ ޢާއްމުންނާއި ޙިއްސާ ކޮށްފައެވެ.

މުބާރާތުގެ އެންމެ ފަހު ދުވަހު ބައިވެރިވި އެތައް ދަރިވަރުންނެއްގެ ތެރެއިން ބައެއް ކުދިންގެ ޕޯސްޓަރ ތަކަށް ކުރުގޮތަކަށް ބަލާލާނަމެވެ.

އެއްވެސް ޙާލެއްގައި މިއީ ވަކި ގޮތަކަށް ހޮވާލައިގެން ގެނެސްދޭ ޕޯސްޓަރ ތަކެއް ނޫނެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުންވެސް ކޮވިޑް 19 ގެ މިޙާލަތާއި ގުޅިގެން މިވަގުތަށް ވަނީ ފަސް ކުރެވިފައެވެ.

އެހެން ނަމަވެސް މިދަނޑިވަޅު މިކުދިންގެ ކުރެހުންތަކަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާ ލެވޭތޯ ބަލާނަމެވެ.

1.ޒިވާން 6 އަހަރު

ޒިވާން ގެ މި ތަސްވީރުގައި ބުނެދެނީ ގޭގައި ކުރެވިދާނެ ކަންތައް ތަކެކެވެ. އެންމެ އިސްކަމެއް ދީފައިވަނީ ނަމާދު ކުރުމަށާއި ދުޢާ ކުރުމަށްކަން ފާހަގަ ކޮށްލެވެއެވެ. އެއާއެކު ޤުރުއާން ކިޔެވުމާއި އެކު ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އޮންލައިންކޮށް ކިޔެވިދާނެ ކަމަށްބުނެ، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެސް ގޭގައި މަޑުކުރުމަށް އެދިފައި ވެއެވެ.

ފާތިޙް: ކޮވިޑްޓޭލް މުބާރާތުގެ ބައިވެރިއެއް

3- ފާތިޙް 10 އަހަރު

ފާތިޙްގެ ކުރެހުން ބިނާކުރީ ޝުކުރުވެރިވުމަށެވެ. ކޮވިޑް 19 އިން ރާއްޖެ ސަލާމަތް ކުރުމަށް ކަމާއި ގުޅޭ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަން ކޮށް ފާތިޙް އެކުލަވާލި ލިސްޓުގެ އެންމެ ކުރީގައިވަނީ މިހާރު އެންމެ ގިނައިން ފެންނަ އެއްމޫނު ކަމަށްވާ ރައީސްއޮފީހުގެ ތަރުޖަމާން މަބްރޫކު ޢަޒީޒުގެ ތަސްވީރުހިމެނޭ އަތު ކުރެހުމެކެވެ. އޭގެ އިތުރަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްއާއި ޑޮކްޓަރުންނާއި ނަރުހުން، އަދި އެ ސްކޫލަކަށް ފާތިޙް ނިސްބަތްވާ ޝަރަފުއްދީން ސްކޫލާއި ފުލުހުން އަދި ބެލެނިވެރިން ހިމަނާފައިވާއިރު އޭއޯ ނިއުސްވެސް ފާހަގަ ކޮށްފައިވާތީ ފެނެއެވެ.

އަރަޝް: ،ކޮވިޑް ޓޭލް މުބާރާތުގެ ބައިވެރިއެއް
  1. އަރަޝް 10އަހަރު

އަރަޝްގެ ކުރެހުމަކީ މާނަ ފުން ކުރެހުމެކެވެ. ގަދަ ރުޅީގައި ކޮވިޑް 19 ވައިރަސް ދުނިޔެއަށް ޙަމަލާ ދެމުން ދާއިރު ފަރުވާ ހޯދަން އެނދުމަތި ވެފައިވާ ދުނިޔެ ހާސްކަމުގައި އޮވެ އެދި ގޮވާތަން ފެންނަނީ އެންމެންގެ އެހީއަށެވެ. އެއާއެކު ދެން ފެންނަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ފުލުހުންނާއި ސިފައިން އަދި ޚިދުމަތުގައި ތިބި އެކި ފަރާތްތަކުން، މިކަމުން އަރައިގަތުމަށް ކުރާ މަސައްކަތަށް އެއްބާރުލުންދީ ގޭގައި ތިބުމަށް އެދި ގޮވާތަކެވެ.

މަނާލް: ،ކޮވިޑް ޓޭލް މުބާރާތުގެ ބައިވެރިއެއް

5 މަނާލް: 10 އަހަރު

މަނާލްގެ ތަސްވީރު ވަނީ އެތައް އެތައް ވާހަކައަކުން ފުރާލާފައެވެ. ގޭގައި ހުރެގެން ކުރާނެ ކަންތައްތައް މަނާލްވަނީ މި ކުރެހުމުގައި ވަރަށް ފުރިހަމައަށް ދައްކުވައި ދީފައެވެ. މިދަނޑިވަޅުގައިވެސް އަމިއްލަ ހަށިގަނޑާއި ސިއްޙަތަށް އިސްކަން ދިނުމުގައި ފައިދާހުރި ކާނާގެ މުހިއްމުކަން ސިފަކޮށްދިންއިރު ގިނަގިނައިން ފެންބުއިންފަދަ ރަނގަޅު އާދަތަކަށްވެސް ވަނީ އަލި އަޅުވާލާފައެވެ.

އެގޮތުން ކޮންމެ ކަމެއްވެސް ކުރަން ކަނޑައެޅިފައިވާ ގަޑީގައި ކޮށް ނިންމުމުގެ މުހިއްމު ކަމާއި ކުޅިވަރު ކުޅެ މަޖާ ކުރުމުގައިވެސް ގައިދުރުކަން ބެހެއްޓުމުގެ އިތުރުން މާސްކް ބޭނުން ކުރުމަށް ބާރު އަޅާފައިވެއެވެ.

ކުރެހުމުގެ މެދުތެރެއިން ކޮވިޑް 19 ވައިރަސް ދަތުރު ކުރަމުންދާއިރު ހޭންޑް ސެނިޓައިޒާ އިން ސާފުކޮށްފައިވާ ބާރުގަދަ އަތެއް ވައިރަސް ތަކަށް ޙަމަލާ ދޭ ފަދަ މަންޒަރެއްވެސް ދައްކުވައި ދެއެވެ.

،ކޮވިޑް ޓޭލް މުބާރާތުގެ ބައިވެރިއެއް އީލާން

6 އިލާން: 10އަހަރު

އަނެއްކާވެސް އެހެން ކުރެހުމެކެވެ. އިލާން ގެ މި ކުރެހުމުގައި ފުރަތަމަވެސް ލޮލުގައި އަޅައިގަތީ  އެންމެ މަތިން ފެނުނު ޖުމްލައަށެވެ. ” ކޮންމެ ކަމެއްގައިވެސް ހެވެއް އޮވެދާނެ. އަހަރެމެން ގޭގައި ތިއްބާ ދުނިޔެ ހަމަޔަކަށް އެޅިދާނެ. އިލާން ބުނީ ތެދު ވާހަކައެކެވެ. ގޭގައި ހަމަ ތިބެންވީއެވެ. އެހެނަސް ކުރަންހުރި ކަންތައްތަކާވެސް އެކުގައެވެ. ނަމާދުކޮށް ރޯދަހިފާ ސާފުތާހިރުވެތިބެ މާސްކް އެޅުމާއި އަތް ދޮވުންފަދަ ކަންތައްތައް ވެސް ހަނދާން ނައްތާނުލާން އިލާން އެދެއެވެ.

ދުނިޔޭގެ ވަށައިގެން އުތުރި އަރަމުންދާ ކޮވިޑް 19 އިން މިންޖުވާން އޮތީ ގަދައަޅާ މަސައްކަތް ކޮށްގެންނެވެ.

ދުނިޔޭގެ 300  މިލިއަން ކިޔަވާ ކުދިން މިއަދު އިލާން އެކޭ އެއްފަދައިން  ސްކޫލަށް ނުދެވި ގޭގައި ތިބެން ޖެހުމުން އެކުދިންގެ ހިތުތެރޭ އުތުރި އަރަމުންދާ މިފަދަ ޝުޢޫރުތައް މައިންބަފައިންނާއި ޢާއިލާތަކުން ޝެއަރ ކޮށް ޕްރޮމޯޓް ކުރަމުންދާ މަންޒަރަކީވެސް އުފާވެރި މަންޒަރުތަކެވެ. ކަމުގެ މުހިއްމުކަން ޤަބޫލު ކުރާ ކަން ދޭހަވާ ރަމްޒެކެވެ.

އައިޒް: ކޮވިޑް ޓޭލް ގެ ބައިވެރިއެއް

7 އައިޒް: 7އަހަރު

އެންމެ 7 އަހަރުގެ އައިޒް ގެ ކުރެހުމުގައި މަސައްކަތް ކޮށްފައިވަނީ ކޮވިޑް 19 ގެ ނުރައްކަލުން ދުނިޔެ ސަލާމަތް ކުރުމަށް ރޮއެ ހޭރެމުން ދުނިޔެ ކުރާ އާދޭސް ދައްކުވައި ދިނުމަށެވެ. ކުރެހުމުގެ ދެ އަރިމަތިން ފެންނަނީ އަތާއި އަތް ޖޯޑު ކުރުންފަދަ ކަންކަމުން ދުރުހެލިވުމަށާއި ގޭގައި ތިބުމުގެ އިތުރަށް ގިނަގިނައިން އަތްދޮވުމާއި މާސްކް ބޭނުން ކުރުމާއި ކެއްސާ ކިނބިހި އަޅާއިރު ކަންކުރާ ގޮތާއި ބަލިވުމުން ޑޮކްޓަރަށް ދެއްކުމުގެ މުހިއްމު ކަން ދައްކުވައިދޭ އިތުރު ކުރެހުންތަކެވެ.

ޒޯހާ: ކޮވިޑްޓޭލްގެ ބައިވެރިއެއް

8 ޒޯހާ 7 އަހަރު

ޒޯހާ ގެ ކުރެހުމަކީ ކޮވިޑަށް ދީފައިވާ ވަރުގަދަ އިންޒާރެކެވެ.

ދަތްޕިލަ ބޭރަށް ނެރެގެން ބޮޑާކަމާއި ފޮނި ކަމާއެކު ވަދެގެންއެއަންނަ ކޮވިޑް 19 ވައިރަހަށް ކުއްލި ސިހުމެއް ލިބެނީ ހުރިހާ ދިމާއަކުން ދަތުރު ކުރެވެން އޮތް ރާސްތާ ބަންދުވެ ހަރުގޭގައި ޤައިދު ވުމުންނެވެ.

ރުޅިވެރި މޫނަކާއެކު ގޮތް ހުސްވެފައި ކޮވިޑް 19 ހުންނަ މަންޒަރާއެކު ވަށައިގެން ހޯދާ ބަލައިލުމުން ކަންވީގޮތް ހާމަވެއެވެ. ހުން އަންނާނެ ކަމަށް ރަޖާލައިގެން ދުރާލާ ކުރެވުނު ބުރަ މަސައްކަތެއްގެ ފޮނި ނަތީޖާ ފެނިގެން ދިޔައީއެވެ.

ލަޚްޝާ: ކޮވިޑްޓޭލް ގެ ބައިވެރިއެއް

9 ލަޚްޝާ 5 އަހަރު

5 އަހަރުގެ ކުޑަ ކުޑަ ލަޚްޝާ ގެ ކުރެހުމުންވެސް ވަރަށް މުހިއްމު މެސެޖެއް ފޯރުކޮށްދެއެވެ. ރާއްޖެއާއެކު ޖުމްލަ ގޮތެއްގައި ދުނިޔޭގެ ހުރިހާ ޤައުމެއް އެކަތިގަނޑަކަށްވެ އެއްބައިވަންތަ ކަމާއެކު ނުރައްކާތެރި މިވައިރަހުން ސަލާމަތްވުމަށް އަތުގުޅާލާފައިވާ ކަމުގެ ރަމްޒު ދައްކުވައިދީފައިވަނީ ޤައުމުތަކުގެ ދިދައިންނެވެ.

10 އަޒާން’ 8 އަހަރު

އަޒާން: ކޮވިޑްޓޭލްގެ ބައިވެރިއެއް

އަޒާންގެ ޕޯސްޓަރަކީ ޤައުމީ ޚިދުމަތުގައި އަތުކުރި އޮޅާލައިގެން ކޮވިޑް 19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ނުކުމެ ތިބި ޑޮކްޓަރުންނާއި ފުލުހުންނާއި އެހެނިހެން ޚިދުމަތްތެރިންގެ އަގުވަޒަން ކުރާކަން ހާމަކޮށްދީ އެމީހުންނަށް ފޮނުވާ ޝުކުރުގެ މެސެޖެކެވެ.

ތަސްވީރުތަކުގައި މިވަނީ ކުދީންގެ އަމިއްލަ ކުރެހުންތަކެވެ.

އަޅުގަނޑު މިގެނެސްދިނީ އެކުރެހުންތަކުން އަޅުގަނޑަށް ދޭހަވި އެއްޗެކެވެ. ޅެމުގެ މާނަ ޅެންވެރިޔާގެ ބަނޑުގައި އޮންނަ ފަދައިން މިކުރެހުންތަކުގެ ޙަޤީޤީ މާނަވެސް އޮތީ މި ކުޑަކުޑަ އެހެނަސް މޮޅު ކުރެހުންތެރިންގެ ސިކުނޑީގައި ކަމާމެދަކު ޝައްކެއް ނުކުރަމެވެ.