English Edition
Dhivehi Edition
އޮކްސްފޯޑް ޔުނިވަރސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ ހިއުމަން ޓްރައަލްގައި ވެކްސިން ޖެހި ފުރަތަމަ ދެ ވޮލަންޓިއަރުން ތެރެއިން އެކަކު (އެލިސާ ގްރެނެޓޯ) - ބީބީސީ

ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގެ ވެކްސިންގެ އިންސާނުން ބޭނުންކޮށްގެން އޮކްސްފޯޑުން ހަދާ ޓެސްޓްތަކުގައި، އެ ވެކްސިން ދިން ފުރަތަމަ އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް ނޫސްތަކުން ހާމަކޮށްފިއެވެ.

ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޝޮޓް ދިން ޔޫރަޕްގެ އެލިސާ ގްރެނާޓޯ މަރުވެއްޖެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށް އެވާހަކަ ދޮގުކުރަމުން އެލިސާ ވަނީ ނޫސްތަކަށް އޭނާގެ ހާލަތު ހާމަކޮށްދީފައެވެ.

“އަހަރެންގެ ހާލު ރަނގަޅު. އަހަރެން ހޭދަކުރަމުން ގެންދަނީ އުފާވެރި ދުވަސްތަކެއް” އެލިސާ ބުނެފައިވެއެވެ.

ޔުނިވަރސިޓީ އޮފް އޮކްސްފޯޑުގެ މައިކްރޯ ބަޔޮލޮޖިސްޓެއް ކަމަށްވާ އެލިސާ އަކީ، ކޮވިޑް-19 އަށް އުފެއްދި ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން އަޖުމަ ބެލުމުގެ ހުއްދަ ލިބުމާއެކު ހިއުމަން ޓްރައަލްސް ގެ ގޮތުގައި ވޮލަންޓިއަރެއްގެ ގޮތުން މި ޓްރައަލްސް ފަށާފައިވާ 2 މީހުންގެ ތެރެއިން އެކެކެވެ. އެލިސާ ބުނީ މިކަމަށް ވޮލަންޓިއަރަކަށް ވާން ނިންމީ ސައިންޓިސްޓެއް ގޮތުން “ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ބޭނުންވާތީ” ކަމަށެވެ.

އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ ޞިއްޙަތު ރަނގަޅު މީހުންނަށް ވެކްސިން ޓެސްޓް ކުރުމަށް ވޮލަންޓިއަރ ކުރުމަށް ހުޅުވާލާފައިވާއިރު، ކޮންމެ ވޮލަންޓިއަރަކަށް 625 ޕައުންޑް ދޭން ވަނީ ހަމަޖެހިފަ އެވެ.

އިންސާނުން ބޭނުންކޮށްގެން ވެކްސިން ޓެސްޓް ކުރަން 800 ވޮލަންޓިއަރުން ވަނީ ހޮވައިފަ އެވެ. އޭގެ ތެރޭން ދެބައިކުޅަ އެއްބައި މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ޖަހާނެ އެވެ. ބާކީ ތިބި މީހުންނަށް ދޭނީ މެނިންޖައިޓިސް ވެކްސިން އެވެ. ވެކްސިންގެ އަޖުމަ ބެލުން ޑިޒައިންކޮށްފައިވާ ގޮތުން ވޮލަންޓިއަރުންނަށް ޖެހީ ކޮން ވެކްސިންއެއް ކަމެއް އެ މީހުންނަކަށް ނޭނގެ އެވެ.

ޕްރޮފެސަރ ސޭރާ ގިލްބަރޓް އާއި އިމުއިނިޓީ އަދި ޖެނެޓިކްސް ސައިންޓިސްޓުންތަކެއް މި ވެކްސިންގެ މަސައްކަތް ފަށާފައިވަނީ ޖެނުއަރީ މަހު އެވެ. އަދި މިއީ މިފަދަ މަސައްކަތަކަށް ވަރަށް ކުޑަ ދުވަސްކޮޅެއްކަމަށް ޓީމުން ބުނެފައިވެ އެވެ.

މި ވެކްސިން ކާމިޔާބުވާނެ ކަމުގެ 80 އިންސައްތަ ފުރުސަތެއް އޮތްކަމަށް ގިލްބަރޓް ކުރިން ބުނެފައިވާއިރު، މިހާރު ވަކި އަދަދެއް ބުނަން ބޭނުން ނުވާ ކަމަށާއި ނަމަވެސް އުއްމީދު ބޮޑު ކަމަށް އޭނާ ބުންޏެވެ.

އެލިސާގެ އިތުރުން ކެންސަރ ރިސާރޗަރ އެއް ކަމަށްވާ އެޑްވަޑް އޮ ނެއިލް އަށް ވެސް ވަނީ މި ވެކްސިން ދީފައެވެ.

މި ވެކްސިން ޖަހާ މީހުން ވަރަށް ގާތުން މޮނީޓަރ ކުރަމުން ދާނެކަމަށާއި މީގެ ސަބަބުން އެހެން ބައްޔެއް ޖެހުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް އޮކްސްފޯޑުން ބުނެފައިވެ އެވެ.

މީގެ އިތުރުން، ވެކްސިންގެ ހިއުމަން ޓަރައަލް ކާމިޔާބު ވެއްޖެނަމަ، ސެޕްޓެމްބަރު މަހާ ހަމައަށް އެއް މިލިއަން ޑޯޒް އުފެއްދޭނެކަމަށާއި، އެއަށް ފަހު އުފެއްދުން އިތުރު ކުރާނެކަމަށް ޔުނިވަސިޓީން ވަނީ ބުނެފައެވެ.