English Edition
Dhivehi Edition
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މަންޒަރެއް - ފޮޓޯ: ޢާއިޝަތު ނަޖް

އައްޑޫ ސިޓީގައި އުޅޭ ބިދޭސީން އެއްގެއިން އަނެއް ގެއަށް ނުގެންދިއުމަށް އަންގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެއްގެއިން އަނެއް ގެއަށް މީހުން ދިއުމަކީ ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރުމަށް މަގުފަހިކުރުވާނެ ކަމަކަށްވާއިރު، މިހާލަތުގައި ބިދޭސީން ލައްވައި އެކިބާވަތުގެ މަސައްކަތްތައް ކުރުވުމަށް ގޭގެއަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، އައްޑޫސިޓީގެ އާއްމުން ދިރިއުޅޭ ގޭގޭގައި އުޅެމުންދާ ބިދޭސީން ފިޔަވައި އެހެން ބިދޭސީން ގޭގެއަށް އެއްވެސް ބޭނުމަކު ގެނެސް/ގެންގޮސް ނުހެދުމަށް އެންމެހައި ފަރާތްތަކަށް އަންގައި އިލްތިމާސްކުރާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ބިދޭސީން ދިރިއުޅޭ ތަންތަނުގެ މަޢުލޫމާތު އަވަށްތަކުގެ އެސް.އެސް.ޑީތަކުން ނަގާފައިވީ ނަމަވެސް ބިދޭސީން އުޅޭ ބައެއް ގެތައް އެނގެން ނެތްކަން ފާހަގަކުރެވިފައިވާ ކަމަށާއި، ހުރިހާ އަވަށެއްގައިވެސް ބިދޭސީން އުޅޭ ގެތައް އަވަށުގެ އެސް.އެސް.ޑީގައި ރަޖިސްޓްރީ ކުރުމަށްވެސް ކައުންސިލުން ވަނީ އަންގައިފަ އެވެ.

އަދި އެ އެންގުމާއި ޚިލާފުވާ ފަރާތްތައް އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، 500.00 ރުފިޔާ އާއި 5000.00 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ މިއަދު އައްޑޫގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ޖޯލިފަތިތައް، އޭޕްރީލް 29 ވަނަ ދުވަހުގެ 18:00ގެ ކުރިން ނެގުމަށް އެ ތަކެތީގެ ވެރިފަރާތްތަކަށް އަންގައިފަ އެވެ.

އަދި އެކި ތަންތަނުގައި ބަހައްޓާފައި ހުރި ޖޯލިފަތިތައް މި ތާރީޚުގެ ކުރިން ނުނަގާނަމަ، ކައުންސިލުން އެތަކެތި ނަގާނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލުން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައި ވުމާއެކު އަމިއްލަ ތަންތަނާއި ޢާއްމު ތަންތަނުގައި ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފަ އެވެ.

އަދި އައްޑޫގައި ވަނީ ވިޔަފާރިކުރާ ހުރިހާ ތަނެއް ބަންދުކޮށް ޑެލިވަރީގެ ޚިދުމަތް އެކަނި ދެވޭގޮތަށް ހަދާފައެވެ. އަދި އައްޑޫ ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް މުހުތާދެއްނެތި އެއްވެސް ބަަޔަކަށް ނޭރޭނެ ގޮތަށް އަވަށްތައް ވަނީ ބަންދުކޮށްފައެވެ.