English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު އާއިލާއަކަށް ނިސްބަތްނުވާ، ނުވަތަ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްނުވާ ފަރާތްތަކަށް ބޮލީވުޑްގެ ދަތުރަކީ ވަރަށް ހިތްދަތި އަދި އެހާމެ ބިރުވެރި ދަތުރެކެވެ. ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކޮށް ހުނަރު ދައްކާލުމަށްޓަކައި ފުރުސަތަކަށް ބަލަބަލާ ތިއްބާ އެ ހުވަފެން ހަގީގަތަކަށްނުވެ ތިބި އަތެއް ބަޔަކު އިންޑިއާގައި އެބަތިއްބެވެ.

ކްރިތީ ސަނޯން އަކީ މިފަދަ އެތައް ތަޖުރިބާއެއްކޮށް އޭނާގެ ހިތްވަރުން ފިލްމުތަކުން ޖާގަ ހޯދާ ބެލުންތެރިންގެ ހިތް އަތުލި ތަރިއެވެ. ކްރިތީ އޭނާގެ ވާހަކަތައް ފަށަމުން ބުނީ މުމްބާއީ އަށް ދިރިއުޅުން ބަދަލުކުރިއިރު އެ ސިޓީގައި ދަންނަ އެއްވެސް މީހަކުވެސް ނެތް ކަމަށެވެ. ‘އަހަންނަށް އޭރު ނުވިސްނޭ ކޮން ހިސާބަކުން ކިހިނެތްކަމެއް މަސައްކަތް ފަށާނީވެސް.” ކްރިތީ ބުންޏެވެ. ފިލްމީ ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަމާއެކު ފެށި ދަތުރުގައި އަޖެންސީ އަކާއި ގުޅިގެން ފިލްމެއްގެ ކުޑަކުޑަ ރޯލެއް ހޯދުންވެސް ވީ ވަރަށް އުދަގޫ މަސައްކަތަކަށް ކަމުގައި ކްރިތީ ބުންޏެވެ. “10000 މީހުން ބުނާނެ އެހެން ހަދާށޭ. މިހެން ނަހަދަށޭ. އެހެން ބުނާތީ ހިތަށް އެރި އަހަރެން ހެދުން އަޅާ ގޮތާއި އެހެންމީހުންނަށް އަހަރެން ފެންނަ ގޮތްވެސް ބަދަލުކޮށްލާނަމޭ” ކްރިތީ ބުންޏެވެ.

މީގެ އިތުރުން ކްރިތީ ބުނީ އޭނާގެ މެނޭޖަރާއެކު ހެދުން ގަންނަން މޯލްއަށް އަށް ދާ ދުވަސްތަކުގައިވެސް، މީހުން އޭނާ ހެދުން އަޅާ ގޮތާއި މެދު ހިތްހަމަނުޖެހިދާނެތީ، މެނޭޖަރަށް ކަމުދާކަހަލަ ހެދުންތައް ނަގަން އެދުނު ކަމަށެވެ. ” އަހަންނަށް ހީވެފައި އޮތީ މީހުންނަށް އަހަރެން ހެދުން އަޅާގޮތް ކަމުނުދެޔޭ. އޭރު އަހަރެންގެ އަމިއްލަ ނަފްސަކަށް އެއްވެސް އިތުބާރެއް ނެތް. ބައްދަލުވުމަކަށްދާން ޖެހުނަސް މެނޭޖަރަށް ފެންނަ ހެދުންތައް ލާން އަހަރެން ބޭނުންވީ” ކްރިތީ ބުނީ އޭނާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި އެފަދަ އެތައް ކަމެއް ތަކުރާރުވެފައިވާކަމަށެވެ. މީގެ އިތުރުން ކްރިތީ ބުނީ ކިތަންމެ ފަހަރަކު އޭނާއަށް ފިލްމަކުން ޖާގަ ލިބިދާނެ ކަމުގެ އުއްމީދު ލިބި، އެހެންނަމަވެސް އެ ފުރުސަތު ނުލިބި މާޔޫސްވެ އެކަމުގައި އެތައް ދުވަހެއް ހޭދަވި ކަމަށެވެ. “އަހަންނަށް ހިތްވަރުދީ މަގު ދައްކާނެ އެއްވެސް މީހެއް ނެތް. ފަހުން ހިތަށް އެރި ލިބުނު ކުޑަކުޑަ ރޯލްތައް ކުޅެލާނީ އޭ. އަހަންނަށް ދެން އިތުރު ފުރުސަތެއް ނުލިބޭނެއޭ” ކްރިތީ ބުންޏެވެ.

ކްރިތީއަށް ދިމާވި ނާކާމިޔާބު ދުވަސްތަކުގެ ވާހަކަތައް ކިޔައިދެމުން އޭނާ ބުނީ އޭނާއަށް ފިލްމަކުން ލިބުނު ފުރުސަތެއް ފިލްމީ އާއިލާއެއްގެ ނުފޫޒުން އެހެން ތަރިއަކަށް ދީފައިވާކަމަށެވެ. “އަހަންނަށް ނޭގޭ އެމީހުން އެ ގޮތަށް ކަންތައް ކުރީ ކީއްވެގެން ކަމެއް. އަދި އަހަންނަށް ގުޅިކަމެއްވެސް ނޭގޭ، ވެދާނެ އެއީ ޑައިރެކްޓަރު ބޭނުންވި ގޮތް ކަމަށްވެސް.” ކްރިތީ ބުންޏެވެ.

ކްރިތީ އަށް ދިމާވި ހިތްދަތި ދުވަސްތަކާއެކުވެސް އޭނާވަނީ ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކޮށް އޭނާގެ ހިތްވަރާއި ކުޅަދާނަކަން ދައްކާލާފައެވެ. 2014 ވަނަ އަހަރު ރިލީޒް ކުރި ސާޖިދް ގެ ފިލްމް “ހީރޯޕާންތީ” އިން ފިލްމީ ދާއިރާއަށް ނިކުތް ކްރިތީ ބުނީ އޭނާ ފިލްމީ އާއިލާއަކަށް ނިސްބަތްނުވުމުން ދިމާވި ގޮންޖެހުންތަކާއެކުވެސް ކުރިއަށް ދެވުނީ އޭނާގެ ހިތްވަރުންކަމަށެވެ.

ކްރިތީގެ މޮޅު ހުނަރު ފެނިގެން ދިޔަ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ދިލްވާލޭ، ރާބްތާ، ލުކަ ޗުޕީ އަދި ހައުސްފުލް04 ހިމެނެއެވެ.