English Edition
Dhivehi Edition

ނުރައްކާތެރި ކޮވިޑް-19 ނުވަތަ ވުހާން ވައިރަސް ޖެހިގެން ދުނިޔޭގެ އެކި ހިސާބުތަކުން މަރުވިމީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް އަރައިފި އެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީން ބުނާ ގޮތުގައި މިހާތަނަށް 200،000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ. މިހާތަނަށް 2.8 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވެއެވެ. ޗައިނީސް ސްޓޭޓް މީޑިޔާއިން ރިޕޯޓްކުރާ ގޮތުގައި މި އަހަރުގެ ޖަނަވަރީ 11 ގައި ފުރަތަމަ ފަހަރަށް މި ބަލި ޖެހިގެން މީހަކު ރިޕޯޓްކުރި އިރު މިހާތަނަށް 210 ޤައުމުން ކޮވިޑް-19 ވަނީ ފެނިފަ އެވެ.

ދުނިޔޭގެ 5 ޤައުމަކުން 20،000 އަށްވުރެ ގިނަ މީހުން ބަލި ޖެހިގެން މަރުވެފައިވާއިރު މި ބަލީގައި އެންމެ ގިނައަދަދަކަށް މީހުން މަރުވެފައި މިވަނީ އެމެރިކާ، އިޓަލީ އަދި ސްޕެއިން އިންނެވެ. މާރިޗް ގެ ފަހުން ފްރާންސް އިން ވަނީ މިއަދާއި ހަމައަށް 22،614 މީހުން ބަލި ޖެހިގެން މަރުވެފައެވެ.

ބެލްޖިޔަމް އިން މިހާތަނަށް 6،917 މީހުން ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އެ ޤައުމުން މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ގިނަ އަދަދަކަށް މި ބަލި ޖެހިގެން މީހުން މަރުވަމުންދާއިރު ބައްޔަށް ވެކްސިނެއް އުފެއްދުމުގައި ސައިންސުވެރިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ ކުދިބޮޑު އެތަކެއް ޤައުމުން ވައިރަސް ފެނިފައިވާއިރު މި ކުޑަކުޑަ ދިވެހިރާއްޖެއިންވެސް ވަނީ ނުރައްކާތެރި ކޮވިޑް-19 ފެނިފައެވެ. މިހާތަނަށް ރާއްޖެއިން 177 މީހުންނަށް ބަލި ޖެހިފައިވާއިރު 17 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. ބަލި ޖެހިގެން އެއްވެސް މީހަކު ރާއްޖެއިން މަރުވެފައި ނުވިނަމަވެސް ދުވަހުން ދުވަހަށް ބަލީގެ ބިރުވެރިކަން ރާއްޖޭގައި ދަނީ ބޮޑުވަމުންނެވެ. އެގޮތުން ބަލި ފެތުރޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ކަރަންޓީން ފެސިލިޓީތަކުގައި މިހާތަނަށް 1،371 މީހުން އެބަ ތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 139 މީހުން އެބަ ތިއްބެވެ.
https://covid19.health.gov.mv/dashboard/
ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 75 މީހުންނަކީ ދިވެހީންނެވެ. ބާކީ ތިބި އެންމެންނަކީ ބިދޭސީންނެވެ.