English Edition
Dhivehi Edition
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ދައުލަތުގެ ހުރިިހާ މުވައްޒަފުންގެ މުސާރަ 20،000ރ. އަށް ވުރެން ދަށް ކުރުމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ގޮވާލައްވައިފި އެވެ.

ސަރުކާރުގެ ކޭޝްފްލޯ ހަަމަޖެއްސުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަަށްޓަކައި ގާނޫނީ ގޮތުން ލިބެން ޖެހޭ އިސްތިސްނާ ހޯދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގެ މިއަދުގެ ބަހުސްގައި ސަލީމް ވިދާޅުވީ، މި ހާލަތަކީ ހަމަ އެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތެއް ނޫން ކަމަށާއި އެކަމަށް ކުރިމަތިލުމުގެ ގޮތުން ދައުލަތުގެ ހަރަދު ވަރަށް ބޮޑަށް ކުޑަ ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ސިޔާސީ އެއްވެސް މުވައްޒަފެއްގެ މުސާރަ ވެސް 20،000 ރުފިޔާއަށް ވުރެން ކުޑަވެގެން ނޫނީ މި ހާލަތުން އަރައި ނުގަނެވޭނެ ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.

“ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި އެކަން ފަށަން ޖެހޭނީ ކުރީގެ ރައީސުންނާ ހަމައިން. ހަރަދު ކުޑަކުރުމުގައި އެންމެ ފުރަތަަަމަ ވެސް އަޅުގަނޑު ގޮވާލަން އަޅުގަނޑުމެންގެ ތެރޭގައި ރައީސްކަން ކުރައްވާފައި މި ތިބަ ހަތަރު ބޭފުޅުންނަށް ދޭ ފައިސާ މިހާރުން މިހާރަށް އުނިކޮށްލަން. އަޅުގަނޑުމެންގެ ތެރޭގައި މިތިބަ ރައީސުން ކިރިޔާ ވެސް ގައުމާ ދޭތެރޭގައި އިހުލާސްތެރިކަމެއް ހުރިއްޔާ އެ ބޭފުޅުން އަަމިއްލައަ ށް ވެސް އެބަ ޖެހޭ އެ ދޫކޮށްލަން،” ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ 20 ނުވަތަ 25 ހާހަށްވުރެން މަތީ މުސާރައެއް ލިބޭ ބޭފުޅަކު ދައުލަތުގައި މިހާރު ހުރެގެން ނުވާނެ ކަމަށާއި އެއީ ހުދު ރައިސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް، އެކަން އެގޮތަށް ވާން ޖެހޭ ކަމަށެވެ. އެގޮތުން ރައިސުލްޖުމްހޫރިއްޔާ އަށް ދައުލަތުން ހުރިހާ ހަރަދެއް ކުރަމުން އަންނަ ކަން ވެސް ސަލީމް ވަނީ ފާހަގަކޮށްފަ އެވެ. އެހެން ކަމުން ކުރިއަށް އޮތް ހަ މަސް ދުވަހު މުސާރަ ނުނެންގެވުމަށް ސަލީމް ވަނީ އެދިވަޑައިގެންފަ އެވެ.

ހަމައެއާ އެކު މަޖިލިސް މެންބަރުންގެ މުސާރަ ވެސް 20،000 އަށް ވުރެން ބޮޑު ނުވާގޮތަށް ކުޑަކުރުމަށް ސަލީމް ވަނީ ގޮވާލައްވާފަ އެވެ. އަދި މެންބަރުން ވެސް ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތައް ހަދައި ކޮންމެ ޖަލްސާއެއް އޮންނަ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދެވިދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ގާނޫނުގައިވާ ގޮތުން ރައީސްކަން އެއް ދައުރު ކުރައްވައިފި ނަމަ ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. ދޭންޖެހެ އެވެ. އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000ރ. ދޭންޖެހެ އެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ހިނގާ ހުރިހާ ހަރަަދަކަށް ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ވެ އެވެ. މީގެ އިތުރުން، މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތެއް ކުރައްވަން އެ ބޭފުޅަކު ބޭނުންފުޅުވެއްޖެ ހިނދެއްގައި އޮފީހާއި މުވައްޒަފުންގެ ހަރަދާއި އެހެނިހެން ކަންކަމަށް 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެ އެވެ.