އިޓަލިއާ ޓްރެވަލް އެވޯޑްސްގެ އެންމެ ހިތްގައިމު މޫދު މަންޒިލްގެ އެވޯޑު ރާއްޖެއަށް ލިބިއްޖެއެވެ. އިޓަލީގެ ރޯމްގެ “ދަ އެލަގެންޓް ރޯމަން އެކުއޭރިއަމް” ގައި އިއްޔެ ބޭއްވި އިޓާލިއާ ޓްރެވަލްސް އެވޯޑް 2017 ގެ ކަނޑުގެ އެންމެ ރީތި މަންޒިލަކަށް ރާއްޖެ ހޮވިފައިވަނީ ސީޝެލްސް އަދި ޕޮލިނީޝިއާ އާ ވާދަކޮށެވެ. ރާއްޖޭގެ ފަރާތުން މި އެވޯޑާއި ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަ އދ. އޮފީހުގެ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ ހާލާ ހަމީދެވެ. އިޓަލިއާ ޓްރެވަލް އެވޯޑްސް ހަފްލާ ބާއްވާފައިވަނީ އިޓަލީގެ ރޯމުގައެވެ. އިޓާލިއާ ޓްރެވަލްސް އެވޯޑަކީ އެގައުމުގެ އޮސްކާ އެވޯޑްގެ ގޮތުގައި ޓޫރިޒަމް ދާއިރާއިން ގަބޫލުކުރާ އެވޯޑެކެވެ. މި އެވޯޑަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކޮށް އެދާއިރާ ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވަމުން އަންނަ އެވޯޑެކެވެ. މިދިޔަ އަހަރު ރާއްޖެއަށް ވަނީ އިޓަލިއާ ޓްރެވަލް އެވޯޑްސްގެ އެންމެ ހިތްގައިމު ގޮނޑުދޮށްތަކުގެ މަންޒިލްގެ އެވޯޑުވެސް ލިބިފައެވެ. އިޓަލީ އަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. އަދި އިޓަލީ އަކީ ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލްތަކުގެ ތެރެއިން އެއް މަންޒިލެވެ. އެގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 5.5 އިންސައްތައަކީ އިޓަލީ ފަތުރުވެރިންނެވެ. މިދިޔަ އަހަރު އިޓަލީއިން ރާއްޖެއަށް 71،000 ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2015 ވަނަ އަހަރާ އަޅާ ބަލާއި 8.5 އިންސައްތަ އިތުރު އަދަދެކެވެ.